ޞަޙާބީންގެ މަތިވެރިކަން- 13: ހިތްޕުޅުގެ ތަނަވަސްކަން

ހައްޖު ދުވަހުގެ ފޮޓޯއެއް--- ފޮޓޯ: އޭޕީ

ހިޖުރައިން ސަތާރަވަނަ އަހަރުގެ ފަހުކޮޅު ޝާމްކަރައާއި ޝާމްކަރައިގެ ސަރަޙައްދީ އަވަށްތަކުގައި ޠާޢޫން (Plague) ފެތުރުނެވެ. ހިޖުރައިން 18 ވަނަ އަހަރު އެވަބާވަނީ ވަރުގަދަ ޠޫފާނަކަށްވެފައެވެ. އޭރު ޝާމްކަރައިގައި އޮތް އިސްލާމީ ލަޝްކަރު ކޮމާންޑަރ އިން ޗީފަކަށް ހުންނެވީ އަބޫ ޢުބައިދާ އާމިރު ބުނުލް ޖައްރާޙު ރަޟިޔަﷲޢަންހުއެވެ. އެކަލޭގެފާނުގެ ސިޔާސަތަކަށް ހައްދަވައިފައިވަނީ އިސްލާމީ ލަޝްކަރު މަޑުކޮށްފައިވާ ތާނގައި އެގޮތަށް ތިއްބެވުމެވެ. އަބޫ ޢުބައިދާއަށް ޠާއޫނުގެ އާލާސްކަންފުޅު ޖެހިވަޑައިގެންނެވިއެވެ. އެކަލޭގެފާނު އަވަހާރަވީ އެ އާލާސްކަންފުޅުގައެވެ.

އެކަލޭގެފާނު އަވަހާރަވުމުން އެހިސާބުގަނޑުގައި ތިބި މުސްލިމު ސިފައިންގެ އެންމެ އިސް ވެރިޔަކަށް ވެވަޑައިގަތީ މުޢާޛު ބިން ޖަބަލު ރަޟިޔަﷲޢަންހުއެވެ. އެކަލޭގެފާނުގެވެސް ސިޔާސަތަކީ އޭގެ ކުރިން އަބޫ ޢުބައިދާ ރަޟިޔަﷲޢަންހުވެސް ޢަމަލުކުރެއްވި ސިޔާސަތެވެ. މުޢާޛުގެފާނަށްވެސް ޠާޢޫނު ޖެހިވަޑައިގެންނެވިއެވެ. އެކަލޭގެފާނުވެސް އަވާހަރަވީ އެ އާލާސްކަންފުޅުގައެވެ.

މުޢާޛު ބިން ޖަބަލު ރަޟިޔަﷲޢަންހު އަވަހާރަވުމުން މުސްލިމުންގެ ކޮމާންޑަރ އިން ޗީފަކަށް ހޮވިވަޑައިގަތީ ޢަމްރު ބުނުލް ޢާޞު ރަޟިޔަﷲޢަންހުއެވެ. އެކަލޭގެފާނު ކުރީގެ ކޮމާންޑަރުންގެ ސިޔާސަތު ބަދަލުކުރެއްވިއެވެ. މުސްލިމުން އޭރު ތިބި ތަން ދޫކޮށްލައްވަން އެކަލޭގެފާނު ކަނޑައެޅުއްވިއެވެ. މުއައްރިޚް އިބުނު ކަޘީރު ލިޔުއްވައިފައިވެއެވެ.

މުޢާޛު ބިން ޖަބަލު ރަޟިޔަﷲޢަންހު އަވަހާރަވީހިނދު ޢަމްރު ބުނުލް ޢާޞު މީސްތަކުންގެ މައްޗަށް ވެރިޔެއްކަމުގައި ކަނޑައެޅުނެވެ. އެކަލޭގެފާނު ތެދުވެވަޑައިގެން މީސްތަކުންގެ ތެރޭގައި ތަޤްރީރުކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ މީސްތަކުންނޭވެ! މިބަލި ފެތުރޭންފަށައިފިނަމަ އަލިފާންގަނޑެއް އަނދައިގަންނަ މިސާލުގައި ފެތުރިގެން ހިނގައިދެއެވެ. އެހެންކަމުން ތިޔަބައިމީހުން ފަރުބަދަތަކުގެ މައްޗަށް އަރައި މިބަލީގެ ނުރައްކަލުން އަމިއްލަ ނަފުސު ރައްކައުތެރިކުރާށެވެ.

އެއަޑު އައްސަވައިފައި އަބޫ ވާއިލް ހުޛުލީ ރަޟިޔަﷲޢަންހު ވިދާޅުވިއެވެ. "މާތް ﷲ ގަންދެމެވެ. ކަލޭގެފާނު ތިޔަ ހެއްދެވީ އިތުރުފުޅެކެވެ. އަޅުގަނޑު ވަނީ ސަލާމާއި ސަލަވާތްލެއްވި ރަސޫލާގެ އެކުވެރިކަމުގެ ޝަރަފު ހޯދައިފައެވެ. އަޅުގަނޑުގެ މި ޙިމާރަށްވުރެވެސް ކަލޭގެފާނުގެ ނުބައިކަން ބޮޑެވެ."

ޢަމްރު ބުނުލް ޢާޞު ރަޟިޔަﷲޢަންހު ވިދާޅުވިއެވެ. "މާތްﷲ ގަންދެމެވެ. ކަލޭގެފާނު ތިޔަ ދެއްކެވި ވާހަކަފުޅަށް އަޅުގަނޑު އެއްވެސް ޖަވާބެއް ނާރުވާނަމެވެ." (އަލްބިދާޔަތު ވައްނިހާޔަތު: 7/79)

މިއީ، ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންގެ ހިތްޕުޅުގެތަނަވަސްކަމެވެ. އެބޭކަލުންނަށް އެފަދަ ބޮޑެތި ކާމިޔާބީތަކެއް ޙާޞިލުކުރެއްވުނީ އެހެންވެއެވެ. އެހެނީ ދުނިޔޭގެ އުޞޫލަކީ އެމީހެއްގެ ހިތުގެ ތަނަވަސްކަން ހުރި ވަރަކާ އެއްވަރެއްގެ ކާމިޔާބީއެއް އެމީހަކަށް ލިބުމެވެ.

މިދުނިޔޭގައި އިންސާނުން އުފައްދަވައިފައިވާ ފިޠުރަތު ލާޒިމުކުރާގޮތުން މީސްތަކުންގެ ވިސްނުން ހުންނަނީ ތަފާތުކޮށެވެ. އެމީހެއްގެ ޤާބިލިއްޔަތު މަތިވެރިވި ވަރަކަށް އެމީހަކު ވިސްނާގޮތް ތަފާތުވެއެވެ. ކަން މިހެން ހުރުމާއެކު ވަރުގަދަ ޓީމެއް އުފެއްދުމަށްޓަކައި ބޭނުންވަނީ އެޓީމުގެ މެމްބަރުންގެ ކިބައިގައި ފާޑުކިޔުން ބަރުދާސްތުކުރުމުގެ ބާރުހުރުމެވެ. ޚާއްޞަކޮށް ޓީމުގެ އިސްވެރިޔާ ވާންޖެހޭނީ އެންމެ ހަރުކަށި ފާޑުކިޔުންތައްވެސް ފިނިސިކުނޑިޔަކާއެކު އަޑުއަހާ މީހަކަށެވެ. އެއްބަސްވާ، ދެބަސްވާ މި އިޞްޠިލާޙުތަކަށްވުރެ މަތިވެރި ވިސްނުމެއްގައި މީހުންނާމެދު މުޢާމަލާކުރާ މީހަކަށެވެ.

