ޔާމީން ރަޝީދު މަރާލި މައްސަލާގައި ފުލުހުންނާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައިފި

ޔާމިން ރަޝީދު --

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދު މަރާލުމުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ބުނެ ސިވިލް ކޯޓުގައި ދައުވާ ނުކުރެވޭނެ ކަމަށް އެ ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

ސިވިލް ކޯޓުން އެގޮތަށް ކަނޑައަޅާފައި ވަނީ ޔާމީން ރަޝީދުގެ ބައްޕަ، ސ. ފޭދޫ، ޗަނބޭލީގެ ހުސައިން ރަޝީދު ފުލުހުންނާ ދެކޮޅަށް ދައުވާ ކުރި މައްސަލަ ބެލުމަށްފަހު މިއަދު އިއްވި ހުކުމްގައެވެ.

ޔާމީން ރަޝީދުގެ ބައްޕަ ފުލުހުންނާ ދެކޮޅަށް ދައުވާ ކުރީ 2010 ވަނަ އަހަރުން ފެށިގެން އެކި ވަސީލަތްތައް ބޭނުންކޮށްގެން ޔާމީން ރަޝީދަށް ބަޔަކު އިންޒާރުދިން މައްސަލަތައް ފުލުހުންގެ އިދާރާ އަށް ހުށަހަޅާފައިވީނަމަވެސް އެ މައްސަލަތައް ބަލާފައިނުވާއިރު، މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭ އަނިޔާވެރިގޮތަކަށް އޭނާ މަރާލާފައިވާތީއެވެ.

ޔާމީން ރަޝީދުގެ ބައްޕަ ކުރި ދައުވާގައި ވަނީ ޔާމީން ރަޝީދަށް ހުއްޓުމެއް ނެތި މަރުގެ އިންޒާރު ލިބެމުންދިޔަނަމަވެސް އޭނާ އަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފުލުހުންގެ އިދާރާ އިން ފޯރުކޮށްދީފައިނުވާ ކަމަށެވެ. އަދި އެނާ އަށް ރައްކާތެރިކަން ފޯރުކޮށްދީފައިނުވަނީ ފުލުހުންގެ މުއައްސަސާއިން އަދާކުރަންޖެހޭ ގާނޫނީ ޒިންމާ އަދާކުރުމުގައި އިހުމާލުވުމުގެ ސަބަބުން ކަމަށް ޔާމީން ރަޝީދުގެ ބައްޕަ ވަނީ ތުހުމަތުކޮށްފައެވެ.

ސިވިލް ކޯޓުން އެ މައްސަލާގައި މިއަދު އިއްވި ހުކުމްގައި ވަނީ މަދަނީ މުއާމަލާތްތައް އިސްތިސްނާވާގޮތެއްގައި ފުލުހުންގެ އިދާރާ އަށް ނުވަތަ އެ އިދާރާގެ މުވައްޒަފެއްގެ މައްޗަށް ރައްދުކޮށް ހުށަހެޅޭ ޖިނާއީ ތުހުމަތުތަކާއި އަމަލުތަކާއި ގުޅިފައިވާ މައްސަލަތަކާއި ގާނޫނާ ގާވާއިދާ ޚިލާފަށް އަމަލުކުރި ނުވަތަ ނުކޮށް ދޫކޮށްލި އަމަލުގެ މައްސަލަތައް ހުށަހަޅަންޖެހޭނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށްގެންގޮސްފިނަމަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މަގުސަދު ހާސިލުނުވެދާނޭކަން ފާޅުކަންބޮޑުގޮތެއްގައި އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައިވެއެވެ.

comment ކޮމެންޓް