ވިވެކްގެ ކެރިއަރު ހަލާކުކޮށްލީ ސަލްމާން!

ވިވެކް އޮބްރޯއި އަކީ ވަރަށް ރަނގަޅަށް ބޮލީވުޑް ކެރިއަރު ފެށި އެކްޓަރެކެވެ. ނަމަވެސް ކެރިއަރުގެ ވަރަށް ކުރީކޮޅު ސުޕަސްޓާ ސަލްމާން ޚާން އާ ޖެހުނު މައްސަލަ އެއްގެ ސަބަބުން ވިވެކްގެ ކެރިއަރު ވަރަށް ބޮޑު އަނދަވަޅަކަށް ވެއްޓިގެން ދިޔަ އެވެ. އަދި އެރި ބާރު މިނުގައި ވިވެކް ގޮސް އޮއްސުނީ އެވެ.

މީގެ ކުރިން ވިވެކް ދުވަހަކު ވެސް އޭނާގެ ކެރިއަރު ބަދަލުވެގެން ދިޔަ ގޮތާ ގުޅޭގޮތުން ވާހަކައެއް ނުދައްކައެވެ. ނަމަވެސް ނޫހަކަށް ދިން އިންޓަވިއު އެއްގައި ވިވެކް މިވަނީ އޭނާގެ ކެރިއަރު ހަލާކުކޮށްލީ ސަލްމާން ކަމަށް ބުނެފައެވެ.

ސަލްމާން އާއި ވިވެކް އާ ދެމީހުންގެ މައްސަލަ ޖެހުނީ ބަތަލާ އައިޝްވާރްޔާ ރާއީ ބައްޗަންގެ ސަބަބުންނެވެ. ސަލްމާން އާ ވަކިވުމަށްފަހު އައިޝްވާރްޔާ ލޯބީގެ ގޮތުން ގުޅުނީ ވިވެކް އާއެވެ. އެއާއެކު ސަލްމާންގެ ބްލެކްލިސްޓަށް ވިވެކް އެރި އެވެ. ސަލްމާންގެ ބްލެކްލިސްޓަށް އެރުން ވެގެން ދިޔައީ މުޅި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ އެންމެންގެ ބްލެކްލިސްޓަށް އެރުން ފަދަ ކަމަކަށެވެ.

ވިވެކް ފިލްމީ ދާއިރާއަށް ނުކުތީ ކާމިޔާބު ފިލްމު 'ކޮމްޕެނީ' އިންނެވެ. އެއަށްފަހު ދެން ވެސް ފެނިގެން ދިޔައީ ކާމިޔާބު ފިލްމެއް ކަމުގައިވާ 'ސާތިޔާ' އިންނެވެ. ކެރިއަރު އުޖާލާކޮށް އޮއްވައި ސަލްމާން އާދެމެދު ހަމަނުޖެހުން ހިނގީ އެވެ. އަދި ވިވެކްގެ ކެރިއަރު ބަނަވެގެން ދިޔައެވެ.

"ހީވީ ބާރުގަދަ ފަރާތަކުން އަހަންނާ ދެކޮޅަށް ފަތުވާ އެއް ނެރުނު ހެން. ޕާސަނަލް ދިރިއުޅުމުގައި މައްސަލަ ޖެހުމާ އެކު ކެރިއަރުގައި ވެސް މައްސަލަތައް ދިމާވާން ފެށީ. ހިޓް ފިލްމެއް ކުޅުނަސް އިތުރު އެއްވެސް މަސައްކަތެއް ނުލިބުނު،" ވިވެކް ބުންޏެވެ.

ވިވެކްގެ 'ޝޫޓްއައުޓް އެޓް ލޮކަންޑްވާލާ' އަކީ ވެސް ބޮޑު ހިޓެކެވެ. ނަމަވެސް އެއަށްފަހު ވެސް އޭނާއަށް މަސައްކަތެއް ނުލިބި އެއް އަހަރު އިންނަން ޖެހުނެވެ.

ވިވެކް އަށް މަސައްކަތް ނުލިބުނީ ސަލްމާންގެ އެންގުމަށް ކަމަށް ވިވެކްގެ ވާހަކަތަކުން ދޭހަވެ އެވެ. ސަލްމާން އަކީ ފިލްމީ ދާއިރާގައި ބަސް ވިކޭ މީހަކަށް ވުމުން، އަލަށް ދާއިރާ އާއި ގުޅުނު ވިވެކް އަށް ކުރެވޭނެ ކަމެއް ވެސް ނެތެވެ.

ވިވެކް އަކީ ސަލްމާން އާ މައްސަލަ ޖެހުނު ހަމައެކަނި އެކްޓަރެއް ނޫނެވެ. ރަންބީރު ކަޕޫރު އަދި ޖޯން އަބްރަހަމް އަކީ ވެސް ސަލްމާންގެ "ބްލެކްލިސްޓަށް" އަރައިފައިވާ ދެ މީހުންނެވެ. ނަމަވެސް އެ ދެ ފަންނާނުންގެ ކެރިއަރަށް އެޅުނު ހުރަހަކަށް ސަލްމާން ނުވި އެވެ.

އައިޝްވާރްޔާ އާއި ލޯބީގެ ގޮތުން ގުޅުމުން އޭނާއަށް ސަލްމާން މަރުގެ އިންޒާރު ދިން ކަމަށް ވެސް ވިވެކް ވަނީ މީގެ ކުރިން ބުނެފައެވެ.

ނަމަވެސް މިހާރު ތިން މީހުންގެ މެދުގައި މައްސަލައެއް އުޅޭކަމަކަށް ނުބެލެވެ އެވެ. އައިޝްވާރްޔާ އާއި ވިވެކް ވެސް މިހާރު ވަނީ އަމިއްލަ ދިރިއުޅުމެއް ފަށައިފައެވެ. ސަލްމާން އަދިވެސް ހުރީ ހުސްކޮށެވެ.

comment ކޮމެންޓް