ލަންޑަނުގެ ރޭލެއްގައި ދިން ހަަމަލާއާ ގުޅިގެން ދެ ވަނަ މީހަކު ހައްޔަރުކޮށްފި

ލަންޑަނުގައި ބިމުއަޑީ ރޭލު ހުންނަ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ -- ފޮޓޯ: ގެޓީ

ލަންޑަން (ސެޕްޓެމްބަރު 17): އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ ޓިއުބް ޓްރެއިނެއްގައި ދިން ހަމަލާއާ ގުޅިގެން ދެ ވަނަ މީހަކު ހައްޔަރުކޮށްފި ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

އިނގިރޭސި ފުލުހުން ބުނި ގޮތުގައި އެހަމަލާއާ ގުޅިގެން ހުޅަނގު ލަންޑަނުން ރޭ ހައްޔަރު ކުރީ 21 އަހަރުގެ މީހެކެވެ. ތިރީސް މީހަކަށް އަނިޔާވި އެހަމަލާއާ ގުޅިގެން މީގެ ކުރިން ވަނީ 18 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ.

ލަންޑަނުގެ ޕާސަންސް ގްރީން ޓިއުބް ސްޓޭޝަނުން ދަތުރު ކުރަމުން ދިޔަ ރޭލެއްގައި ހުކުރު ދުވަހު އައިއީޑީއެއް ގޮއްވާލުމުގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ ނަގައިފަ އެވެ. ނަމަވެސް ހޯމް ސެކްރެޓަރީ އޭމްބާ ރަޑް ވަނީ އެހަމަލާގެ ފަހަތުގައި ވަނީ އައިއެސް ކަަމަށް ދޭހަވާ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.

އެހަމަލާއާ ގުޅިގެން އިނގިރޭސިވިލާތުގައި އިތުރު ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު އަދިވެސް އެބައޮތް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ. އެއީ ފާއިތުވި ހަ މަސް ތެރޭގައި އެގައުމަށް ދިން ފަސް ވަނަ ޓެރަރިސްޓް ހަމަލާ އެވެ. (ބީބީސީ)

comment ކޮމެންޓް