ކުޑަހުވަދޫ ކޮޅަށް ހަ ލަނޑު ޖަހައި، ނިއު ތާވަލުގެ އެއްވަނައަށް

ދިވެހި ޕްރިމިއާ ލީގުގައި ނިއުއާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: މިއަދު ހަވީރު ކުޑަހުވަދުއާ ދެކޮޅަށް ކުޅުނު މެޗުން ނިއު މޮޅުވީ 6-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ދ. ކުޑަހުވަދޫ ކޮޅަށް ހަ ލަނޑު ޖަހައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ލީގު މެޗުގައި ކުޑަހުވަދޫގެ މައްޗަށް ނިއު ކުރި ހޯދާފައިވަނީ 6-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ ނަތީޖާއާއެކު ތާވަލުގެ އެއްވަނައަށް ނިއު ޖެހިލީ ހަ މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. ތާވަލުގެ ދެވަނާގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ހަ މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނާގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ހަ މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. މާޒިޔާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ތާވަލުގެ ހަތަރުވަނާގައި އޮތް ކްލަބު ގްރީން ސްޓްރީޓްސްއަށް ހަ މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ.

އެ މެޗުގެ ފުރަތަމަ ހާފު އަދި ދެވަނަ ހާފުގައި ވެސް ނިއުއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވެއެވެ. މެޗުގެ ދިހަވަނަ މިނެޓުގައި އިބްރާހިމް ފަޒީލް (އޮއްޕޮ) ދިން ބޯޅައަކުން ގަލާޑޯ އެޑްރިއަން ވަލްޑޭސް ފޮނުވާލި ހަމަލާ ގޯލާ އަމާޒު ނުވިއިރު، އޭގެ މިނެޓެއް ފަހުން އޮއްޕޮ ފޮނުވާލި ހަމަލާ ކުޑަހުވަދޫގެ ކީޕަރު އަބްދުﷲ ޔަޒީދު ވަނީ މަތަކޮށްފައެވެ.

މެޗުގެ 18 ވަނަ މިނެޓުގައި ނިއުއިން ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ހޯދައިފައެވެ. އަލީ ފާސިރު (ސެންޓޭ) ނަގައިދިން ކޯނަރަކުން ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ގަލާޑޯއެވެ. އަލީ ފާސިރު (ސެންޓޭ) ނަގައިދިން ކޯނަރުން ގަލާޑޯ ފުރަތަމަ ފޮނުވާލި ހަމަލާ ކުޑަހުވަދޫގެ ކުޅުންތެރިއެއް ދިފާއު ކުރިއިރު، އޭނާ ލަނޑު ޖެހީ ލިބުނު ރީބައުންސް ބޯޅައިންނެވެ.

މެޗުގެ ދެވަނަ ލަނޑު ޖަހާ ނިއުއިން ލީޑު ފުޅާކުރީ މެޗުގެ 23 ވަނަ މިނެޓުގައެވެ. ކުޑަހުވަދޫ ކުޅުންތެރިއެއް އަތުން ގެއްލުނު ބޯޅައެއް ހިފައިގެން ގޮސް، އޮއްޕޮ ދިން ބޯޅައަކުން ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސެންޓޭއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ކުޑަހުވަދޫގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ، ފޮނުވާލި ހަމަލާއަކުންނެވެ.

އެ ލަނޑަށްފަހު ވެސް ފުރަތަމަ ހާފުގެ ތެރޭގައި ނިއުއަށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން އަކްރަމް އަބްދުލްގަނީ (އަކޫ) ފޮނުވާލި ފުރަތަމަ ހަމަލާ ގޯލާ އަމާޒު ނުވިއިރު، އޭނާގެ ދެވަނަ ހަމަލާގެ ހުރަހަކަށްވީ ކުޑަހުވަދޫގެ ކީޕަރު ޔަޒީދެވެ. ފުރަތަމަ ހާފު ނިމެނިކޮށް ސެންޓޭ ނަގައިދިން ހުރަހަކުން ގަލާޑޯ ފޮނުވާލި ހަމަލާ ކުޑަހުވަދޫ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، އޮއްޕޮ ނަގައިދިން ހުރަހަކުން ގަލާޑޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުގެ ނަތީޖާއަކުން ނިއު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ނިއުގެ އަލީ އަޝްފާގު (ދަގަނޑޭ)ގެ މޮޅު ކުޅުން ފާހަގަ ވެގެންދިޔައެވެ. ދެވަނަ ހާފުގައި ނުރައްކާތެރި ފުރަތަމަ ހަމަލާ ވެސް ފޮނުވާލާފައިވަނީ ދަގަނޑޭއެވެ. މެޗުގެ 53 ވަނަ މިނެޓުގައި ގަލާޑޯ ދިން ބޯޅައަކުން ކުޑަހުވަދޫގެ ޕެނަލްޓީ އޭރިޔާ ތެރެއިން ދަގަނޑޭ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގައި ނިއުއިން ކާމިޔާބުކުރި ތިންވަނަ ލަނޑާއި ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ދަގަނޑޭއެވެ. މެޗުގެ 61 ވަނަ މިނެޓުގައި ސެންޓޭ ނަގައިދިން ހިލޭ ޖެހުމަކުން ދަގަނޑޭގެ ފުރަތަމަ ލަނޑު ފެނިގެންދިޔައިރު، އޭނާގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 72 ވަނަ މިނެޓުގައި ގަލާޑޯ ދިން ބޯޅައަކުންނެވެ.

މެޗުގައި ނިއުއިން ކާމިޔާބުކުރި ފަސްވަނަ ލަނޑު ޖަހާފައިވަނީ 75 ވަނަ މިނެޓުގައެވެ. ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ހަސަން އަދުހަމްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ގަލާޑޯ ފޮނުވާލި ހަމަލާއެއް ކީޕަރު ޔަޒީދު މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިންނެވެ.

ނިއުގެ ހަ ވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށެވެ. ދަގަނޑޭ ނަގައިދިން ހުރަހަކުން ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ޑިފެންޑަރު މާކޮވިޗް ސްޓެވަންއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ކުޑަހުވަދޫގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

މެޗު ނިމެން ދަނިކޮށް، ނިއުގެ އަދުހަމްއަށް ލަނޑު ޖަހާނެ ހުސް ދެ ފުރުސަތު ލިބިގެންދިޔައެވެ. މެޗުގެ 85 ވަނަ މިނެޓުގައި ދަގަނޑޭ ދިން ބޯޅައަކުން ކުޑަހުވަދޫ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ އަދުހަމް ފޮނުވާލި ހަމަލާ ގޯލާ އަމާޒު ނުވިއިރު، މެޗުގެ އެންމެ ފަހު މިނެޓުގައި ދަގަނޑޭ ނަގައިދިން ހުރަހަކުން އަދުހަމް ބޮލުން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ކީޕަރު ޔަޒީދެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގދ. ތިނަދުއާއި ށ. މިލަންދޫއެވެ.

comment ކޮމެންޓް