ޒުވާނުންގެ ހުނަރު ދައްކަން ބޮޑު ހަރަކާތެއް އިންތިޒާމުކުރާ ފުރަތަމަ ޕާޓީ އަކީ ޕީޕީއެމް: ރައީސް

"ވައި-18 ސްޕޯޓްސް ފިއެސްޓާ" އިފްތިތާހު ކުރި ރަސްމިއްޔާތުގައިި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

ޒުވާން އަންހެނުންނާއި ފިރިހެނުންގެ ހުނަވެރި ހަރަކާތްތައް ދައްކުވައިދޭ ބޮޑު ކަމެއް އިންތިޒާމު ކުރާ ފުރަތަމަ ޕާޓީއަކަށް ޕީޕީއެމް ވެގެން ދާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

"ވައި-18 ސްޕޯޓްސް ފިއެސްޓާ" އިފްތިތާހު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއީ ސިޔާސީ ޕާޓީތަކުގެ އާ ސަފުހާއެއް ކަމަށާއި ސިޔާސީ ޕާޓީ އަކީ އެކި ގޮތްގޮތަށް ރައްޔިތުންނާއި ހަމައަށް ގެނެސްދެވޭނެ އެއްޗެއް ކަމަށެވެ.

"ސިޔާސީ ޕާޓީއަކީ އެ ޕާޓީއެއް ހިންގަން ތިބި ބަޔަކު ވިސްނާ ފިކުރުކޮށްގެން އެކި ގޮތްގޮތަށް ރައްޔިތުންނާއި ހަމައަށް ގެނެސްދެވޭނެ އެއްޗެއް. މި ފިއެސްޓާ އަކީ މިފަދަ ކަމެއް، ރައްޔިތުން ބާރުވެރިކޮށް ޒުވާނުންގެ ހުނަރު ދައްކުވައިދޭ ފުރަތަމަ ބޮޑު ކަމެއް އިންތިޒާމު ކޮށް ރާވާ ހިންގާ ޕާޓީ އަކަށް ޕީޕީއެމް ވެގެން ދާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޒުވާނުންނަކީ ބަންދުވެގެން ތިބޭ ބަޔަކަށް ވެގެން ނުވާނެ ކަމަށާއި ޕީޕީއެމް އިން ދައްކުވައިދޭން ބޭނުން ވަނީ ޒުވާނުންގެ "ޓެލެންޓު" ކަމަށެވެ. އެގޮތުން މި "އީދު"ގެ ތެރެއިން އަންހެން އެތުލީޓުންގެ ހިތްވަރާއި، ފިރިހެން ފުޓްސަލް އަދި ފުޓުބޯޅަ ކުޅުންތެރިންގެ ހުނަރު ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ދައުތަލެއް ހިންގުމުގެ އެންމެ ބޮޑު ރައުސްމާލަކީ ޒުވާނުން. އެހެންކަމުން އަޅުގަނޑުމެން ނޭދޭނެ މި ރައުސްމާލަށް އުފެއްދުންތެރިކަމުން ބީވެގެންދާ ފަދަ ގޮތަކަށް ތަންތަނުގައި ބަންދުވެފައި ތިބޭކަށް، އަޅުގަނޑުމެން ދައްކަން ބޭނުން ވަނީ ޒުވާނުންގެ ޓެލެންޓު،" ރައީސް ވިދާޅުވިއެވެ.

ކޮންމެ ކުޅިވަރެއްގައި ވެސް ވާސިލްވާން ބޭނުން ވަނީ ކުރި ބޯއްޓާ ހަމައަށް ކަމަށާއި އެކަމަށް މަގުފަހި ކޮށްދިނުމަށް ޕީޕީއެމް އިން އިސްނަގައިގެން މި ކުރިއަށް ގެންދާ ފިއެސްޓާ ކާމިޔާބު ވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

comment ކޮމެންޓް