ދާއިރާ ކެމްޕޭނަށް މެޑަމް ފާތުން މަޑުއްވަރީ އަދި މީދޫއަށް

މެޑަމް ފާތުން ރ މަޑުއްވަރީގައި --- ފޮޓޯ/ ޕީޕީއެމް

މަޑުއްވަރީ ދާއިރާގެ މަޖިލިސް ކެމްޕޭނަށް މެޑަމް ފާތިމަތު އިބްރާހިމް ދާއިރާގައި ހިމެނޭ މަޑުއްވަރީއަށް ވަޑައިގެންފި އެވެ.

މެޑަމް ފާތުން މިއަދު ފެއްޓެވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ މަޑުއްވަރީ އަށެވެ. މިއަދުގެ ވަގުތެއްގައި މެޑަމް ރ. މީދޫއަށް ވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ދަތުރުފުޅުގެ މަގުސަދަކީ ކޮބައިތޯ 'ސަން' އިން ސުވާލު ކުރުމުން ދަތުރުގައި ބައިވެރިވެ ވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވީ ދަތުރުފުޅަކީ މަޖިލީހުން ހުސްވެފައިވާ މަޑުއްވަރީ ދާއިރާގެ ގޮނޑިއަށް ކެމްޕޭން ކުރުން ކަމަށެވެ.

މެޑަމް ފާތުން ރ. މަޑުއްވަރީގައި --- ފޮޓޯ/ ޕީޕީއެމް

އެހެންނަމަވެސް މެޑަމް ފާތުން ދަތުރުފުޅުގައި ވަޑައިގެންނެވީ ރައްޔިތުންނަށް ބައްދަލު ކުރެއްވުމަށް ކަމަށް މޫސަ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މަގްސަދަކީ މަޖިލީހުން ހުސްވެފައިވާ ގޮނޑިއަށް ކެމްޕޭން ކުރެއްވުން. އެއީ ދާއިރާގައި އޮތް ތާއީދު ބަލާލައި މިފަދަ ކަންކަން ކުރުން،" މޫސަ ވިދާޅުވި އެވެ.

ޕީޕީއެމުން ކެމްޕޭން ފަށާފައިވާ އިރު އަދި ކުރިމަތިލާނެ ވަކި ކެންޑިޑޭޓެއް އެ ޕާޓީން ކަނޑައެއް ނާޅަ އެވެ. މޫސަ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އިންތިހާބު އިއުލާނު ކުރުމާ އެކު ކެންޑިޑޭޓެއް ކަނޑައެޅުމުގެ ކަންކަން ވެސް ކުރިއަށް ދާނެ ކަމަށެވެ.

މެޑަމް ފާތުން ރ. މަޑުއްވަރީގައި --- ފޮޓޯ/ ޕީޕީއެމް

ޖުމްލަ ހަ ދާއިރާއެއްގެ ބައި އިލެކްޝަން ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާނުކޮށްފަ އެވެ. އެއީ މަޑުއްވަރީ ދާއިރާ، ދިއްދޫ ދާއިރާ، ތުލުސްދޫ ދާއިރާ، ދަނގެތި ދާއިރާ، މާފަންނު މެދު ދާއިރާ، ވިލިގިލި ދާއިރާ އެވެ.

އެ ދާއިރާތަކުގެ މެމްބަރުންގެ ފަރާތުން ވަނީ ބައި އިލެކްޝަން ހުއްޓުވައި ދެއްވުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.

comment ކޮމެންޓް