މި ސަރަހައްދުގެ ގައުމުތަކުން އިގްތިސޯދީ ނަމޫނާއަކަށް ބަލަނީ ރައީސް ޔާމީން: ފަލާހު

އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ --- ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހު

އަވަށްޓެރި ގައުމުތަކުން ވެސް އިގްތިސޯދީ ނަމޫނާއަކަށް ބަލަނީ ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އިން ރޭ ރ. މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކަށް ވެސް ރާއްޖެ ތަރައްގީ ކުރަން ފުރުސަތު ލިބުނު ކަމަށާއި ނަމަވެސް އެ ސަރުކާރުތަކުން ތަރައްގީގެ މަޝްރޫއުތަކުގެ މަސަތްކަތްކުރީ އަމިއްލަ މަންފާއަށް ކަމަށެވެ. އަދި ރައީސް ޔާމީން ފައްޓާވާފައިވާ ތަރައްގީގެ ބޮޑެތި ބިޔަ މަސްރޫއުތަކުގެ ސަބަބުން އިދިކޮޅު ލީޑަރުންގެ އިތުރުން އަވަށްޓެރި ބައެއް ގައުމުތަކުގެ ވެރިން ވެސް ހަސަދަވެރިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ތިބޭފުޅުން ބައްލަވާ ރައީސް ޔާމީން އިގްތިސޯދީ ނަމޫނާއަކަށް މި ސަރަހައްދުގެ ގައުމުތަކުން ވެސް އެ ބައްލަވަނީ. އެކަމާ ބިރުން ރުޅިއަރައިގަނެގެން އެބައުޅޭ މިތާ ކައިރީ އަވައްޓެރި ބައެއްގައުމުތަކުގެ ވެރިން ވެސް،" ފަލާހު ވިދާޅުވިއެވެ.

ރާއްޖޭގައި ހިންގާ ބައެއް ތަރައްގީގެ މަޝްރޫއުތަކަށް އިޝާރަތްކުރައްވައި ފަލާހު ވިދާޅުވީ މާލޭގައި އަޅާ އައިޖީއެމްއެޗުގެ އާ އިމާރާތުގެ ސަބަބުން ބޭސްފަރުވާއަށް ދިވެހީން ރާއްޖެއިން ބޭރައް ދިޔުން ނިމުމަކަށް އައިސް ސަރަހައްދީ ގައުމުތަކުން ބޭސްފަރުވާއަށް ރާއްޖެ އަންނާނެ ކަމަށެވެ.

ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ އިތުރުން ބައެއް ވަޒީރުންނާއި މަޖިލިސް މެންބަރުން ހިމެނޭ ގޮތަށް ރ. އަތޮޅަށް ކުރަމުންދާ ދަތުރަކީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ރައީސް ޔާމީނަށް ކެމްޕެއިންކޮށްދިނުމަށް ކުރާ ދަތުރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަަޅާފައިވާކަން ފާހަގަކުރައްވައި ފަލާހު ވަނީ އެ ދާއިރާއަށް ޕީޕީއެމްގެ މެމްބަރަކު އިންތިޚާބުކޮށްދިނުމަށް ގޮވާލައްވާފައެވެ.

"މަޑުއްވަރީ ވާނެ ރ. އަތޮޅުގައި އެމްޑީޕީއަށް ކިޔާ ރަށަކަށް. ނަމަވެސް މިއަދު އަޅުގަނޑުމެނާ މަޑުއްވަރީން ދިމާވީ އެމްޑީޕީގެ އެންމެ ބޭފުޅަކާ. ދެން ތިބި ހުރިހާ ބޭފުޅުން ވެސް ވިދާޅުވީ ރައީސް ޔާމީން ފިޔަވައި އެ ބޭފުޅުން ވޯޓް ލާން ކަމުދާ މީހަކު ނެތޭ،" ފަލާހު ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ތައުރީފް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ އެމަނިކުފާނު ގެންދަވަނީ އިދިކޮޅު ހުރިހާ ލީޑަރުންނަށް ނަމޫނާ ދައްކަވަމުން ކަމަށާއި އެމަނިކުފާނުގެ ރިޔާސީ ދެ ދައުރު ހަމަވިއިރު، ވެރިކަންކުރިގޮތަށް ވެރިކަންކުރަން އިދިކޮޅު ލީޑަރުން ދަސްކުރަން ޖެހޭ ކަމަށެވެ.

"އެމަނިކުފާނު އެ ގެންދަވަނީ ދިވެހި ރާއްޖޭގެ އިގްތިސޯދަށް ރާއްޖޭގެ ހުރި ވަސީލަތްތައް ބޭނުންކޮށްގެން އެ އިގްތިސޯދު އެންމެ ފުރިހަމައަށް ހަރުދަނާ ކުރެވޭނެ ގޮތުގައި ހަރުދަނާ ކުރައްވަމުން،" ފަލާހު ވިދާޅުވިއެވެ.

comment ކޮމެންޓް