އެމެރިކާ ދިފާއު ކުރަން އުތުރު ކޮރެއާ ނައްތާލަފާނަން: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އދގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަނީ -- ފޮޓޯ: ރޮއިޓާސް

އދ. (ސެޕްޓެމްބަރު 20): އެމެރިކާ އާއި އެގައުމަށް ވާގިވެރިވާ ގައުމުތައް ދިފާއު ކުރަން މަޖުބޫރުކޮށްފި ނަމަ އުތުރު ކޮރެއާ ނައްތާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.

ފުރަތަމަ ފަހަރަށް އދ.ގެ އާއްމު މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއަށް މަލާމާތް ކުރައްވައިފައެވެ. އެގޮތުން ކިމް ޖޮންގް އުން އަށް "ރޮކެޓް މޭން"ގެ ގޮތުގައި އިޝާރާތް ކުރައްވައި، އޭނާ ކުރިއަށް ގެންދަވާ މަސައްކަތްތަކަކީ އަމިއްލައަށް މަރުވުމުގެ ނިޔަތުގައި ކުރިއަށްގެންދާ މަސައްކަތްތައް ކަމަށް ވިދާޅުވެފައެވެ.

"އެމެރިކާ އާއި އެމެރިކާއަށް ވާގިވެރިވާ ގައުމުތައް ދިފާއު ކުރަން މަޖުބޫރުކޮށްފި ނަމަ، އަޅުގަނޑުމެންނަށް ޖެހޭނީ އުތުރު ކޮރެއާ އެއްކޮށް ނައްތާލަން،" ޓްރަމްޕް ވިދާޅުވި އެވެ.

އުތުރު ކޮރެއާގެ އިތުރުން ޓްރަމްޕް ވަނީ އީރާނަށްވެސް ބަހުގެ ހަމަލާތައް ދެއްވައިފައެވެ. އެގޮތުން އީރާނަކީ މެދުއިރުމަތީގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާ "ކޮރަޕްޓް ޑިކްޓޭޓާޝިޕެއް" ކަމަށް ވިދާޅުވެފައެވެ. އަދި އެގައުމުން ޓެރަރިޒަމަށް ތާއީދު ކުރުން ހުއްޓާލުމަށާއި، ބަރަކް އޮބާމާގެ ދައުރުގައި އީރާނާއި ދުނިޔޭގެ ގައުމުތަކާ މެދު ހެދި ނިއުކްލިއާ އެއްބަސްވުމަކީ ލަދުވެތި ނިންމުމެއް ކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕްގެ އެބަސްފުޅަށް ތާއިދު ކުރައްވަމުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އީރާނާއެކު ހަދާފައިވާ އެއްބަސްވުން އިސްލާހު ކުރަން ނުވަތަ އުވާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ރައީސް ޓްރަމްޕަށް ރައްދު ދެއްވަމުން އީރާނުގެ ފޮރިން މިނިސްޓަރު ޖަވާދު ޒަރީފް ވަނީ ޓްރަމްޕަކީ މިޒަމާނަށް ފެތޭ ބޭފުޅެއް ނޫންކަމަށާއި، އޭނާއަކީ މެދުތެރޭ ގަރުނުގެ ޖާހިލެއް ކަމަށް ވިދާޅުވެފައެވެ. (ބީބީސީ)

comment ކޮމެންޓް