ނޭމާ އަކީ ތެދުވެރިއެއް ނޫން، އަހަރެމެން އޭނާ އަށް މާ ބޮޑަށް އިތުބާރު ކުރީ: ބާސާގެ ރައީސް

ނޭމާ ޕީއެސްޖީ ޖޯޒީގައި-- ފޮޓޯ: އޭޕީ

ބޮޑު އަގުގައި ބާސެލޯނާ އިން ޕީއެސްޖީ އަށް ބަދަލުވި ނޭމާ އަކީ ތެދުވެރިއެއް ނޫން ކަމަށާއި ބާސާ އިން މާބޮޑަށް އޭނާ އަށް އިތުބާރު ކުރީ ކަމަށް އެ ކުލަބުގެ ރައީސް ޖޯސެޕް ބާޓޮމެއު ވިދާޅުވެއްޖެއެވެ.

ނޭމާ ޕީއެސްޖީ އަށް ބަދަލުވުމުގައި ގެންގުޅުނު އުސޫލުތަކުގައި އެއްވެސް ތެދުވެރިކަމެއް ނެތް ކަމަށް ބުނެ ބާޓޮމެއު ވަނީ އޭނާ އަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

ބާސާ ދޫކޮށް ދުނިޔޭގެ ރެކޯޑު އަގަކަށް ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އާ ނޭމާ ގުޅުނީ އޯގަސްޓު މަހުގެ ތެރޭގައެވެ. އޭނާ ޕީއެސްޖީއާ ގުޅުނީ 222 މިލިއަން ޔޫރޯ (200 މިލިއަން ޕައުންޑް)ގެ އަގަކަށެވެ. މި ޓްރާންސްފާ ނިމިގެން ދިޔަ އިރު ބޯޓެމެއު ހުންނަން ޖެހުނީ ބަލާށެވެ.

"އަހަރެމެން ނޭމާ އާއި އޭނާގެ އޭޖެންޓަށް މާބޮޑަށް އިތުބާރު ކުރެވުނީ. ކުޅުންތެރިޔަކު ކުލަބު ދޫކޮށް ދާން ބޭނުންނަމަ އެކަން ތެދުވެރިކަމާއެކު ހާމަ ކުރަން ޖެހޭނެ. އަލެކްސިސް ސަންޗޭޒް، ޕެޑްރޯ އަދި ޕެބްރިގާސް ވެސް ކަންތައް ކުރީ އެގޮތަށް." ބޯޓެމެއު ވިދާޅުވިއެވެ.

ބޯޓެމެއު ވިދާޅުވީ ކުޅުންތެރިޔަކު ކުލަބުގައި އުފަލާއެކު މަޑު ކުރަން ބޭނުންވާ ނަމަ އެ ކުޅުންތެރިއެއް ނުހިފަހައްޓާނެ ކަމަށާއި ނަމަވެސް އޭނާ އުންމީދު ކުރީ ނޭމާ އާ ކޮންޓްރެކްޓެއްގައި ސޮއި ކުރުމަށް ކަމަށެވެ.

ބާސާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ އެ ކުލަބުގައި މަޑު ކުރަން ބޭނުން ތޯ ނޫނީ ނޫން ތޯ ނިންމާނީ އޭނާ ކަމަށާއި އެކަމުގެ އާރާއި ބާރު އޮތީ އިނިއެސްޓާގެ އަތުގައި ކަމަށް ބޯޓެމެއު ވިދާޅުވިއެވެ.

comment ކޮމެންޓް