ރޮހިންގާ މުސްލިމުން މިޔަންމާއިން ބަނގުލަދޭޝަށް ކުރާ ބިރުވެރި ދަތުރު!

ކަނޑުމަގުން ބަނގްލަދޭޝްއަށް އެތެރެވި ރޮހިންޔާ މުސްލިމު އަންހެނަކު އޭނާގެ ދަރިފުޅު އުރާލައިގެން: އެ މީހުން ބުނަނީ އެއީ ބިރުވެރި އަދި އުނދަގޫ ދަތުރެއް ކަމަށް-- ސަން ފޮޓޯ/ ހުސައިން ހަސަން

(ކޮކްސް ބާޒާރު، ބަނގުލަދޭޝް) - މިޔަންމާގެ ހަރުކަށި ބުޑިސްޓުންނާއި އެ ގައުމުގެ އަސްކަރިއްޔާގެ އަނިޔާތަކަށް ކެތް ނުކުރެވިގެން އެތައް ލައްކަ ރޮހިންގާ މުސްލިމުން ވަނީ ބަންގާޅަށް ޒިޔާރަތް ކޮށްފައެވެ. އަންހެނުންނާއި ކުޑަ ކުދިންނެވެ. މާބަނޑު މީހުންނާއި މުސްކުޅިންނެވެ. ނުކުޅެދޭ ހާލުގައި ތިބި މީހުން އެމީހުންގެ ތެރޭގައި ހިމެނޭ އިރު އޭގެ ތެރެއިން ބަންގާޅަށް އެތެރެވި ގިނަ ބަޔަކު އައީ ނަފް ކޯރު (ބަންގާޅާއި މިޔަންމާ ގުޅުވައިދޭ ކޯރު) ހުރަސްކޮށްފަވެ.

ރޮހިންގާ މުސްލިމުންގެ ހާލަތު ދިވެހީންނާ ހިސާބަށް ގެނެސްދިނުމަށް އިއްޔެ ވެސް ކަޑަތު ކުރަން ޖެހުނީ 50 ކިލޯ މީޓަރަށް ވުރެ ދިގު ރާސްތާއެކެވެ. ބަންގާޅާއި މިޔަންމާ ގުޅޭ ނަފްކޯރާ ހިސާބަށް ދެވުނު އިރު މިޔަންމާގެ އައްސޭރި ފަށް ދުރުން ނަމަވެސް ފެންނަ ވަރު ވަނީ ވެފައެވެ. ރޮހިންގާ މުސްލިމުން ބަންގާޅަށް އަންނަނީ މި އައްސޭރި ފަށުގައިވާ ބިޔަ އަދި ނުރައްކާތެރި ޖަންގަލީގެ ތެރެއިންނެވެ. އެއަށް ފަހު ކުދި އުޅަނދު ފަހަރުގައި ބަންގާޅަށް ދަތުރުކުރަނީއެވެ.

ބަނގްލަދޭޝް އަދި މިޔަންމާ ބޯޑަރު--ފޮޓޯ/ ގޫގުލް

ޖަންގަލީގެ ނުރައްކަލާއި ކުރާން ޖެހޭ ދިގު ދަތުރު!

އިންސާނިއްޔަތާ ހިލާފަށް އަދި ދުނިޔޭގެ މުއާހަދާތަކާ ހިލާފަށް މިޔަންމާގައި ހިންގަމުންދާ ގަތުލު އާންމުން ސަލާމަތްވުމުގެ ދިގު ދަތުރުގައި އެންމެ އުނދަގޫ ރާސްތާއެއް ކަޑަތު ކުރަން ޖެހެނީ ޖަންގަލީގައެވެ. ބަންގާޅުން ދިމާވި ބައެއް ރޮހިންގާ މުސްލިމުން ބުނާ ގޮތުން އެންމެ ގިނަ ބަޔަކު މަރުވެގެން ދަނީވެސް އެ ޖަންގަލީގެ ތެރެއިންނެވެ.

