ޓްރަމްޕަކީ ނަފްރަތާއި ހަސަދައާއި ތަޢައްސުބުން ފުރިގެންވާ ޖާހިލެއްކަމަށް އީރާނުން ސިފަކޮށްފި

އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް

ތެހެރާން (ސެޕްޓެމްބަރު 20): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ މިޒަމާނަށް ފެތޭ ބޭފުޅެއް ނޫންކަމަށާއި އޭނާއަކީ ނަފްރަތާއި ހަސަދައާއި ތަޢައްސުބުން ފުރިގެންވާ، މެދުތެރޭ ގަރުނުގެ ޖާހިލެއް ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ސިފަކުރައްވައިފިއެވެ.

ޒަރީފް ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގައި ޓްރަމްޕް ދެއްވި ޚިތާބަކީ ނަފްރަތާއި ހަސަދައާއި ތަޢައްސުބުން ފުރިގެންވާ މެދުތެރޭ ގަރުނުތަކުގެ ވިސްނުމުގެ ޚިތާބެއް ކަމަށާ ޓްރަމްޕް ފަދަ ޖާހިލު ބޭފުޅަކު ވެރިކަމުގައި ބެހެއްޓުމަކީ އެމެރިކާގެ ރައްޔިތުންފަދަ ތަހުޒީބު ބަޔަކަށް ހުރި ބޮޑު ލަދެއްކަމުގައެވެ. ޒަރީފް މިހެން ވިދާޅުވީ ޓްރަމްޕް އދ.ގެ އާންމު މަޖިލީހުގައި ދެއްވި ޚިތާބުގައި އީރާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އެގައުމަށް ހަރުކަށި އިންޒާރު ތަކެއް ދެއްވުމާ ގުޅިގެންނެވެ.

ޓްރަމްޕްގެ ޚިތާބުގައި އީރާނަށް ބަހުގެ ހަމަލާތައް ދެއްވަމުން ވިދާޅުވީ އީރާނަކީ އިސްރާއީލު ނައްތާލުމަށް ފާޅުގައި ގޮވާލާ ގައުމެއް ކަމަށާ އަދި އީރާނުގެ ނިއުކްލިޔަރ މައްސަލަ ހައްލު ކުރުމުގެ އެއްބަސްވުމަކީ އެމެރިކާ މިހާތަނަށް ސޮއިކުރި އެންމެ ގޯސް އެއްބަސްވުން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އީރާނަކީ ޓެރަރިޒަމަށް އެހީތެރިވާ އަދި މެދުއިރުމަތީގައި ހަމަނުޖެހުން އުފައްދާ ގައުމެއްކަމަށް ސިފަކުރައްވަމުން ޓްރަމްޕްވަނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ޖަމާއަތްތަކަށާއި އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތަށް ވާގިވެރިވާ ހަމައެކަނި ގައުމަކީ އީރާން ކަމަށް ސިފަކުރައްވާފައެވެ.

މިގޮތުން ޓެރަރިޒަމަށް އެހީތެރިވާ ކަމުގެ ތުހުމަތު އީރާނުގެ ބޮލުގައި އަޅުވަނީވެސް އަދި އީރާން ނުބައި ގައުމަކަށް ވަނީވެސް އީރާނުން އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލައި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ޖަމާއަތްތަކަށް އީރާނުން އެހީތެރިވާތީކަން ޓްރަމްޕްގެ ޚިތާބުން ވަނީ ހާމަވެފައެވެ.

ޓްރަމްޕްގެ ޚިތާބުގައި އުތުރު ކޮރެޔާއަށް ބަހުގެ ހަމަލާތައް ދެއްވަމުން ޓްރަމްޕްވަނީ އެގައުމު އެއްކޮށް ހަލާކުކޮށް ފަނާކޮށްލަން ޖެހިދާނެކަމުގެ އިންޒާރުވެސް ދެއްވާފައެވެ. އުތުރުކޮރެޔާއިން ނިއުކްލިޔަރ ހަތިޔާރު ހެދުން އެއީ ގޯސްކަމެއް ކަމަށް ޓްރަމްޕް ތުހުމަތު ކުރެއްވިއިރު އެމެރިކާއާއި އިސްރާއީލަކީވެސް ނިއުކްލިޔަރ ހަތިޔާރު އުތުރު ކޮރެޔާއަށްވުރެ މާގިނައިން ހަދާފައިވާ ދެގައުމެވެ.

ޓްރަމްޕްގެ ޚިތާބުގައި އަލްގާއިދާއާއި އައިއެސް ފަދަ ހަރުކަށި ޖަމާއަތްތަކުން ހިންގާ ޓެރަރިޒަމްގެ އަމަލުތަކަކީ "އިސްލާމީ ޓެރަރިޒަމް" ކަމަށް ސިފަކުރައްވައި ޓެރަރިޒަމާއި އިސްލާމްދީނާވެސް ގުޅުއްވާފައިވެއެވެ. ނަމަވެސް ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތަކާއި ރޮހިންގްޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ ސަރުކާރުން ހިންގާ ގަތްލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކުގެ މައްޗަށް ޓްރަމްޕްގެ ތަގްރީރުގައި އިޝާރާތް ކުރައްވާފައެއްނުވެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް