ހެލިކޮޕްޓަރު ބޭނުންކޮށްގެން މަޑުއްވަރީ މީހާ ހޯދުމުގެ މަސައްކަތް ފައްޓައިފި

އެމްއެންޑީއެފްގެ 'ކުރަނގި' ހެލިކޮޕްޓަރު: މަޑުއްވަރީން ގެއްލުނު މީހާ ހޯދުމަށް ހެލިކޮޕްޓަރު އަންނަނީ ބޭނުން ކުރަމުން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މ. މަޑުއްވަރީން މޫދަށް ގޮސް އުޅުމުގެ ތެރޭގައި ގެއްލުނު އުމުރުން ދުވަސްވީ މީހާ ހޯދުމަށް އެމެއެންޑީއެފްގެ ހެލިކޮޕްޓަރު ހަރަކާތްތެރިވާން ފަށައިފި އެވެ.

މޫދަށްގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދަނީ މ. މަޑުއްވަރީ އާބާދީ ގުލްޝަންގޭ 60 އަހަރުގެ ފިރިހެނެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމީހާ އެންމެ ފަހުން ފެނިފައި ވަނީ އިއްޔެ ހެނދުނު 7:30 އެހާކަންހާއިރު މަޑުއްވަރީ ފުއްޓަރު ފަރާތުގައި ފައިގައި ވެލި މޮޑެން އިންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިޝަރު އިބްރާހިމް އާޒިމް ވިދާޅުވީ އިބްރާހިމް ހޯދުމަށް އެމްއެންޑީއެފްގެ 'ކުރަނގި' ހެލިކޮޕްޓަރު މިއަދު ހެނދުނުން ފެށިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ކަނޑުގެ ސަރަހައްދު ބެލުމުގައި ކޯސްޓް ގާޑްގެ ޑައިވަރުންގެ ޓީމަކާ ކޯސްޓް ގާޑްގެ އުޅަދުތައް ވެސް އިބްރާހިމް ހޯދުމުގެ މަސަތްކަތުގައި ހަރަކަތާތެރިވަމުންދާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އިބްރާހިމް ގެއްލިގެން ހޯދަމުންދާ އިރު އޭނާ ލައިގެން ހުރި މުންޑް އެ ރަށު ހުޅަނގު ފަރާތު މޫދުން އޭނާގެ އާއިލާގެ މީހަކަށް ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

comment ކޮމެންޓް