"ހަތް ދުވަސް ވަރު ހޭދަވޭ ޖަންގަލީގެ ތެރޭގައި. ކާނެ އެއްވެސް އެއްޗެއް ނުލާ އަހަރަމެން ދަތުރަށް ފަށަނީ. ކުޑަ ކުދިންނާއި އަންހެން ވެރިން ގޮވައިގެން މި އަންނަން ޖެހެނީ އިރުގެ އަލިކަން ފިލީމާ. އިރުއެރީމަ ފިލަނީ، މިލިޓަރީ މީހަކަށް ފެނިދާނެތީ އަނެއްކާވެސް އިރު އޮއްސުނީމަ ހިނގަން ފަށަނީ. އެގޮތަށް ފިލަން އުޅެނިކޮށް ފެނިއްޖެއްޔާ ހަމަ ކަރު ބުރި ކޮށްލަނީ،" މިދިޔަ ހުކުރު ދުވަހު ބަންގާޅަށް ކަނޑު މަގުން އެތެރެވެފައިވާ އުމުރުން 32 އަހަރުގެ އާމިރުލް ކިޔައިދިނެވެ. އޭނާ ބުނި ގޮތުން އެ ޖަންގަލީގައި އޭނާވެސް ވަނީ ހަ ދުވަހަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައެވެ.

އޭގެ އިތުރުން ކަނޑު މަގުން އެ މީހުން ފަށާ ދަތުރު ވެސް ފަށަނީ އިރު އޮއްސި އަނދިރި ވީމައެވެ.

މިދިޔަ ހުކުރު ދުވަހު ބަންގާޅަށް ކަނޑު މަގުން އެތެރެވެފައިވާ އުމުރުން 32 އަހަރުގެ އާމިރުލް އޭނާ ކުރި ދަތުރު ސަން އަށް ކިޔައިދެނީ--ސަން ފޮޓޯ/ ހުސައިން ހަސަން

ބޯޓު ބަންޑުން ޖަހާލަނީ ޖާގައާ ނުބައްދަލުވާ ވަރަށް މީހުން އަރާތީ

މިޔަންމާއާ އެންމެ ގާތުން ނަފް ކޯރުގެ އައްސޭރި ފަށުގައި އޮންނަ ޝާހުޕަރުދިޕްގައި ދިރިއުޅޭ މީހުންނަކީ އެންމެ ގިނައިން ރޮހިންގާ މުސްލިމުން ކަނޑު މަގުން ދަތުރުކޮށްފައި އައިސް ބަނދަރު ކުރާ ތަނެވެ. އެ ރަށުން ވާހަކަ ދެއްކި މަސްވެރިއަކު ބުނީ މިހާތަނަށް އެތައް ލައްކަ މީހުން ބަންގާޅަށް އެތެރެވެފައި ވާއިރު ނަފް ކޯރު ހުރަސްކޮށް އަންނަ ގިނަ ބަޔަކު ގެނބިގެން މަރުވަނީ އުޅަނދު ތަކުގެ ޖާގައާ ނުބައްދަލު ވާވަރަށް މީހުން ބަރުކޮށްގެން އަންނާތީ ކަމަށެވެ. އަދި އެ ދެމެދުގައިވާ ކޯރަކީ ބިޔަ ރާޅު ނަގާ ކޯރެއް ނޫން ކަމަށްވެސް އެމީހުން ބުންޏެވެ.

"މިއީ ވަރަށް ހަނި ކޯރެއް. އެކަމަކު މިޔަންމާއިން އަންނަ މީހުން ގެނބިގެން މަރުވަނީ ބޯޓު ތަކަށް ނުތަކާވަރަށް މީހުން އަރުވާތީ. އެމީހުން އެ އަންނަނީ ވަރަށް ކުދި ބޯޓުގަ. އެއަށް ގާތް ގަނަޑަކަށް އެރުވޭނީ ވިއްސަކަށް މީހުން. ނަމަވެސް އަހަރަމެންނަށް ފެނިފަ އެބަހުރި އެފަދަ ބޯޓު ތަކުގައި ފަންސާހުން ހަތްދިހައިން މީހުން އަރުވައިގެން އަންނަ މަންޒަރު،" ނަފް ކޯރުގައި މަސްވެރިކަން ކުރާތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ބަޝީރު އޭނާ އަށް ފެނުނު މަންޒަރު ތައް ކިޔައިދިނެވެ.

