ލިވަޕޫލަށް ބަދަލުވާން ޗެމްބަލެއިން ނިންމުމަކީ ރަނގަޅު ނިންމުމެއް: ކްލޮޕް

ޔޫގެން ކްލޮޕް އަދި އޮކްސްލޭޑް ޗެމްބަލެއިން---

އިންގްލޭންޑުގެ މިޑްފީލްޑަރު އަލެކްސް އޮކްސްލޭޑް ޗެމްބަލެއިން ލިވަޕޫލަށް ބަދަލުވާން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ލިވަޕޫލުގެ ކޯޗު ޔޫގެން ކްލޮޕް ބުނެފިއެވެ.

އުމުރުން 24 އަހަރުގެ ޗެމްބަލެއިން އާސެނަލް ދޫކޮށް ލިވަޕޫލަށް ބަދަލުވީ 35 މިލިއަން ޕައުންޑުގެ އަގަކަށެވެ. ނަމަވެސް އޭނާ އަށް އަދި މި ސީޒަނުގައި މާގިނަ ފުރުސަތުތަކެއް ލިބިފައި ނުވާއިރު، މިހާތަނަށް ޖުމްލަ ކުޅެފައި ވަނީ 57 މިނެޓެވެ.

ކްލޮޕް ވަނީ އޭނާ އަށް ވަގުތު ދީ އާ ކްލަބަށް ހޭނުމަށް ފުރުސަތު ދީފައެވެ. އަދި ލީގު ކަޕުގައި ލެސްޓާ ސިޓީ އާ ދެކޮޅަށް މިރޭ ލިވަޕޫލް ކުޅޭ މެޗުގައި ޗެމްބަލެއިން ފުރަތަމަ އެގާރައިން ފެންނާނެ ކަމުގައި ޔަގީންކަން ކްލޮޕް ވަނީ ދީފައެވެ.

"އަހަރެން ގަބޫލު ކުރަނީ ޗެމްބަލެއިން އަށް ކްލަބް ބަދަލު ކުރުން ބޯ ހަމަ ޖެހޭ ކަމަކަށް ވާނެ. އޭނާ ލިވަޕޫލުގެ ކަންތައް ހޭނިއްޖެ ވަރަށް ރަނގަޅަށް. އޭނާ އަކީ ރަނގަޅު މީހެއް. އޭނާ އަކީ އިންގްލެންޑު ކުޅުންތެރިއެއް. އޭނާ އަށް މި ގައުމުގެ ކަންކަން ރަނގަޅަށް އެނގޭނެ." ކްލޮޕް ބުންޏެވެ.

ކްލޮޕް ވަނީ ޗެމްބަލެއިން އާސެނަލްގައި ހުރި އިރު އޭނާގެ ފެންވަރު ރަނގަޅު ކުރުމަށް ހުރަސް އެޅިފައިވަ ކަމަށް ބުނާ ވާހަކަތައް ދޮގު ކޮށްފައެވެ. ކްލޮޕްގެ ކޯޗު ކަމުގެ ދަށުން ޗެމްބަލެއިން އިތުރަށް ރަނގަޅު ކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް