ނިކަމެތި ފަގީރަކު އެމީހަކީ ފަގީރަކަށް ވެގެން ލަދު ގަންނާކަށް ނުޖެހޭ: އަސްލަމް

ގުޅިފައިވާ ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އަސްލަމް(ވ) ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ސަރުކާރުގެ "ގެދޮރުވެރިކުރުން ޕްރޮގްރާމް"ގެ ދަށުން ފުރަތަމަ އާންމުކުރި ފްލެޓް ލިބޭމީހުންގެ ނަންތައް އާންމު ނުކުރީ އެއީ ތަހްޒީބް ކަމަކަށް ނުވާތީ ކަމަށާއި އެކަމުގެ ސަބަބުން ނިކަމެތި ހާލުގައި ދިރިއުޅޭ މީހުން ބޭޒާރު ވާނެތީކަމަށް ބުނުމުން އެކަމަށް ރައްދު ދެއްވައި އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވާހަކަފުޅު ދައްކަވައިފި އެވެ.

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން މިއަދު މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ ތަހްޒީބް އެކަކު ވެސް އޭނާގެ ހާލު އެހެން މީހަކަށް އިގުމުން ލަދު ނުގަންނާނެ ކަމަށާއި އެއީ ލަދު ގަންނަން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށެވެ.

"އެމީހެއްގެ އަސްލު ހާލު އެހެން މީހަކަށް އެގުމަކީ އެއްވެސް މީހަކު ލަދު ގަންނަން ޖެހޭ ވަރުގެ ކަމެއް ނޫން. ނިކަމެތި ފަގީރަކު އެމީހަކީ ނިކަމަތި ފަގީރަކަށް ވެގެން ލަދުގަންނާކަށް ނުޖެހޭ،" އޭނާ ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ފަހްރުވެރިކަމާ އެކު ގިރުވާނު ކޮޅަށް ޖަހައިގެން ހަމަ އެކަނި އުޅެވާނީ މުއްސަދި މަހުޖަނުންނަށް ނޫން ކަމަށާއި އެ ހައްގަކީ ކޮން ރައްޔިތަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވިދާޅުވީ ފްލެޓް ހައްގުވާ ގިނަ ފާރަތްތަކަކުން ފްލެޓް ލިބުމުން އެމީހުންގެ އާއިލާ މީހުންނާއި ރައްޓެހިންގެ އިތުރުން ސޯސަލް މީޑިއާ މެދުވެރިކޮށް ވެސް އާންމުކުރަމުންދާ ކަމަށާއި އެކަމުން ވެސް ސަރުކާރުން ދައްކާ ވާހަކަތަކުގެ އެއްވެސް އަސްލެއް ނެތްކަން ހާމަވެގެން ދާ ކަމަށެވެ.

"އަޅުގަނޑުމެން ފެނުނީމާ މީހުން އެބަހުއްޓޭ މޭގައި އަތްޖަހާފައި ފްލެޓް ލިބުނު ވާހަކަ ބުނެފައި. ނިކަމެތި ހާލުގައި ތިބި މީހުނަށް ފްލެޓް ލިބުނީމަ އެވާކަ ބުނަނީ އުފަލުން ހިތްހަމަ ޖެހިގެން. އެއަކީ ލަދު ގަންނަން ޖެހޭ ވަރުގެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން، މާލޭގެ ރަށްވެހިންނަށާއި މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ އާއިލާތަކަށް ހާއްސަކޮށްގެން ދޫކުރާ ފްލެޓްތަކުގެ ތެރެއިން މާލޭގެ ކެޓަގަރީ އެކެއް އަދި ދޭއްގެ ފްލެޓްތައް ލިބިފައިވަނީ 661 މީހަކަށެވެ. ފްލެޓް ލިބުނު މީހުންގެ ނަންތަކުގެ ބަދަލުގައި ހައުސިން މިނިސްޓްރީން އާންމުކުރީ ފޯމު ނަންބަރެވެ.

comment ކޮމެންޓް