ރޮހިންގާ މުސްލިމުންނަށް އެހީވުމަށް އެމްއޭސީއެލް އިން ބައިވެރި ވެއްޖެ

އެމްއޭސީއެލް އިން ރޮހިންގާ މީހުންނަށް އެހީވުމަށްޓަކައި ފަންޑު ފޮށި ބެހެެއްޓުމުގެ ރަސްމިއްޔާތުގެ -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ޓަކައި ދިވެހި ސަރުކާރުގެ ފަރާތުން ހިންގާ ޙާއްސަ ހަރަކާތުގައި މޯލްޑިވްސް އެއާޕޯޓް ކޮންޕެނީ ލިމިޓެޓް (އެމްއޭސީއެލް) އިން ބައިވެރި ވެއްޖެ އެވެ.

މިއަދު އެމްއޭސީއެލް އިން ވަނީ ހުޅުލޭގައި އެއްބައިވަންތަ ކަމުގެ ހިނގާލުމެއް ބާއްވައި ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ޓަކައި ފަންޑު ފޮއްޓެއް ހުޅުވައިފަ އެވެ.

އެމްއޭސީއެލް އިން މިއަދު ބޭއްވި އެއްބައިވަންތަކަމުގެ ހިނގާލުމުގެ ތެރެއިން -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރު މޫސާ ސޯލިހް ވިދާޅުވީ، އެމްއޭސީއެލްގެ ފަރާތުން ރޮހިންގާ މީހުންނަށް އެހީވުމަށް ޓަކައި ތިން ގޮތަކުން ފައިސާ ހޯދަން ނިންމާފައިވާ ކަމަށެވެ. އެއީ މުވައްޒަފުންގެ އެއް ދުވަހުގެ ފުރިހަމަ މުސާރަ ފަންޑު ފޮއްޓަށް ލުމާއި އެއާ ޕޯޓްގައި މީހުން އެންމެ ގިނަވެ އުޅޭ ސަރަހައްދުތަކުގައި ފަންޑުފޮށި ބެހެއްޓުމުގެ އިތުރުން އެއާޕޯޓް އެރައިވަލް ޝޮޕްގެ އެއް ދުވަހުގެ ފައިދާ ރޮހިންގާ މުސްލިމުންނަށް ޓަކައި ހަދިޔާ ކުރުން ކަމަށް ވެސް ސޯލިހް ވިދާޅުވި އެވެ.

ރޮހިންގާ މީހުންނަށް އެހީ ވުމަށްޓަކައި ފަންޑު ފޮށި ބަހައްޓައި އެމްއޭސީއެލްގެ މުވައްޒަފަކު ލާރި ލަނީ -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

ސޯލިހް ވިދާޅުވީ އެމްއޭސީއެލްގެ މުވައްޒަފުންވެގެން މިފަދަ ހަރަކާތްތައް ކުރިޔަށް ގެންދިޔުމުގެ ސަބަބުން މުވައްޒަފުންގެ ތެރޭގައި އެކުވެރިކަން ބަދަހިވެ ގުޅުން ބަދަހިވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އެކަމުގެ ސަބަބުން މަސައްކަތާއި ކުންފުންޏަށް ވެސް އެދެވޭ ބަދަލުތަކެއް އަންނާނެ ކަމަށް ވެސް ސޯލިހް ވިދާޅުވި އެވެ.

ރޮހިންގާ މީހުންނަށް އެހީ ވުމަށްޓަކައި ފަންޑު ފޮށި ބަހައްޓައި އެމްއޭސީއެލްގެ މުވައްޒަފަކު ލާރި ލަނީ -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

އެމްއޭސީއެލްގެ ފަރާތުން ރޮހިންގާ މީހުންނަށް އެހީވުމަށް ހޯދާ ފައިސާ ވެސް ހަވާލުކުރުމަށް ހަމަޖެހިފައި ވަނީ މޯލްޑިވްސް ރެޑް ކްރެސެންޓާ ކަމަށް އެފަރާތުން ބުންޏެވެ.

comment ކޮމެންޓް