ފަހު ވަގުތު ޖެހި ލަނޑާއެކު ތިނަދޫ އިން މިލަންދޫގެ މައްޗަށް ކުރި ހޯދައިފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ތިނަދުއާއި ކުޑަހުވަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ތިނަދޫ މޮޅުވީ 2-0 ލަނޑުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ފަހު ވަގުތު ކާމިޔާބު ކުރި ލަނޑާއެކު ގދ. ތިނަދޫ އިން ށ. މިލަންދޫގެ މައްޗަށް ކުރި ހޯދައިފިއެވެ.

ރޭ ކުޅުނު އެ މެޗުން މިލަންދޫގެ މައްޗަށް ތިނަދޫ ކުރި ހޯދާފައި ވަނީ ފަހަތުން އަރައި 1-2 ގެ ނަތީޖާ އަކުންނެވެ. މި މޮޅާ އެކު ކުޅުނު ހަ މެޗުން 10 ޕޮއިންޓު ލިބި ތިނަދޫ އޮތީ ލީގުގެ ހަތަރު ވަނައިގައެވެ.

މެޗު ފެށިގެން ރަނގަޅަށް ކުޅެމުން އައީ މިލަންދޫ އެވެ. އެ ގޮތުން މެޗުގެ 25 ވަނަ މިނިޓްގައި މިލަންދޫ ޓީމްގެ މިޑްފިލްޑަރު އާދަމް އިމްރާން ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ފުރަތަމަ ހާފު ނިމުނީ އެ ނަތީޖާގައި އޮވެގެންނެވެ.

ދެވަނަ ވަނަ ހާފް ފަށައިގެން ތިނަދޫ އިން ކުޅުން ރަނގަޅުކުރި އެވެ. ނަތީޖާ އަކަށް ވީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މުހައްމަދު ރިސްވާން ލަނޑެއް ޖަހައި ތިނަދޫ އަށް ނަތީޖާ ހަމަ ހަމަ ކޮށްދިނުމެވެ.

ޕޮއިންޓަކާއެކު މެޗު ނިންމާލަން މަސައްކަތް ކުރަމުން ދިޔަ މިލަންދޫގެ ކުޅުންތެރިން ރޮއްވާލީ މެޗުގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ތިނަދޫގެ ޒުވާން ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) ޖެހި ހިތްގައިމު ގޯލުންނެވެ.

މިއީ ލީގުގައި ފަހު ވަގުތު ލަނޑު ވަދެގެން މިލަންދޫ ބަލިވި ތިން ވަނަ މެޗެވެ. އެގޮތުން ފަހު ވަގުތު ވަން ގޯލަކުން ގްރީން ސްޓްރީޓްސް އާއި މާޒިޔާ އަތުން ވެސް އެ ޓީމު ވަނީ ބަލިވެފައެވެ.

ރޭގެ މެޗުން ބަލިވި މިލަންދޫ އަށް ލިބެނީ ހަ މެޗުން ދެ ޕޮއިންޓެވެ. އެ ޓީމު ލީގުގެ ހަ ވަނައިގައި އޮތްއިރު، އަދި ލީގުގައި މޮޅެއް ނުލިބެ އެވެ.

comment ކޮމެންޓް