ނަފް ކޯރުގައި މަސްވެރިކަން ކުރާތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ބަޝީރު އޭނާ އަށް ފެނުނު މަންޒަރު ތައް ކިޔައިދެނީ--ސަންފޮޓޯ/ ހުސެއިން ހަސަން

ބަޝީރުގެ ވާހަކަ ތަކަށް ކުރިން ވާހަކަ ދެއްކި އާމިރުލް ވެސް ވަނީ އިއްތިފާގުވެފައެވެ. އޭނާވެސް ބުނީ ގިނަ އުޅަނދުތައް ބަންޑުން ޖަހާލަނީ މާގިނަ އަދަދަށް މީހުން އަރުވާތީ ނަމަވެސް އެ މީހުންނަށް އިތުރު ގޮތެއްވެސް ނޮންނަނީ ކަމަށެެވެ.

ބަނގްލަދޭޝަށް އަންނަ ރޮހިންގާ މުސްލިމުން ދަތުރުކުރާ ޒާތުގެ ބައެއް ދޯނިތައް ބަންގާޅު ބޯޑަރު އައްސޭރި ދޮށުގައި--ސަން ފޮޓޯ/ ހުސައިން ހަސަން

ޝާހްޕަރިދިޕުން ޓެކްނަފް އައްސޭރިއަށް އަމިއްލައަށް ކުރެވުނު ދަތުރުގެ ތަޖުރިބާ

މިޔަންމާއިން އެތެރެވާ ގިނަ މުސްލިމުން ޝާހުޕަރިދިޕަށް ބަނދަރު ކުރުމަށް ފަހު އެތަނުން ބޯޓެއްގައި ޓެކްނަފަށް އަންނަ އިރު އިއްޔެ އަޅުގަނޑަށްވެސް ވަނީ އެ ދެމެދުގައި ދަތުރު ކުރުމުގެ ފުރުޞަތު ލިބިފައެވެ. ކުދި އުޅަނދު ފަހަރުގައި 10 މިނިޓްގެ އެ ދަތަރު ކަޑަތު ކުރާއިރު އެ މަގަކީ ނިކަން ހަނި މަގެކެވެ. އަދި އެހާމެ ތިލަވެސް ހިސާބެކެވެ. ކުޑަ ބޯޓެއްގައި އެ ދެމެދު ކަޑަތު ކުރާއިރު އެއީވެސް ނިޔާމަ ދަތުރެއް ނޫނެވެ. އަދި އަމުދުން ފަތަން ނޭނގެ ކުޑަކުދިންނާއި އަންހެނުން ދަތުރު ކުރަން ރައްކާތެރި މަގެކޭ ނުބުނެވޭނެއެވެ.

މިޔަންމާ އިން ބަނގްލަދޭޝަށް އެތެރެވި ބައެއް ރޮހިންގާ މުސްލިމުން ޓެކްނަފް ސްޓޭޓްގެ ގޮނޑު ދޮށުގައި--ސަން ފޮޓޯ/ ހުސައިން ހަސަން

ޓެކްނަފް ސަރަހައްދުގައި ވީ ހަތަރު ގަޑިއިރު ތެރޭގައި ވެސް އެތައް ސަތޭކަ ރޮހިންގާ މުސްލިމުން ވަނީ ބަންގާޅަށް އެތެރެވެފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންގެ ނިސްބަތް އިތުރު އިރު އެމީހުން އެ ވޭން ތަހައްމަލު ކުރަމުންދާތާ އެތައް ސަތޭކަ އަހަރުވެއްޖެއެވެ.

ރޮހިންގާ މުސްލިމުން ބަންގާޅަށް އަންނަ ކޯރު ތެރޭގައި ދުއްވާ ބޯޓެއްގައި ސަންގެ ނޫސްވއެިއާ މުހައްމަދު ސަމާހް--ސަންފޮޓޯ/ ހުސައިން ހަސަން

މިޔަންމާގައި ތިބި އަނިޔާވެރިންގެ ފަރާތުން ސަލާމަތްވުމަށް ރޮހިންގާ މުސްލިމުން ކުރާ ދަތުރު ވެގެން ދަނީ ވެސް އަނިޔާއަކަށެވެ. މިއަދާ ހަމައަށް، ބަންގާޅަށް އެތެރެވެފައިވާ މީހުން ސަލާމަތް ވެފައި ވަނީ ނަސީބަކުންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

comment ކޮމެންޓް