ތިމާގެ ގާތަށް ފެންވަރުހުރި މީހުންގެ ޓީމެއް ޖަމާކޮށް އެޓީމާއެކު މަތިވެރި މަޤްޞަދެއް ޙާޞިލުކުރެވޭނީ އެމީހެއްގެ ކިބައިގައި އިސްވެ ދެންނެވި ސިފަ ހުންނަ މީހަކަށެވެ. އެބައެއްގެ ކިބައިގައި މިސިފަ ނުހުންނަ މީހުންގެ ވަށައިގެން ޖަމާވާނީ އާދައިގެ ފެންވަރެއްގެ މީހުންނެވެ. އަމިއްލަ އެދުމުން ފުރިފައި ތިބޭ މުނާފިޤު ވައްތަރުގެ މީހުންނެވެ. އެކަހަލަ ބައެއްގެ ޖަމާޢަތަކަށް މިދުނިޔޭގައި އެއްވެސްކަހަލަ މަތިވެރި މަޤްޞަދެއް ޙާޞިލެއްނުކުރެވޭނެއެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންނަކީ ހިތްޕުޅުތަނަވަސް، ޚިޔާލުފުޅު މަތިވެރި، ފިޠުރަތު މާތް އިންސާނުންނެވެ. އެބޭކަލުންނަށް ތާރީފުކުރެވޭ އަޑު އިވިވަޑައިގަތުމުން އުފާފުޅެއް ނުކުރައްވައެވެ. ފާޑުކިޔޭ އަޑު އިވިވަޑައިގަތުމުން ކޯފާއިހެއް ނުކުރައްވައެވެ. އެބޭކަލުން މާތްﷲ މަޢުރިފާ ކުރައްވައިފައިވަނީ އެންމެ ބޮޑު ޙަޤީޤަތުގެ ގޮތުގައެވެ. އެހެންކަމުން އެބޭކަލުންގެ އަރިހުގައި އެހެން ކޮންމެ އެއްޗެއްވަނީ ކުޑަވެފައެވެ. އެބޭކަލުންނަކީ މާތްﷲ ގެ މަތިވެރިވަންތަކަމުގެ ފިކުރުފުޅުގައި ދިރިއުޅުއްވި ބޭކަލުންނެވެ. އެހެންކަމުން ފާޑުކިޔުމާއި ދެބަސްވުންފަދަ ކަންކަމަކުން އެބޭކަލުންގެ ހިތްޕުޅުގެ ހަމަޖެހުމަކަށް ބުރުލެއްނާރައެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންކުރެ ކޮންމެ ބޭކަލަކީ ލީޑަރެކެވެ. އެހެންކަމަށް ވުމާއެކުވެސް އެބޭކަލުންގެ އިސްވެ ދެންނެވި ސިފަފުޅުގެ ސަބަބުން އެބޭކަލުންވަނީ އެއްބައިވަންތަވެ ވަޑައިގެންފައެވެ. އެކަތިގަނޑަކަށް ވެވަޑައިގެންފައެވެ. ހިތްޕުޅުހަމަޖެހިވަޑައި ނުގަންނަވާ ޒާތުގެ ހުރިހާ ކަމެއް އެބޭކަލުންނާވެސް ކުރިމަތިވިއެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް އެބޭކަލުންގެ އެއްބައިވަންތަކަން ރޫޅައެއް ނުލެވުނެވެ. އެއިން އެއްވެސް ކަމަކީ އެބޭކަލުންގެ އެކުވެރިކަމުގައި ރެނދުއަޅުވައިލެވޭފަދަ ކަމަކަށެއްނުވިއެވެ. ހުރިހާ ވައްތަރު ވައްތަރެއްގެ ނުބައެއް އުފެދެނީ ދެބަސްވުމުގެ ސަބަބުންނެވެ. އެބޭކަލުން ކުރީއްސުރެ ތިއްބެވީ ދެބަސްވުމަކީ އެބޭކަލުން އަޅުއްވައިނުލައްވާ ކަމެއްކަމުގައި ހައްދަވައިގެންނެވެ.

(ނުނިމޭ...)

comment ކޮމެންޓް