ހަތަރު ރަށެއްގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ހަތަރު ރަށެއްގެ ބަނދަރުގެ ފެންވަރުމަތިކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރަނީ --- ސަން ފޮޓޯ: އިހްތިޝާމް މުހައްމަދު

ހަތަރު ރަށެއްގެ ބަނދަރުގެ ފެންވަރު މަތި ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހީމް ޒިޔަތު އެވެ.

އެ ރަސްމިއްޔާތުގައި އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ، ހއ. ވަށަފަރާއި، ރ. ހުޅުދުއްފާރު އަދި ށ. މާއުނގޫދޫގެ އިތުރުން މ. ވޭވަށު ބަނދަރުގެ މަސައްކަތެވެ.

އެ އެއްބަސްވުމުގެ ދަށުން ހއ. ވަށަފަރު ބަނދަރުގެ ނެރުފައިކަށި 42 މީޓަރަށް ދިގުކޮށް ނެވިގޭޝަން ލައިޓް ހަރު ކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ރ. ހުޅުދުއްފާރު ބަނދަރުގެ ނެރުފައިކަށި 79 މީޓަރަށް ދިގުކޮށް މެއިންޓެނަންސް ޑްރެޖިން ހެދުމާއި ނެވިގޭޝަން ލައިޓް ހަރުކުރުމަށް ހަމަޖެހިފައިވެ އެވެ.

އޭގެ އިތުރުން ށ. މާއުނގޫދޫ ބަނދަރު އަޕްގްރޭޑް ކުރުންވެސް އެ އެއްބަސްވުމުގައި ހިމެނޭއިރު، އެ މަސައްކަތްތައް ނިންމުމަށް ދީފައިވަނީ 200 ދުވަހުގެ މުއްދަތެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 14.4 މިލިއަން ރުފިޔާ އަށެވެ.

އެ މަސައްކަތްތަކުގެ އިތުރުން މ. ވޭވަށު ބަނދަރު ބޮޑު ކުރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 180 ދުވަސް ތެރޭގައި ނިންމުމަށެވެ. 9.4 މިލިއަން ރުފިޔާގެ އަގަކަށް ހަވާލު ކުރި އެ މަޝްރޫއުގެ ދަށުން 58 މީޓަރުގެ ކީވޯލް އެއް ހެދުމާއި، ބަނދަރު މެއިންޓެއިންސް އަދި ޑްރެޖިން ހެދުމުގެ އިތުރުން ބަނދަރު ސަރަހައްދުގައި ޕޭވްމަންޓް ހަދައި މަގުބައްތި ޖެހުމަށް ހަމަޖެހިފައިވެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ، އެ މަޝްރޫއު ނިމުމުން ހަތަރު ރަށުގެ ރައްޔިތުންނަށްވެސް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ނެރުފައިކަށި ހަދަން ހަމަޖެހުނު ދެ ރަށުގައި މީގެ ކުރިން އޮޑި ދޯނި ފަހަރު ނެރަށް އެރުމުގެ ސަބަބުން ދޯނި ފަހަރަށް ގެއްލުންވެ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މުއިއްޒު ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ: އިހްތިޝާމް މުހައްމަދު

މުއިއްޒު ވިދާޅުވީ އެ މަސައްކަތްތައް ނިމުމުން ބަނދަރަށް ވަދެ ނުކުތުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތު ވިދާޅުވީ، އެ މަޝްރޫއުތަކަށް ވަކި މުއްދަތެއް ކަނޑައަޅާފައިވީ ނަމަވެސް އެ މުއްދަތުގެ ކުރިން މަސައްކަތްތައް ނިންމާލާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ ޒިޔަތު ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ: އިހްތިޝާމް މުހައްމަދު

އެ ރަސްމިއްޔާތުގައި ށ. މާއުނގޫދޫ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރައްވާ ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމްވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. މާއުނގޫދޫގައި އޮތީ ވަރަށް ކުރިން ހަދާފައި އޮތް ބަނދަރެއް ކަމަށާއި، ބަނދަރު ކުޑަވުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށާއި، އޮޑި ދޯނި ފަހަރު ގެންގުޅޭ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވާ ކަމަށް އޭނާ އަލީ ސަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްޓީސީސީން އެރަށުގެ ބަނދަރުގެ މަސައްކަތް ކުރާ އިރު، ރައްޔިތުންނާއި ކައުންސިލުންވެސް އެއްބާރުލުން ލިބޭނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ: އިހްތިޝާމް މުހައްމަދު

އެމްޓީސީސީއާ މިއަދު ހަވާލުކުރި ހަތަރު ރަށުގެ ބަނދަރުގެ މަސައްކަތަށް ސަރުކާރުގެ ބަޖެޓުން ޖުމްލަ 23.9 މިލިއަން ރުފިޔާ ޚަރަދު ވާނެ އެވެ.

comment ކޮމެންޓް