ސައޫދީ ސަލާމަތީ ބާރުތަކުން އެ ގައުމުގެ ނަން މަޝްހޫރު އިތުރު ބޭފުޅުންތަކެއް ހައްޔަރުކޮށްފި

ސައޫދީ ސަލާމަތީ ބާރުތައް

ރިޔާޒް (ސެޕްޓެމްބަރު 19): ސައޫދީ ސަލާމަތީ ބާރުތަކުން އެ ގައުމުގެ ނަން މަޝްހޫރު އިތުރު ދީނީ އިލްމުވެރިންނާއި ޔުނިވަރސިޓީތަކުގެ ބައެއް ޕްރޮފެސަރުންނާއި ޝަރުޢީ ދާއިރާގެ ބައެއް ބޭފުޅުން ހައްޔަރުކޮށްފިކަމަށް ޚަބަރު ލިބިއްޖެއެވެ.

ސައޫދީ އެތެރޭގެ ބައެއް ފަރާތްތަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން އަލަށް ހައްޔަރުކުރި އިސްބޭފުޅުންނާއި އިންޓެލެކްޗުއަލް ބޭފުޅުންގެ ތެރޭގައި ކިންގް ސައޫދޫ ޔުނިވަރސިޓީގެ ޕްރޮފެސަރ ޑރ. އަބްދުލްއަޒީޒް އައްޒަހްރާނީ އާއި ފަނޑިޔާރެއްކަމަށްވާ ޔޫސުފް އަލްފަރާޖް އާއި ޖަސްޓިސް މިނިސްޓްރީގެ ބައެއް ވެރިން ހިމެނެއެވެ. މީގެތެރޭގައި ޖަސްޓިސް މިނިސްޓްރީގެ ވަކީލު އަދި ޖަސްޓިސް މިނިސްޓަރުގެ ބިއުރޯގެ ވެރިޔާގެ މަގާމުގައި ހުންނެވި އަޙްމަދު އުމައިރާ ހިމެނިވަޑައިގަންނަވާ ކަމަށްވެއެވެ.

މީގެއިތުރުން ސައޫދީ ކުރީގެ ރަސްގެފާނު ފަހްދު ބިން އަބްދުލްއަޒީޒްގެ ދަރިކަލުން އަބްދުލްއަޒީޒް ބިން ފަހްދުވެސް ހައްޔަރުކޮށްފައިވާ ކަމަށް ވަރަށް އިތުބާރުހުރި ފަރާތްތަކަކުން މީޑިޔާއަށް ކަށަވަރުކޮށްދީފައިވެއެވެ.

މިދިޔަ ހަފްތާގައިވެސް ސައޫދީ ސަލާމަތީ ބާރުތަކުންވަނީ އެގައުމުގެ އިސް ބައެއް ދީނީ އިލްމުވެރިންތަކެއް ހައްޔަރުކޮށްފައެވެ. މިދިޔަ ހަފްތާގައި ހައްޔަރުކުރި އިސްލާމީ އިލްމުވެރިންގެ ތެރޭގައި ޝައިޚް ސަލްމާން އަލްޢަވްދާއާއި ޝައިޚް ޢިވަޟުލްގިރްނީ އާއި ޝައިޚް އަލީ އަލްޢުމްރީ އާއި އޭގެއިތުރުން ވިހި އިލްމުވެރިން ހިމެނިވަޑައިގަންނަވާ ކަމަށް ވެއެވެ. މި ބޭފުޅުންގެ އާއިލާތަކުން ވަނީ ސައޫދީ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުގައި އެބޭފުޅުން ވާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެބޭފުޅުން ހައްޔަރުކުރިކަން ސައޫދީ ސަލާމަތީ ބާރުތަކުން ވެސް އަދި ސައޫދީ ސަރުކާރުގެ މަސްއޫލުވެރިއަކު ވެސް ހާމަކުރައްވާފައެއް ނުވެއެވެ.

އިއްޔެ ހައްޔަރުކުރި ކަމަށް މައުލޫމާތު ލިބޭ ބޭފުޅުން ހައްޔަރު ކުރިކަން ނުވަތަ ނޫންކަންވެސް ސައޫދީ ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. ބޭރުގައުމުތަކުގައި ތިއްބަވާ ސައޫދީ ރަސްކަމުގެ ނިޒާމާ އިދިކޮޅު ފަރާތްތަކުންވަނީ މިދިޔަ ހުކުރުދުވަހު ސައޫދީގައި ސަރުކާރާ ދެކޮޅަށް އެއްވުމެއް ބޭއްވުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ސައޫދީ ސަލާމަތީ ބާރުތަކުންވަނީ އެކަން ނާކާމިޔާބުކޮށްލާފައެވެ. އިއްޔެ ހައްޔަރުކޮށްފައިވަނީ އެ އެއްވުމާ އަދި ސައޫދީ އިދިކޮޅު ފަރާތްތަކާ ގުޅުންހުރި ފަރާތްތައްކަމަށް މައުލޫމާތު ލިބެއެވެ. ސައޫދީ ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފައިވާ ގިނަ އިލްމުވެރިންނާއި އިންޓެލެކްޗުއަލް ބޭފުޅުންނަކީ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ ފިކުރަށް ތާއީދުކޮށް ސައޫދީ ވެރިކަމުގެ ނިޒާމަށް އިސްލާޙީ ބަދަލުތައް ގެނައުމުގެ ވިސްނުން ގެންގުޅޭ ބޭފުޅުންކަމަށްވެއެވެ.

އަދި ސައޫދީ ރަސްކަމަށް ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އިސްވެ ވަޑައިގެންނެވުމަށް ތައްޔާރު ވެވަޑައިގަންނަވަމުންދާކަމުގެ މައުލޫމާތު ފެތުރިފައިވާއިރު މިހާރު ހައްޔަރު ކުރަމުންދަނީ މުހައްމަދު ބިން ސަލްމާން އާ އިދިކޮޅު ވެދާނެ ކަމަށް ޝައްކުކުރެވޭ ފަރާތްތަކެއްކަމަށް ވެސް ސައޫދީ އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

އެމްނެސްޓީ އާއި އިންސާނީ ހައްގުތަކާ ބެހޭ ޖަމްއިއްޔާ ޖަމާއަތްތަކުން ގެންދަނީ ސައޫދީ ގައި މީހުން ހައްޔަރު ކުރަމުން ގެންދާ މައްސަލަ ކުށްވެރިކޮށް ބަޔާންތައް ނެރެމުންނެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް