މޮރީނިއޯއަށް ވުރެ އަހަރެންނަށް ކޯންޓޭ މާ ރަނގަޅު: ހަޒާޑު

އެޑެން ހަޒާޑު(ކ) އަދި ޗެލްސީގެ ކުރީގެ ކޯޗު ހޯޒޭ މޮރީނިއޯ(ވ)---

ހޯޒޭ މޮރީނިއޯގެ ކޯޗުގެ ކަމުގެ ދަށުން މާ ބޮޑު ކުރިއެރުންތަކެއް ނުލިބޭ ކަމަށާއި ނަމަވެސް އެންޓޯނިއޯ ކޮންޓޭ ކޯޗު ކަމާއި ހަވާލުވިތާ ހަފްތާއެއްގެ ތެރޭގައި ކުރިއެރުން ފެންނަން ފެށި ކަމަށް ޗެލްސީގެ ތަރި އެޑެން ހަޒާޑު ބުނެފިއެވެ.

ޗެލްސީގެ ކޯޗު ކަމުން ދެވަނަ ފަހަރަށް މޮރީނިއޯ ވަކިކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އޭގެ ކުރީ ސީޒަނުގައި މޮރީނިއޯ ވަނީ ޗެލްސީއަށް ޕްރިމިއަރ ލީގު ތަށި ވެސް ހޯދައިދީފައެވެ. ހަބަރުތައް ފެތުރުނު ގޮތުގައި މޮރީނިއޯ އާ ޗެލްސީގެ ބައެއް ކުޅުންތެރިން ކަމަށްވާ ޑިއޭގޯ ކޮސްޓާ އަދި އީޑެން ހަޒާޑާ ދެމެދު ވަނީ މައްސަލަތަކެއް ވެސް ޖެހިފައެވެ.

ޖެހިގެން އައި ސީޒަނުގައި މޮރީނިއޯ ހުރި މަގާމާ ހަވާލުވީ އިޓަލީގެ ތަޖުރިބާކާރު ކޯޗު ކޮންޓޭ އެވެ. ކޮންޓޭ ވަނީ ހަމަ އެ ސީޒަނުގައި ޗެލްސީއަށް ޕްރިމިއަރ ލީގު ކާމިޔާބު ކޮށްދީފައެވެ.

"އަހަރެން ގަބޫލު ކުރާ ގޮތުގައި ކޮންޓޭ ކޯޗު ކަމާއި ހަވާލުވި ފަހުން އަހަރެންގެ އަމިއްލަ ކުޅުން ރަނގަޅު ވާހެން ހީވި. އޭނާ އަކީ މީގެ ކުރިން ވެސް ޔުވެންޓަސްގައި ކޯޗުކޮށް ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗެއް،" ހަޒާޑު ބުންޏެވެ.

މިދިޔަ ސީޒަނުގެ ފަހު ކޮޅު ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން ހަޒާޑަށް މި ސީޒަނުގައި އަދި މާގިނަ ވަގުތު ދަނޑުމަތީގައި ހޭދަ ކުރެވިފައި ނުވާއިރު، ލީގު ކަޕްގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ނިކުންނަ މެޗުގެ ފުރަތަމަ އެގާރައިން ހަޒާޑަށް ފުރުސަތު ލިބިގެންދާނެ ކަމަށް ގަބޫލު ކުރެވެއެވެ.

"ޓެކްޓިކްތައް ވަރަށް ގިނަ. ފޯވާޑެއްގެ ހައިސިއްޔަތުން މާގިނައިން ދުވެ ޑިފެންޑު ކުރުމަކީ އެހާ ކުރާހިތްވާ ކަމެއް ނޫން. ނަމަވެސް މިދިޔަ މެޗުގައި އެނގުން ވަރަށް ރަނގަޅަށް އަހަރެންގެ ރޯލު. އެއީ ރަނގަޅު ނިޝާނެއް." ހަޒާޑު ބުންޏެވެ.

ހަޒާޑު ބުނީ ކޮންޓޭއަކީ ކުޅުންތެރިން ލައްވައި ވަރަށް ގިނައިން ޓްރެއިނިން ކުރުވާ ކޯޗެއް ކަމަށާއި އޭގެ ފޮނި ނަތީޖާ ދަނޑުމަތިން ފެންނަ ކަމަށެވެ.

comment ކޮމެންޓް