އަސްލު ބޭލް ފެންނަން ފަށައިފި: ޒިދާން

ރެއާލްގެ ކޯޗު ޒިދާން (ކ) އާއި ބޭލް ---

އަސްލު ގެރެތް ބޭލް ފެންނަން ފަށައިފި ކަމަށާއި ރޭގެ މެޗުގައި އޭނާ ދެއްކި ކުޅުމުން އެކަން ސާބިތުވާނެ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ރެކޯޑު އަގަކަށް 2013 ވަނަ އަހަރު ރެއާލް އަށް ބަދަލުވި ބޭލް އަށް މި ސީޒަނުގައި އަދި މިހާތަނަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައިނުވާ އިރު، ރެއާލްގެ ސަޕޯޓަރުން ވެސް ދަނީ އޭނާ އަށް ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ.

ނަމަވެސް ސްޕެނިޝް ލީގުގައި ރޭ ރެއާލް ސޮސިއެދާދް އާ ދެކޮޅަށް ކުޅުނު މެޗުގައި ބޭލް ދެއްކި ކުޅުމަށް ކޯޗު ޒިދާން ވަނީ ތައުރީފު ކޮށްފައެވެ. ބޭލް ވަނީ އެ މެޗުގައި ރެއާލްގެ ތިން ވަނަ ލަނޑު ޖަހައި ދީފައެވެ.

"އޭނާ މެޗުގައި ވަރަށް ރަނގަޅު ކުޅުމެއް ދެއްކި. މިހެން މިބުނީ އޭނާ ޖެހި ގޯލުގެ މޮޅު ކަމަކުން ނޫން. އަހަރެން ވަރަށް އުފާވޭ އޭނާ ލަނޑު ޖެހީމަ. އެއީ ފަސޭހަ ލަނޑެއް ނޫން." ޒިދާން ބުންޏެވެ.

ޒިދާން ބުނީ ބޭލް އަށް އޭނާގެ އެންމެ މޮޅު ކުޅުން އަދި ދެއްކޭ ގޮތް ނުވި ނަމަވެސް އެއްމެޗަށްވުރެ އަނެއް މެޗުގައި އޭނާ ދަނީ ރަނގަޅު ވަމުން ކަމަށެވެ. އަދި ވަރަށް އަވަހަށް އަސްލު ބޭލް ފެނިގެން ދާނެ ކަމަށް އޭނާ ބުންޏެވެ.

ސަޕޯޓަރުންގެ ފާޑުކިޔުންތަކަށް ރައްދު ދެމުން އުމުރުން 28 އަހަރުގެ ބޭލް ބުނީ މީހުން ދައްކާ ވާހަކަ ކޮންޓްރޯލު ނުކުރެވޭނެ ކަމަށާއި ނަމަވެސް ދަނޑުމަތީގައި އަމިއްލަ ގޭމް ކޮންޓްރޯލު ކުރެވޭނެ ކަމަށެވެ.

ރޭގެ މޮޅާއެކު ރެއާލް އޮތީ އަށް ޕޮއިންޓާއެކު ލީގުގެ ހަތަރުވަނައިގައެވެ. ތިންވަނައިގައި ނުވަ ޕޮއިންޓާއެކު ސޮސިއެޑާޑް އޮތްއިރު ދެވަނައިގައި 10 ޕޮއިންޓާއެކު އޮތީ ސެވިއްޔާއެވެ. އަދި ލީގުގެ އެއްވަނައިގައި 12 ޕޮއިންޓާއެކު އޮތީ ބާސެލޯނާއެވެ.

comment ކޮމެންޓް