ރޫނީގެ ޑްރައިވިން ލައިސަންސް ދެ އަހަރަށް ހިފަހައްޓައިފި

އެވަޓަންގެ ފޯވާޑް ވޭން ރޫނީ ވަނީ މަސްތުވެގެން ހުރެ ކާރު ދުއްވި ކަމަށް އެއްބަސްވެފައި -- ފޮޓޯ: ޕީއޭ

އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ވޭން ރޫނީ ބަނގުރާ ބޮއެގެން ހުރެ ކާރު ދުއްވި ކަމަށް ކޯޓުގައި އިއުތިރާފުވެއްޖެ އެވެ.

މިމަހުގެ އެއް ވަނަ ދުވަހު މަސްތުވެގެން ހުރެ ކާރު ދުއްވާފައި ދަނިކޮށް ފުލުހުން ހުއްޓުވި ރޫނީގެ މައްޗަށް ކޯޓުން ވަނީ ކާރު ދުއްވުން ދެ އަހަރު ވަންދެން މަނާކޮށްފަ އެވެ. އަދި އެއް އަހަރު ތެރޭ 100 ގަޑި އިރުގެ ކޮމިއުނިޓީ ހިދުމަތް ކުރުމަށް އަންގައި، 230 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.

އުމުރުން 31 އަހަރުގެ ރޫނީ އަކީ އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާދިން ކުޅުންތެރިޔާ އެވެ. އަދި ދާދި ފަހުން އޭނާ ވަނީ މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް، އެވަޓަންއަށް ބަދަލުވެފަ އެވެ.

ރޫނީގެ އަމަލުތަކުގެ ސަބަބުން އެވަޓަން އިން އޭނާ ޖޫރިމަނާ ކުރާނެ ކަމަށް ބެލެވޭ ކަމަށް އޭނާގެ ވަކީލު ވިދާޅުވި އެވެ. އެގޮތުން ރޫނީގެ ދެ ހަފްތާގެ މުސާރަ ކަމަށްވާ 300،000 ޕައުންޑު (406،500 ޑޮލަރު)ން އޭނާ ޖޫރިމަނާ ކުރާނެ ކަމަށް ވަކީލު ލަފާ ކުރެއްވި އެވެ.

comment ކޮމެންޓް