އެމްއާރްޑީސީއަށް ބަދަލުތަކެއް، ތަފާތު ހަވީރެއް!

މިމަހުގެ 22 ވަނަ ދުވަހު ރަސްފަންނުގައި ބާއްވާ އެމްއާރްޑީސީގެ "ކިޑްސް ފިއެސްޓާ 2017"ގެ ދައުވަތު ކާޑު-- ސަން ފޮޓޯ: އެމްއާރްޑީސީ

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އަކީ، ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތާއި، މަގުތަކުގެ ފެންވަރު ރަނގަޅުކޮށް ބެލެހެއްޓުމުގެ މަގުސަދުގައި މީގެ ހަތް އަހަރު ކުރީން އުފެއްދި ކުންފުންޏެކެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި މި ކުންފުނިން ވަނީ ވަރަށް ގިނަ ކުރިއެރުންތަކެއް ހޯދައި، ރައްްޔިތުންގެ ލޯބިވެސް ހޯދައިފައެވެ.

މީގެ ކުރީން އެމްއާރްޑީސީގެ އަޑު އެހާ ގަދައެއް ނޫނެވެ. ފަހަރެއްގައި ކުންފުނީގެ ދުވެއްޔާއި މިސްރާބު އޭރު ރަނގަޅަށް ފަހި ނުވަނީ ކަމަށްވެސް ވެދާނެއެވެ. އެހެން ނަމަވެސް ވޭތުވެދިޔަ ތިން މަހެއްހާ ކުރު މުއްދަތެއްގެ ތެރޭގައި، އެކުންފުނިން މިވަނީ ތަފާތު ކުރިއެރުންތަކެއް ހޯދައި، ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ކުންފުނީގެ މަސައްކަތްތަކުގެ ސްޕީޑް ވަރަށް ހަލުއިވެއްޖެއެވެ. މަސައްކަތުގެ ފެންވަރު ރަނގަޅުކޮށްފިއެވެ. ކުންފުނީގެ ޕަބްލިކް ރިލޭޝަން (ޕީއާރް) ބައިވެސް ވަރުގަދަކޮށްފިއެވެ. އާންމު ރައްޔިތުންނާ މައުލޫމާތު ހިއްސާކުރުންވެސް ވަރަށް ބޮޑަށް ތަފާތުކޮށްލައިފިއެވެ.

މިހާރު އެމްއާރްޑީސީގެ ކުރިއަށް ހުރި މަޝްރޫއުތަކާއި މިހާރު ކުރިއަށް ދާ މަަޝްރޫއުތަކުގެ ވާހަކަވެސް އެންމެ ތާޒާކޮށް ހަމަ ބަރާބަރަށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެއެވެ.

މިމަހުގެ 22 ވަނަ ދުވަހު ރަސްފަންނުގައި ބާއްވާ އެމްއާރްޑީސީގެ "ކިޑްސް ފިއެސްޓާ 2017"ގެ ދައުވަތު ކާޑު ހަވާލުކުރަނީ-- ސަން ފޮޓޯ: އެމްއާރްޑީސީ

އެމްއާރްޑީސީއަކީ، ހަމަ އެކަނި މަގުތަކާއި ފާލަންތައް ހަދަން، ނުވަތަ އިމާރާތްކުރުމަށް ބޭނުންވާ އެޅިގާ ތައްޔާރުކުރާ ކުންފުންޏެއް ނޫނެވެ. ގައުމުގައި ހިންގާ އިޖްތިމާއީ އަދި އެނޫންވެސް ރައްޔިތުންނާ ގުޅުންހުރި ހުރިހާ ކަމެއްގައިވެސް އެ ކުންފުނިން މިހާރަކަށް އައިސް ވަރަށް ފުޅާދާއިރާއެއްގައި ބައިވެރިވާކަން ފާހަގަކޮށްލަން ޖެހެއެވެ. އެހެންކަމުން މި ކޯޕަރޭޝަނާ މެދު ރައްޔިތުން ދެކޭގޮތް ވެސް ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަން ޔަގީނެވެ.

އެމްއާރްޑީސީގެ ހަތް ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ކުންފުނިން މިހާރު ދަނީ ތަފާތު ހަރަކާތްތަކެއް ރާވަމުންނެވެ. އެގޮތުން، މިމަހުގެ 22 ވަނަ ދުވަހު ރަސްފަންނުގައި ބާއްވާ "ކިޑްސް ފިއެސްޓާ 2017"އަކީ ވަރަށް ޚާއްސަ ހަރަކާތެކެވެ. އެގޮތުން މިދެންނެވި ކުޑަކުދީންގެ ހަވީރަށް، އެހެން ކުންފުނިތަކާއި ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ ވެރީންނަށް ދައުވަތު ދޭގޮތް މީ ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ކަމެކެވެ.

މިމަހުގެ 22 ވަނަ ދުވަހު ރަސްފަންނުގައި ބާއްވާ އެމްއާރްޑީސީގެ "ކިޑްސް ފިއެސްޓާ 2017"ގެ ދައުވަތު ކާޑު ހަވާލުކުރަނީ-- ސަން ފޮޓޯ: އެމްއާރްޑީސީ

އެމްއާރްޑީސީގެ "ކިޑްސް ފިއެސްޓާ 2017"ގެ ދައުވަތު ކާޑު ފަރުމާކޮށްފައި ވަނީ، އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ މަގެއް ސިފަވާގޮތަށެވެ. މަގުގެ އަރިމަތީގައި ޓްރެފިކް ނިޝާންތަކާއި އަދި ބިލްބޯޑެއް ބަހައްޓާފައި ހުރެއެވެ. އެގޮތުން، ދައުވަތުގެ ލިޔުންކޮޅު ފެންނަނީ، މަގުގެ އަރިމަތީގައި ހުންނަ ބޮޑު ބިލްބޯޑުންނެވެ.

