މާލެ، ކުޅުދުއްފުށި އަދި ލ. އަތޮޅުގައި ބަހުގެ ޚިދުމަތް ދިނުމަށް އެމްޕީއެލްއާ ހަވާލުކޮށްފި

ތިން ރަށެއްގައި ބަހުގެ ހިދުމަތް ދިނުމަށް އެމްޕީއެލްއާ ހަވާލުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރަނީ ---- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާލޭ ސިޓީ އާއި ހދ. ކުޅުދުއްފުށި އަދި ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި ބަހުގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ މިިއަދު ހަވާލުކޮށްފިއެވެ.

މިއަދު މެންދުރުފަހު އެމްޕީއެލްގައި ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމްއެވެ.

ތިން ރަށެއްގައި ބަހުގެ ހިދުމަތް ދިނުމަށް އެމްޕީއެލްއާ ހަވާލުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަހަކަދައްކަވަނީ ---- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވުމުން ހަލީމް ވިދާޅުވީ ކުޅުދުއްފުށީގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު ލާމު ލިންކު ރޯޑްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އިންފްރާސްޓްރަކްޗާތައް ތަރައްގީވަމުންދާވަރަކަށް އެ ރަށްރަށުގައި އަތްފޯރާފަށުގައި ބަހުގެ ޚިދުމަތް ދިނުމަށް އެކުންފުނިން މަސައްކަތް ކުރަމުންދާކަމަށް ވެސް ހަލީމް ވިދާޅުވިއެވެ.

ތިން ރަށެއްގައި ބަހުގެ ހިދުމަތް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަވާލުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގު ހަލީމް ވާހަކަދައްކަވަނީ ----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭނާ ވިދާޅުވީ ލ. އަތޮޅުގައި ބަހުގެ ޚިދުމަތް މަސްދުވަސްތެރޭ ފަށާނެކަމަށެވެ. އަދި އެއްމަސް ދުވަހުގެ ތެރޭގައި ކުޅުދުއްފުށީގައި ބަހުގެ ޚިދުމަތް ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ހަލީމް ވިދާޅުވިއެވެ. އެކުންފުނިން މަސައްކަތް ކުރަމުންދަނީ ކުޅުދުއްފުށީގައި ވެސް މަސް ދުވަހުގެ ތެރޭގައި ބަހުގެ ހިދުމަތް ފެށޭތޯއެވެ. ހަމައެހެންމެ މާ ލަސްތަކެއް ނުވެ މާލޭގައި ވެސް ބަހުގެ ޚިދުމަތްދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ހަލީމް ވިދާޅުވިއެވެ.

އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ވެސް އެމްޕީއެލް އިން އަންނަނީ ބަހުގެ ޚިދުމަތް ދެމުންނެވެ. ހަލީމް ވިދާޅުވީ އެ ދެ ސިޓީގައި ބަހުގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.

ތިން ރަށެއްގައި ބަހުގެ ހިދުމަތް ދިނުމަށް އެމްޕީއެލްއާ ހަވާލުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއެިން: ----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމަށް ރައީސް ޔާމިންގެ ވަރަށް ބޮޑު ތަސައްވުރެއް އެބައޮތް ކަމަށާއި އެ ތަސައްވަރުގެ ދަށުން ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ޒަމާނީ ފެންވަރެއްގައި ވަރަށް ލުއި ގޮތަކަށް ދަތުރުފަތުރުގެ ޚިދުމަތް ހަމަޖެއްސުމަށް މަސައްކަތްކުރުމުންދާކަމަށެވެ.

މީގެ ކުރިންވެސް މާލެއާއި އައްޑޫގައި ބަހުގެ ހިދުމަތް ދިނުމަށް އެމްޑީޕީ ސަރުކާރުން ވަނީ އެމްވީކޭއާ ހަވާލުކުރިއެވެ. އެ ކުންފުނިން ބަހުގެ ޚިދުމަތް ދިނުމަށްފަހު ވަކި ހިސާބަކުން ވަނީ ހުއްޓާލާފައެވެ. އެއަށްފަހު މިފްކޯއާ ވެސް ބަހުގެ ޚިދުމަތް ދިނުމަށް ހަވާލުކުރިއެވެ.

comment ކޮމެންޓް