"ވައި-18 ސްޕޯޓްސް ފިއެސްޓާ" އިފްތިތާހުކޮށްފި

ރައީސް ޔާމީން "ވައި-18 ސްޕޯޓްސް ފިއެސްޓާ" ލޯންޗު ކޮށްދެއްވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

ޕީޕީއެމް އިން އިސްނަގައިގެން ޒުވާނުންނަށް ހާއްސަކޮށް ބާއްވާ "ވައި-18 ސްޕޯޓްސް ފިއެސްޓާ" އިފްތިތާހު ކޮށްފިއެވެ.

އާޓް ގެލެރީގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސްޕޯޓްސް ފިއެސްޓާ ލޯންޗް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

ވިހި އަތޮޅު ހަޒޯނަކަށް ބަހާލައިގެން ތިން ބުރެއްގެ މައްޗަށް ކުރިއަށް ގެންދާ އެ ސްޕޯޓްސް ފިއެސްޓާގައި އަންހެނުންގެ ވޮލީ މުބާރާތަކާއި ފިރިހެނުންގެ ފުޓްސަލް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

"ވައި-18 ސްޕޯޓްސް ފިއެސްޓާ" އަކީ 2018 ގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީން އަށް ކާމިޔާބު ކުރުމަށް ތާއިދު ހޯދުމުގެ ގޮތުންނާއި ޕީޕީއެމްގެ ކުޅިވަރު މެނިފެސްޓޯގައިވާ ކަންތައްތައް ހާސިލް ކުރެވިފައިވާ މިންވަރު ރައްޔިތުންނަށް ހާމަކޮށްދިނުމަށާއި ޒުވާނުންނަށް ކުޅިވަރު މައިދާނުގައި ކުރިއަށް ދިއުމަށް މަގިފަހި ކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.

އަތޮޅު މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ، ރަނައަޕް ޓީމަށް 30،000 ރުފިޔާ އަދި ފެއާ ޕްލޭ ޓީމަށް 20،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޒޯން މުބާރާތުގެ ޗެމްޕިއަން ޓީމަށް 100،000 ރަނައަޕް ޓީމަށް 75،000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 50،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޗެމްޕިއަނުންގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 200،000 ރުފިޔާ، ރަނައަޕް ޓީމަށް 150،000 ރުފިޔާ އަދި ފެއާ ޕްލޭ ޓީމަށް 75،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަައެވެ.

comment ކޮމެންޓް