ކުންފުނީގެ އަމާޒާއި ތަޞައްވަރުވެސް ވަރަށް ރަނގަޅަށް ސިފަވާ، އަދި އެންމެ ޒަމާނީ ފެންވަރަށް ފަރުމާކޮށްފައިވާ މިދެންނެވި ތަފާތު ކާޑު ހިފައިގެން ދައުވަތު ދިނުމަށް، ކޯޕަރޭޝަންގެ ޓީމުން މުއައްސަސާތަކަށް ޒިޔާރަތްކުރެއެވެ. އަދި ކާޑު ހަވާލުކުރުމަށް ފަހު، ޓްވިޓަރ އަދި ފޭސްބުކް ފަދަ ސޯޝަލްމީޑިއާތަކުގައި އެ މައުލޫމާތު ތަސްވީރާއެކު ހިއްސާކުރެއެވެ. މިއީ ކުރިން މިފަދަ ކުންފުނިތަކުން ފެނުނު މަންޒަރަކަށް ނުވެދާނެއެވެ.

މި ހުރިހާ ކަމަކީވެސް މިހާރު ވިދަމުން އަންނަ އެމްއާރްޑީސީގެ ނަން އަދިވެސް އިތުރަށް ރައްޔިތުންގެ ތެރޭގައި ވިދާލިކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

މިމަހުގެ 22 ވަނަ ދުވަހު ރަސްފަންނުގައި ބާއްވާ އެމްއާރްޑީސީގެ "ކިޑްސް ފިއެސްޓާ 2017"ގެ ދައުވަތު ކާޑު-- ސަން ފޮޓޯ: އެމްއާރްޑީސީ

އެމްއާރްޑީސީގެ މީޑިއާ ކޯޑިނޭޓަރު ފާޠިމަތު މުޞްޠަފާ ވިދާޅުވީ، އަންނަ ހުކުރު ދުވަހު ރަސްފަންނުގައި ކުރިއަށް ގެންދާ ކިޑްސް ފިއެސްޓާ 2017އަކީ ހުރިހާ ފަރާތްތަކަށް ވެސް ހަމަ ހިލޭ ވަދެވޭ ގޮތަށް، ހުޅުވާލައިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. އެހެން ނަމަވެސް، ވަރަށް އަގުހެޔޮކޮށް، ތަކެތި ވިއްކާ އެންމެ ސްޓޯލެއް ހުންނާނޭ ކަމަށެވެ.

"އެންމެ ސްޓޯލެއް ހުންނާނެ ވަރަށް އަގުހެޔޮކޮށް ތަކެތި ވިއްކާ. އަޅުގަނޑުމެން ނިންމާފައި ވަނީ އެ ސްޓޯލުން ތަކެތި ވިއްކައިގެ ލިބޭ ފައިސާ ކުޑަކުދީންގެ ހިޔާއަށް ހަދިޔާކުރަން،" ފާތުން ވިދާޅުވިއެވެ.

އެމްއާރޑީސީން ބުނީ، ރަސްފަންނުގައި ބާއްވާ ކުޑަކުދީންގެ ހަވީރުގައި، ކުރިން ފާހަގުރި ސްޓޯލްގެ އިތުރުންވެސް ތަފާތު ސްޓޯލްތައް ހުންނާނޭ ކަމަށެވެ. އަދި މި ހުރިހާ ތަނެއްވެސް އެއީ ހަމަ ކުދީންނަށް ހިލޭ ވަދަވޭގޮތަށް ހުރި ސްޓޯލްތަކެއް ކަމަށެވެ. ސްޓޯލްތަކުގައި ކުޑަކުދީން ކުޅޭހިތްވާ ތަފާތު ކުޅިވަރުތައް ހުންނާނެއެވެ. އަދި އެމްއާރްޑީސީގެ ވެހިކަލްތައް ދުއްވާލުމާއި އެ ތަކެއްޗާއެކު ފޮޓޯ ނަގާލުމުގެ ފުރުސަތު ކުދީންނަށް ލިބިގެން ދާނެއެވެ.

މިމަހުގެ 22 ވަނަ ދުވަހު ރަސްފަންނުގައި ބާއްވާ އެމްއާރްޑީސީގެ "ކިޑްސް ފިއެސްޓާ 2017"ގެ ދައުވަތު ކާޑު ހަވާލުކުރަނީ-- ސަން ފޮޓޯ: އެމްއާރްޑީސީ

އެމްއާރްޑީސީގެ އެދުމަކީ ކުންފުނީގެ ހަތްވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރަސްފަންނުގައި ކުރިއަށް ގެންދާ ހަރަކާތުގައި ވީހާވެސް ގިނަ ކުޑަކުދީންނާއި އެކުދީންގެ އާއިލާތައް ބައިވެރިވުމެވެ.

މި ހުރިހާ ކަމަކީ އެމްއާރްޑީސީގެ މިސްރާބު ތަފާތުކޮށްލުމުގެ މަލަމަތިކަމަށްވުން ވެސް އެކަށީގެންވެއެވެ. ކުންފުނީގެ މާކެޓިންއަށް ގެނައި ބަދަލުތަކާއި އާ އުކުޅުތައް ބޭނުކުރަމުން ދިއުމަކީ ކުންފުނީގެ މަސައްކަތްތަކުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަވާ ކަމެކެވެ.

comment ކޮމެންޓް