އާސާމް ސްޓޭޓްގެ ލީޑަރު ރޮހިންޔާ މުސްލިމުންނަށް ސަޕޯޓްކުރާތީ ޕާޓީން ސަސްޕެންޑުކޮށްފި  

އާސާމްގެ ބީޖޭޕީ ސްޓޭޓްގެ މައިނޯރިޓީ ލީޑަރު ކަމަށްވާ ބޭނަޒީރު އަރްފާން

އާސާމްގެ ބީޖޭޕީ ސްޓޭޓްގެ މައިނޯރިޓީ ލީޑަރެއް ކަމަށްވާ ބޭނަޒީރު އަރްފާން ރޮހިންޔާ މުސްލިމުންނަށް ސަޕޯޓްކުރާތީވެ އޭނާ އެޕާޓީން ސަސްޕެންޑުކޮށްފި އެވެ.

ބޭނަޒީރަށް ފިޔަވަޅު އަޅަން ނިންމީ ރޮހިންޔާ މުސްލިމުންނަށްދޭ ހަމަލާތަކާ ދެކޮޅަށް ހޭލުންތެރިކުރުމުގެ ގޮތުން އިންޑިއާގައި އިއްޔެ ބާއްވަންއުޅުނު ބަނަޑުހައިހޫނުކަމުގެ ހަޅުތާޅަށް ދިޔުމަށް އެދި ފޭސްބުކުގައި މީގެ ކުޑަދުވަސްކޮޅެއް ކުރިން ޕޯސްޓް ކުރި މައްސަލައިގަ އެވެ.

އިންޑިއާގެ އާސާމް ސްޓޭޓްގައި ބީޖޭޕީ އިން ތަމްސީލުކުރާ ފަރާތްތަކުން ދަނީ ރޮހިންޔާ މުސްލިމު ރެފިއުޖީން އިންޑިއާ އަށް ވަނުމަށް ވަރަށް ބޮޑަށް ދެކޮޅުހަދަމުންނެވެ.

މިޔަންމާގެ ސިފައިން ދާދިފަހުން ފެށި އަނިޔާވެރި މިލިޓަރީ އޮޕަރޭޝަނާ އެކު، ސަލާމަތްތެރިކަން ހޯދުމަށް ޓަކައި ރޮހިންޔާގެ ގިނަ ބަޔަކު ވަނީ ބަނގުލަދޭޝަށް އެތެރެވެފަ އެވެ. އދ. އިން އަންދާޒާ ކުރާގޮތުގައި ބަނގުލަދޭޝަށް އެތެރެވި ރޮހިންޔާ މުސްލިމުންގެ އަދަދު މިހާރު ވަނީ ހަތަރު ލައްކައަށް އަރައިފަ އެވެ.

އެ މައްސަލާގައި ބީޖޭޕީގެ ސްޓޭޓް ޔުނިޓް ޖެނެރަލް ސެކެޓްރީ ދިލިޕް ސައިކާ ވަނީ ބޭނަޒީރު އަމަލުތައް ދިފާއުކޮށް ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމުގެ ގޮތުން އޭނާއަށް ސިޓީ ފޮނުވައިފަ އެވެ.

"ޕާޓީގެ ލީޑަރުންނާއި މަޝްވަރާނުކޮށް އެކަހަލަ އެއްޗެއް ސޯޝަލް މިޑިއާގައި ހިއްސާ ކޮށްނެން ނުވާނެ،" އާސާމްގެ ބީޖޭޕީގެ މައިނޯރިޓީ ޔުނިޓުގެ ރައީސް މުހުރާރު ހުސެއިން ހާން ބުންޏެވެ.

އިންޑިއާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކޮންގްރެސްގެ މެމްބަރެއް ކަމަށްވާ އަބްދުލް ކަލީގް ދާދި ފަހުން ވަނީ އާސާމް އާއި އެހެނިހެން ސްޓޭޓްތަކުގައި ރޮހިންޔާ މުސްލިމުންނަށް ވަގުތީ ހިޔާތަކެއް ފޯރުކޮށްދިނުމަށް އެދިފަ އެވެ.

comment ކޮމެންޓް