މެކްސިކޯއަށް އައި ބާރުގަދަ ބިންހެލުމުގައި 149 މީހަކު މަރުވެއްޖެ

މެކްސިކޯ ސިޓީގެ ގިނަ އިމާރާތްތައް ވަނީ ވެއްޓިފައި -- ފޮޓޯ: އޭއެފްޕީ

މެކްސިކޯ ސިޓީ (ސެޕްޓެމްބަރު 20): މެކްސިކޯއަށް އިއްޔެ އައި 7.1 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެއްގެ ސަބަބުން ގިނަ އަދަދެއްގެ އިމާރާތްތައް ވެއްޓި، 149 މީހަކު މަރުވެއްޖެ އެވެ.

މެކްސިކޯގެ މެދުތެރެއަށް އެބިންހެލުން އައީ 1985 ވަނަ އަހަރު އެގައުމަށް އައި ބާރުގަދަ ބިންހެލުމުގެ އަހަރީ ދުވަސް ފާހަގަކޮށް، ބިންހެލުމެއް އައުމުން އަމަލު ކުރާނެ ގޮތުގެ ޑްރިލްއެއް ވެރިރަށް މެކްސިކޯ ސިޓީގައި ކުރިއަށްގެންދަނިކޮށެވެ. އެހެންކަމުން އެގައުމަށް ބިންހެލުމެއް އަންނަ ކަމުގެ އިންޒާރު ދިން ނަމަވެސް، ބައެއް ފަރާތްތަކުން ހީކުރީ އެއީ ޑްރިލްގެ ބައެއް ކަމަށް އޮފިޝަލުން ބުންޏެވެ.

އެ ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 149ށް އަރާ ކަމަށް ސިވިލް ޕްރޮޓެކްޝަން އޭޖެންސީން ބުނާ އިރު، އޭގެ ތެރޭގައި މެކްސިކޯ ސިޓީގެ ސްކޫލެއްގައި ކިޔަވަމުންދިޔަ 21 ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އަދި މެކްސިކޯ ސިޓީގެ މޭޔަރު ވިދާޅުވި ގޮތުގައި އެސިޓީން ވެއްޓުނު އިމާރާތްތަކުގެ ދަށުވި 60 މީހަކު ވަނީ މިހާތަނަށް ސަލާމަތްކޮށްފައެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނި ގޮތުގައި އެބިންހެލުން އައީ މެކްސިކޯ ސިޓީގެ 120 ކިލޯމީޓަރު ދުރުން، 51 ކިލޯމީޓަރު އަޑިއަށެވެ. އޭގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި މީހުން ތާށިވެފައިވާ އިރު، ގާތްގަނޑަކަށް ދެ މިލިއަން މީހުންނަށް ކަރަންޓާއި ފޯނުގެ ހިދުމަތް ކެނޑިފައިވާ ކަމަށް އޮފިޝަލުން ބުންޏެވެ.

މެކްސިކޯއަށް މީގެ 32 އަހަރު ކުރިން އައި 8.0 މެގްނިޓިއުޑުގެ ބިންހެލުމާ ގުޅިގެން އެގައުމުން 10،000 މީހުން މަރުވި އެވެ. (ބީބީސީ)

comment ކޮމެންޓް