ގާސިމްގެ ހިތުގެ އޮޕަރޭޝަނެއް މާދަމަ ކުރަނީ

ގާސިމް އިބްރާހިމް ކުރިމިނަލް ކޯޓުން ނުކުމެވަޑައިގަންނަވަނީ: އޭނާގެ ހިތުގެ އޮޕަރޭޝަނެއް މާދަމާ ކުރަން ވަނީ ހަމަޖެހިފައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހިތްޕުޅުގެ އޮޕަރޭޝަނެއް މާދަމާ ކުރަން ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޖޭޕީގެ ސެކެޓްރީ ޖެނަރަލް އަހުމަދު ސަމީރު 'ސަން' އަށް ވިދާޅުވީ ދެ ގަޑިއިރެއްހާއިރަށް ދެމިގެންދާ އޮޕަރޭޝަނަކަށް މާދަމާ 9:00 ގައި ގާސިމް ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ނޮވެނާ ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

ގާސިމްގެ ހިތުގެ އޮޕަރޭޝަން މާދަމާ ކުރަން ހަމަޖެހިފައިވައިރު ސަމީރު ވިދާޅުވީ އޮޕަރޭޝަން ކަމިޔާބުވުމަށާއި އެމަނިކުފާނުގެ ސިއްހީ ހާލު ވީހާވެސް އަވަހަށް ރަނގަޅުވުމަށް އެދި އެންމާހާ ރައްޔިތުން ހެޔޮދުއާ ކޮށްދެއްވުމަށް ވަރަށް ބޮޑަށް އެދޭ ކަމަށެވެ.

ގާސިމްގެ އާއިލާއިން މީގެ ކުރިން ބުނެފައިވަނީ ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތީ ޑޮކްޓަރު ލަފާދީފައިވަނީ ކޮރޮނަރީ އެންޖީއޯޕްލާސްޓީ އަދި ކޮރޮނަރީ އެންޖިއޯ ޕްލާސްޓީ ހެއްދެވުމަށެވެ.

ބޭސްފަރުވާ އަށް ސިންގަޕޫރަށް ގާސިމް ފުރާވަޑައިގަތީ މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެންމެ ފުރަތަމަ ގާސިމަށް ފަރުވާދީފައިވަނީ ސިންގަޕޫރުގެ ޕެރަގަން މެޑިކަލް ސެންޓަރުގެ ހާޓް، ސްޓްރޯކް އެންޑް ކެންސާ ސެންޓަރުގައެވެ.

ކަރެކްޝަންސް އިން ފުރަތަމަ ނިންމީ ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށް ދެވެން ނެތް ކަމަށެވެ. ނަމަވެސް އެ ނިންމުން މުރާޖާކޮށްދިނުމަށް ގާސިމްގެ އާއިލާ އިން އެދުމުން ވަނީ މުއްދަތު އިތުރު 10 ދުވަހަށް އިތުރުކޮށްދީފަ އެވެ. އެ މުއްދަތު އަންނަ ހޮނިހިރު ދުވަހަށް ހަމަވާނެއެވެ.

ހިތުގެ އާލާސްކަންފުޅަކަށް އެތައް ފަހަރެއްގެ މަތިން ފަރުވާ ހޯއްދެވި ގާސިމް އިތުރު ފަރުވާއަށް ސިންގަޕޫރަށް ފުރުމުގެ ހުއްދަ ސަރުކާރުން ދިނީ އައިޖީއެމްއެޗުން ފަރުވާ ހޯއްދަވަމުން ގެންދަވާތާ 13 ދުވަސް ފަހުންނެވެ.

އަދި އައިޖީއެމްއެޗުން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އޭނާގެ މައްޗަށް ތިން އަހަރާ ދެ މަހާ 12 ދުވަހުގެ ހުކުމެއް ކުރިއިރު، ގާސިމްގެ ޖަލު ހުކުމް، ގޭ ބަންދުގައި ތަންފީޒު ކުރަންޖެހޭ ގޮތަށް ފަހުން ވަނީ ނިންމާފައެވެ.

comment ކޮމެންޓް