ރޫނީ ފަރިތަކުރުންތަކަށް ދިޔައީ ޑްރައިވަރާއެކު!

ރޫނީ އޭނާގެ ޑްރައިވަރާއެކު އެވަޓަންގެ ފަރިތަކުރުންތަކަށް ދަނީ ---

އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ވޭން ރޫނީގެ ޑްރައިވިން ލައިސަންސް ދެ އަހަރަށް ހިފަހައްޓުމާ ގުޅިގެން އެވަޓަންގެ ފަރިތަކުރުންތަކަށް ޑްރައިވަރާއެކު އޭނާ ދާން ފަށައިފިއެވެ.

ރޫނީގެ ޑްރައިވިން ލައިސަންސް ދެ އަހަރަށް ހިފެހެއްޓީ އޭނާ ބަނގުރާ ބޮއެގެން ހުރެ ކާރު ދުއްވި ކަމަށް ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ. އޭނާ ވަނީ ފަހުން އެކަމަށް އިއުތިރާފު ވެސް ވެފައެވެ.

މިމަހުގެ އެއް ވަނަ ދުވަހު މަސްތުވެގެން ހުރެ ކާރު ދުއްވާފައި ދަނިކޮށް ފުލުހުން ހުއްޓުވި ރޫނީގެ މައްޗަށް ކޯޓުން ވަނީ ކާރު ދުއްވުން ދެ އަހަރު ވަންދެން މަނާކޮށްފަ އެވެ. އަދި އެއް އަހަރު ތެރޭ 100 ގަޑި އިރުގެ ކޮމިއުނިޓީ ޚިދުމަތް ކުރުމަށް އަންގައި، 230 ޑޮލަރުން އޭނާ ވަނީ ޖޫރިމަނާކޮށްފަ އެވެ.

އުމުރުން 31 އަހަރުގެ ރޫނީ އަކީ އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. އަދި ދާދި ފަހުން އޭނާ ވަނީ މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް، އެވަޓަންއަށް ބަދަލުވެފަ އެވެ.

ރޫނީގެ އަމަލުތަކުގެ ސަބަބުން އެވަޓަން އިން އޭނާ ޖޫރިމަނާ ކުރާނެ ކަމަށް ބެލެވޭ ކަމަށް އޭނާގެ ގާނޫނީ ވަކީލު ވިދާޅުވި އެވެ. އެގޮތުން ރޫނީގެ ދެ ހަފްތާގެ މުސާރަ ކަމަށްވާ 300،000 ޕައުންޑު (406،500 ޑޮލަރު)ން އޭނާ ޖޫރިމަނާ ކުރާނެ ކަމަށް ވަކީލު ލަފާ ކުރައްވައެވެ.

comment ކޮމެންޓް