ދިވެހި ކެއުމާއި ކަނބަލުންގެ ޖާދޫގައި އޮޑިޝާ ޖައްސައިފި!

ސޭސްގައި ބައިވެރިވާ ބައިވެރިން ރާއްޖޭގެ ސުޓޯލުގައި ---

ޒުވާނުންނަށް ދިމާވާ އެކިކަހަލަ ކަންކަމާމެދު މަޝްވަރާ ކުރުމަށް ސާކް ސަރަހައްދުގައި ބާއްވާ، ސައުތު އޭޝިއަން ޔޫތް ސަމިޓް (ސޭސް) މިވަނީ އިންޑިއާގެ އިރުމަތީގައި އޮންނަ އޮޑިޝާ ސްޓޭޓްގެ ބުބަނޭޝްވަރު ސިޓީގައި އިއްޔެ ފަށައިފައެވެ.

ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރާ، މި ފެހި އަވަށުގައި ފެށި އެ ސަމިޓަށް އެތަން ފުރިހަމައަށް ތައްޔާރުވެފައި އޮތްއިރު، މިއީ ދިވެހިންނަށް އާ ތަނަކަށް ވެދާނެއެވެ. ސަމިޓުގައި ބައިވެރިވާ ދިވެހި ވަފުދަށް މިއީ ހަމަގައިމުވެސް އާ މަންޒިލެކެވެ. އޮޑިޝާގެ މީހުންނަށް ވެސް ކަން އޮތީ ދާދި މިހެންނެވެ.

ހުދު ދޮންވެލި ސާލަކުން ވަށާލެވިފައިވާ ފެހި ރީތި ރަށްތަކާއި ފަރުތަކާއި މޫދު އަޑީގެ ރީތިކަން ލިބިފައިވާ ރާއްޖޭގެ ވާހަކަ މީޑިއާތަކުން އެމީހުންނަށް ފެނި އިވިފަ އެބަހުއްޓެވެ. ނަމަވެސް ދިވެއްސަކާ ބައްދަލުވެ އެމީހުންގެ ސަގާފަތާއި ވައްޓަފާޅި އަކީ މި ސިޓީއަށް އާ ކަމެކެވެ.

އެކަން ސޭސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭން ބެހެއްޓި ސްޓޯލަށް ޒިޔާރަތްކުރި އޮޑިޝާ ޒުވާނުންގެ ފަރާތުން ވަރަށް ރަނގަޅަށް ވެސް ފެނިގެންދިޔައެވެ. ރަސްމިއްޔާތުގައި ބެހެއްޓި ދެ ސްޓޯލްގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބުނު ސްޓޯލަކީ ރާއްޖޭގެ ސްޓޯލެވެ.

ފަނުން ރީތިކޮށް، ރާއްޖެ އިސްތިހާރު ކުރުމަށް ހެދި ސްޓޯލުގައި ރާއްޖޭގެ މަސައްކަތްތެރިކަމާއި ސަގާފީ އާދަކާދަތައް ފެންނާނެހެން ދައްކާލަން ބަހައްޓާފައިހުރި އިރު، ލުއި ކާނާގެ ގޮތުގައި ދިވެހިން އާއްމުކޮށް ކައި އުޅޭ ބައެއް ތަކެއްޗާއި ދިވެހި މަސްދަޅާއި ކެއުމުގައި ބޭނުން ކުރާ ބައެއް ތަކެތި ބެހެއްޓިއެވެ.

ސްޓޯލަށް ޒިޔާރަތްކޮށް، ލުއި ކާނާގެ ރަހަ ބެލުމުގެ ފުރުސަތު ދިންއިރު، ކާއެއްޗެހީގެ ރަހަ ބަލައި މީރު ވެގެން އުޅުނު މީހުން މަދެއް ނޫނެވެ. އަދި ސްޓޯލުން ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ ވާހަކަތައް ކިޔައިދީ، ރާއްޖޭގެ ރީތިކަމުގެ ފޮޓޯތައް ދެއްކުމުން ރާއްޖެ އަންނަ ހިތް ޖެހުނު މީހުން ގިނައެވެ.

ރާއްޖޭގެ ސްޓޯލަށް ޒިޔާރަތްކުރި، އެއާ ހޮސްޓްސްކަން ކިޔަވަމުންދާ އޮޑިޝާގެ ޒުވާނުންތަކެއް ބުނި ގޮތުގައި، ރާއްޖޭގެ ރީތި ކަމުގެ ވާހަކަ އަޑު އަހާ ކަމަށާއި އުއްމީދަކީ އެއާ ހޮސްޓެލްކަން ކިޔަވައިގެން ރާއްޖެ ދިއުން ކަމަށެވެ.

އޭގެ އިތުރުން ދިވެހިން ވާހަކަދައްކާ ބަހުރުވަޔާއި ހެދުން އެޅުމާއި ސަގާފަތުގެ މުއްސަނދިކަމާ ގުޅޭ އެތައް ސުވާލެއް ސްޓޯލަށް ޒިޔާރަތްކުރި މީހުން ކުރިއިރު، ރާއްޖެއާމެދު ހުރި ޝައުގުވެރިކަން ފާހަގަވިއެވެ.

އަދި ދިވެހިންގެ އެކުވެރިކަން ފެނި، އެތައް ބައެއްގެ ތައުރީފު ދިވެހިންނަށް ލިބުނުއިރު އޭގެ ތެރެއިން ވެސް ދިވެހި ކަނބަލުންނަށް ލިބުނު ތަރުހީބު ބޮޑެވެ.

ރަސްމިއްޔާތަށް އެހެން ގައުމުތަކުން ވެސް އެގައުމެއްގެ ސަގާފީ ހެދުމުގައި އައިސްތިބިއިރު، ރަތް ލިބާހާއި ދިގު ހެދުމުގައި ތިބި ދިވެހި ކަނބަލުންނާއެކު ނެގި ފޮޓޯތަކުން ދިވެހިންނަށް ލިބުނު ސަމާލުކަން އެނގިގެންދިޔައެވެ.

ދިވެހި ކަނބަލުންނާއެކު ނަފްސީއެއް ނުވަތަ ގްރޫޕް ފޮޓޯއެއް ނުނަގައި، ސްޓޯލަށް ޒިޔާރަތްކުރި ދެ ޖިންސުގެ ޒުވާނުންނާއި މީޑިއާތަކުން ވެސް ދޫ ނުދޭއިރު އެމީހުންނާއެކު ފޮޓޯއަށް އަރަން ޖެހެނީ ވެސް ދިވެހި ކަނބަލުން އެކަންޏެވެ.

comment ކޮމެންޓް