އުކުޅަހުގައި ނަރުދަމާ ނިޒާމު ގާއިމް ކުރުމަށް ސްޓެޓިކް އާ ހަވާލުކޮށްފި

އއ. އުކުޅަހުގައި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރަނީ --- ސަން ފޮޓޯ: އިހްތިޝާމް މުހައްމަދު

އއ. އުކުޅަހުގައި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

އެންވަޔަރަންމަންޓު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެންވަޔަރަންމަންޓު މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އަދި ސްޓެޓިކް ކޮންޕެނީ ަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓްސް އެންޑް އޮޕަރޭޝަންސް މެނޭޖަރު އިބްރާހީމް ޝަހުދެވެ.

ސްޓެޓިކް އާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 18.8 މިލިއަން ރުފިޔާއަށް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު މިނިސްޓަރު ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅުގައި އެ މަޝްރޫއުގެ އަގު ހަމަޖެހިގެން ގޮސްފައިވަނީ، ސްޓެޓިކް ކުންފުނީގެ ސީއެސްއާރުގެ ދަށުން ބޮޑު ހިއްސާއެއް ވާގޮތަށް ކަމަށް ވިދާޅުވި އެވެ.

އއ. އުކުޅަހުގައި ނަރުދަމާ ނިޒާމު ގާއިމާ ގުޅޭގޮތުން މިނިސްޓަރު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: އިހްތިޝާމް މުހައްމަދު

މުއިއްޒު ވިދާޅުވީ، ނަރުދަމާގެ ނިޒާމު ގާއިމް ކުރުމަކީ، އުކުޅަހުގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުން ދިޔަ ކަމެއް ކަމަށެވެ. އެ މަޝްރޫއުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބެމުންދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި މިސަރުކާރުން އެ ރަށުގައި ފެނުގެ ނިޒާމު ގާއިމްކޮށް ދެއްވާފައިވާކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދު ވިދާޅުވީ އުކުޅަހުގައި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް ކުންފުންޏަކާ ހަވާލުކުރުމުން އެނގިގެން ދަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަކީ ވަކި ޕާޓީއަކަށް ބެލުމަށްފަހު ކަންކަން ކޮށްދެއްވާ ބޭފުޅެއް ނޫންކަން ކަމަށެވެ.

އއ. އުކުޅަހުގައި ނަރުދަމާ ނިޒާމު ގާއިމާ ގުޅޭގޮތުން ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: އިހްތިޝާމް މުހައްމަދު

އަސްއަދު ވިދާޅުވީ އުކުޅަހަކީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރަށެއް ކަމަށާއި ނަމަވެސް ރައީސް ޔާމީން ބޭނުންފުޅުވަނީ އެރަށުގެ ރައްޔިތުންނާ ހަމައަށް ވެސް ތަރައްގީ ގެންދަން ކަމަށެވެ.

"މިކަހަލަ ރައީސުން އަޅުގަނޑުމެން ބޭނުންވަނީ. މި ސަރުކާރުން އުކުޅަހުގެ ބިން ހިއްކައި ނިންމައިފި. މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްގެން ޕާކެއް ހަދައިފި. އުކުޅަހުގެ ފެނުގެ ނިޒާމް އެވަނީ ގާއިމްކޮށްފައި. އެމަނިކުފާނު ވަކި ކުލައަކަށް ނުބައްލަވާނެކަން މިކަމުން ވެސް ހާމަވެގެންދޭ ނޫންތޯ،" އަސްއަދު ވިދާޅުވިއެވެ.

comment ކޮމެންޓް