ވިހި ޓީމާއެކު އައިލެންޑް ކަޕް ފަށައިފި

އައިލެންޑް ކަޕްގެ ދެވަނަ މެޗުން މޮޅުވި ރ. އަލިފުށީ ޓީމު: އެ މުބާރާތުގައި މިއަހަރު ޖުމްލަ 20 ޓީމެއް ވާދަކުރޭ ---

ރައިޒިން ސްޓާސް ފޯ ވިލުފުށީ ރެކްރިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ އެޗްއޭއެފް އައިލެންޑް ކަޕް 2017ގެ ކުޅުން ފަށައިފިއެވެ.

މާފަންނު ސްޓޭޑިއަމް ވެލިދަނޑުގައި ކުރިއަށްދާ ފުޓްސަލް މުބާރާތުގައި ރޭ އަށް މެޗެއްގެ ކުޅުން ކުރިއަށްދިޔައެވެ.

އެ މުބާރާތުގެ ފުރަތަމަ މެޗުގައި ތ. ބުރުނި އަތުން ތ. ތިމަރަފުށި މޮޅުވީ 3-0 ލަނޑުންނެވެ. އެ މެޗުގައި ތިމަރަފުށިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަބްދުﷲ ޒިޔާން ކާމިޔާބުކޮށްދިންއިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ހަމްދާނެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ގދ. މަޑަވެލި އަތުން ރ. އަލިފުށި މޮޅުވީ 5-2 ލަނޑުންނެވެ. އެ މެޗުގައި އަލިފުށިން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އިސްމާއިލް މަމްދޫހާއި އާދަމް އިމްރާން، ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ރިޒްނީއެވެ. މަޑަވެލީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ނަސީފް ހަސަނާއި ޒައްމަތު މުހައްމަދެވެ.

ތިންވަނަ މެޗުގައި ތ. ގާދިއްފުށި އަތުން މ. ކޮޅުފުށި މޮޅުވީ 5-1 ލަނޑުންނެވެ. އެ މެޗުގައި ކޮޅުފުށިން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ސުޖާއު ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ އަސްނާދާއި މިސްބާހް އަދި ފިރުޝާނެވެ. ގާދިއްފުށީގެ ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން ޒާހިރެވެ.

މުބާރާތުގެ ހަތަރުވަނަ މެޗުގައި ދ. ކުޑަހުވަދޫ އަތުން ކ. ގުޅި މޮޅުވީ 3-2 ލަނޑުންނެވެ. އެ މެޗުގައި ގުޅި ޓީމުން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ސިމާހު ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަނޫޝްއެވެ. އެ މެޗުގައި ކުޑަހުވަދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ލުގުމާނާއި މުއާދުއެވެ.

އެ މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު، ޅ. ކުރެންދޫ އަތުން ބ. ހިތާދޫ މޮޅުވީ 4-0 ލަނޑުންނެވެ. ދ. މާއެނބޫދޫ އަތުން 4-1 ލަނޑުގެ ނަތީޖާއަކުން ފ. ނިލަންދޫ މޮޅުވިއިރު، ކ. ތުލުސްދުއާއި ސ. ފޭދޫ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 3-3 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. ރޭ ކުޅުނު ފަހު މެޗުގައި ބ. ކިހާދޫ އަތުން ލ. ގަން މޮޅުވީ 7-3 ލަނޑުންނެވެ.

އައިލެންޑް ކަޕްގައި މިއަހަރު 20 ޓީމު ވާދަކުރާއިރު، އެ ޓީމުތައް ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިފައެވެ. ކޮންމެ ގްރޫޕެއްގައި ވެސް ފަސް ޓީމު ހިމެނެއެވެ.

comment ކޮމެންޓް