ފާރިސްގެ މައްޗަށް ކުރި ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާގެ އަޑުއެހުން ކެންސަލް ކޮށްފި

ފާރިސް މައުމޫން ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ މ. ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވުމަށް ތާވަލު ކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ، އެ މައްސަލައަކީ ކުރިންވެސް ކެންސަލް ކޮށްފައިވާ އަޑުއެހުމެއް ކަމަށާއި، އެހެން ނަމަވެސް ޝެޑިއުލްގައި އެ މައްސަލައިގެ އަޑުއެހުން އޮތްކަމަށް ޖެހިފައިވަނީ ކަމަށެވެ. އަަދި އެއްވެސް ފަރާތަކަށް އެ އަޑުއެހުމަށް ޗިޓު ފޮނުވާފައިނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފާރިސް މައުމޫންގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ، ދައުލަތުން އުފުލީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި ފާރިސް ބޭނުންވާ ވަކިގޮތަކަށް އެ ވޯޓުގެ ނަތީޖާ ބަދަލުކޮށްލުމަށް ޓަކައި މަޖިލިސް މެމްބަރުނަންނަށް ރިޝްވަތުދިން ކަމަށް ތުހުމަތު ކުރެވޭތީއެވެ.

ފާރިސްގެ މައްޗަށް ދައުވާކޮށް އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވީ، މިދިޔަ އޯގަސްޓު މަހުގެ 20 ވަނަ ދުވަހުއެވެ. އަދި އެ މަހުގެ 28 ވަނަ ދުވަހު ދައުވާއާ ގުޅޭ ލިޔުންތައް ދައުލަތުން ފާރިސް އާ ވަނީ ހަވާލުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ޖުލައި މަހުގެ 18 ވަނަ ދުވަހު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ވެސް އަމުރުކޮށްފައެވެ.

comment ކޮމެންޓް