ގދ. ތިނަދޫގައި އެވިޑް ކޮލެޖްގެ ކެމްޕަހެއް އިފްތިތާހުކޮށްފި

އެވިޑް ކޮލެޖް ކެމްޕަސް ތިނަދޫ އިފްތިތާތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--

ރާއްޖޭގެ ލީޑިން ޕްރައިވެޓް ކޮލެޖެއް ކަމަށްވާ އެވިޑް ކޮލެޖުން މާލޭން ބޭރުގައި ގާއިމްކުރާ ފުރަތަމަ ކެމްޕަސް ގދ. ތިނަދޫގައި އިއްޔެ އިފްތިތާހު ކޮށްފި އެވެ.

މާލޭގައި ދެ ކަމްޕަސް ހިންގަމުން އަންނަ އެވިޑް ކޮލެޖުން ބުނި ގޮތުގައި، ތިނަދޫ ކުރީގެ އުލޫމިއްޔާ ޕްރީ ސްކޫލް ހިންގި އިމާރާތުގައި އިއްޔެ ހުޅުވި އެ ކެމްޕަހަކީ ހުވަދު އަތޮޅަށް އަމާޒުކޮށްގެން ހުޅުވި ކެމްޕަހެކެވެ.

އެވިޑް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ގދ. ތިނަދޫގެ ރަށު ކައުންސިލުގެ މެމްބަރުންނާއި ރަށުގެ ވެރިންގެ އިތުރުން އެ ކެމްޕެހުގެ ކޯސްތަކުގައި ކިޔަވާ ދަރިވަރުން ބައިވެރިވެ ވަޑައިގެންނެވިކަމަށް އެ ކޮލެޖުން ބުންޏެވެ.

ގދ. ތިނަދޫގައި އިފްތިތާހު ކުރެވުން އެވިޑް ކެމްޕަސް--

އިއްޔެ އިފްތިތާހު ކުރެވުނު ތިނަދޫ ކެމްޕަހުގައި ވަނީ މާސްޓަަސް ފެންވަރުގެ ތިން ކޯހެއް ފަށައިފަ އެވެ. އޭގެ ތެރޭގައި މާސްޓަސް އިން ޓީޗީން އިން ޕްރައިމަރީ އަދި ސެކެންޑްރީގެ އިތުރުން މާސްޓަސް އިން އެޑިއުކޭޝަންގެ ކޯހެއް ވެސް ހިމެނޭ ކަމަށް އެކޮލެޖުން ބުންޏެވެ.

އެވިޑް ކޮލެޖުގެ ޑިވެލޮޕްމަންޓް އެންޑް މާކެޓިންގެ ޑިރެކްޓަރު އިބްރާހިމް ނަސީމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެވިޑުގެ އެހެން ކެމްޕަސްތަކެކޭ އެއްގޮތަށް ތިނަދޫގެ ކެމްޕަހުގައި ވެސް ސެޓްފިކެޓް ލެވަލް ތިނަކުން ފެށިގެން ގޮސް މާސްޓަސް ފެންވަރުގެ ހުރިހާ ކޯސްތައް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.

އެވިޑް ކޮލެޖް ކެމްޕަސް ތިނަދޫ އިފްތިތާތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--

ތިނަދޫގެ ކެމްޕަހުގެ ކޯސްތައް ހިންގުމަށް ހަމަޖެހިފައި ވަނީ ވަޒީފާތަކަށް ދާ ފަރާތަތަކަށް އިސްކަންދީގެން އެފަރާތްތަކަށް ވެސް ފަސޭހަވާނެ ގަޑިތަކަށް ފައްތައިގެން ކަމަށް ނަސީމް ވިދާޅުވި އެވެ. އަދި ކޯހުގެ ފީ ވެސް ވަކި ހާއްސަ ރޭޓެއްގައި ހިމެނޭ ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.

އިއްޔެ ރަސްމިިއްޔާތުގައިި ވާހަކަ ދައްކަވަމުން ގދ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނާސިހު ވަނީ އެވިޑް ކޮލެޖުން އެ ރަށުގައި ކެމްޕަހެއް ހުޅުވައިފައިވާތީވެ އެކަމަށް މަރުހާބާ ވިދާޅުވެފަ އެވެ. އަދި ރަށުގެ ކައުންސިލާއި އަދި އަތޮޅު ކައުންސިލުގެ ފުރިހަމަ އެއްބާރުލުމާއި ތާއިދު އެ ކޮލެޖަށް އަބަދު ވެސް އޮންނާނެ ކަމަށް ނާސިހު ވިދާޅުވި އެވެ.

އިއްޔެ ހުޅުވި ކެމްޕަހާ އެކު އެވިޑުން އިންފޮމޭޝަން ސެންޓަރެއްވެސް ގާއިމްކޮށްފައިވާ ކަމަށް އެވިޑުން ބުންޏެވެ. އަދި އެ ސެންތަރުން އެ ކޯސްތަކާ ބެހޭ އެކިއެކި މައުލޫމާތުތަކާއި އަދި އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެ ކަމަށް ވެސް އެވިޑުން ބުންޏެވެ.

comment ކޮމެންޓް