މިއީ ސީޒަނުގައި އެންމެ ރަނގަޅަށް ކުޅުނު މެޗު: މޮރީނިއޯ

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ -- ފޮޓޯ: ބީބީސީ

ރޭ އެވަޓަންއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ދެއްކި ކުޅުމަކީ މި ސީޒަނުގައި އެ ޓީމުން ދެއްކި އެންމެ މޮޅު ކުޅުން ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޔުނައިޓެޑުން ވަނީ 0-4 ގެ ނަތީޖާ އަކުން އެވަޓަން ބަލިކޮށް ލީގުގެ ދެވަނަ މަގާމަށް ޖެހިލާފައެވެ. ތާވަލުގެ އެންމެ ކުރީގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެ ޕޮއިންޓުގެ ގޮތުންނާއި ފައިދާ ގޯލުން އެއްވަރުވި ނަމަވެސް ޔުނައިޓެޑަށް ދެވަނަ ލިބެނީ ސިޓީ އަށް ވުރެ މަދުން ލަނޑު ޖަހައިގެންނެވެ.

"އަހަރެން ގަބޫލު ކުރާ ގޮތުގައި ޕާފޯމެންސް ވަރަށް ރަނގަޅު. ޚާއްސަ ކޮށް ފުރަތަމަ 35 މިނެޓު. މިއީ އަހަރެމެން މި ސީޒަނުގައި ދެއްކި އެންމެ މޮޅު ކުޅުން." މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ އިދިކޮޅު ޓީމަށް ޕްރެޝަރު ކޮށް ބޯޅަ ހޯދަން ޔުނައިޓެޑުން ވަރަށް މަސައްކަތް ކުރި ކަމަށާއި އޭގެ ނަތީޖާ އަކަށް ވީ އެވަޓަން އަށް ރަނގަޅު ހަމަލާއެއް ނުއުފެއްދި ގިނަ ވަގުތު ވުން ކަމަށެވެ.

ޔުނައިޓެޑްގެ މުޅި ސްކޮޑް ވަރަށް ވަރުގަދަ ކަމަށާއި ބެންޗުގައި ވެސް ތަފާތު ދެއްކޭވަރުގެ ކުޅުންތެރިން މި ސީޒަނުގައި އެބަ ތިބި ކަމަށް މޮރީނިއޯ ވަނީ ބުނެފައެވެ.

"ޕެންލްޓީ ޖެހުމުގެ ޒިންމާ އޮންނަނީ ހުއާން މަޓާ އަށް. ނަމަވެސް އޭނާ ދަނޑުމަތީގައި ނެތުމުން އަހަރެން ކުޅުންތެރިންނަށް ދޫކޮށްލީ ޕެންލްޓީ ޖަހާނެ ކުޅުންތެރިއެއް ނިންމުމަށް. މިފަހަރު ޕެނަލްޓީ ޖެހީ މާޝިއަލް،" މޮރީނިއޯ ބުންޏެވެ.

comment ކޮމެންޓް