ގައުމީ ޔުނިވަސިޓީގެ އެޑިއުކޭޝަން ފެކަލްޓީގެ ޑީން އަކަށް ފިޒާނާ ރަޝީދު އައްޔަންކޮށްފި

ފިޒާނާ ރަޝީދާ ޑީންގެ މަގާމު ހަވާލުކޮށް ލިއުން އަރުވަނީ -- ފޮޓޯ/ޖަޒްލާން މުހައްމަދު

ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން އަކަށް މަރިޔަމް ފިޒާނާ ރަޝީދު އައްޔަންކޮށްފި އެވެ.

އެމްއެންޔޫގެ ކޮންފަރެންސް ހޯލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އޭނާ އަށް އެ މަގާމު ހަވާލުކޮށްދެއްވީ އެ ޔުނިވަސީޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒް ޝަރީފް އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑީން ފިޒާނާ ރަޝީދު ވިދާޅުވީ އެ ފެކަލްޓީއަކީ އެންމެ ގިނަ ދަރިވަރުން ތަމްރީނު ކުރާ ފެކަލްޓީ ކަމަށާއި އަދި އެންމެ ޒިންމާ ބޮޑު ފެކަލްޓީ އަކީ ވެސް އެ ފެކަލްޓީ އެއީ ކަމަށެވެ.

ދަރިވަރުންނަށް އުފާވެރި މާހައުލެއް ބިނާކޮށްދިނުމަކީ އެންމެ ބޮޑު އެއް އަމާޒުކަމަށް ޑީން ވިދާޅުވި އެވެ. އަދި ވަސީލަތްތަކުގެ ގޮތުން ތަނަވަސް މާހައުލެއް ބިނާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޑީން ވިދާޅުވި އެވެ.

"މި ފެކަލްޓީ އަކީ އެންމެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދާ ފެކަލްޓީ. އެންމެ ގިނަ ކުދިން ތަމްރީނުކޮށްފައިވާ އެއް ފެކަލްޓީ ވެސްމެ. އެންމެ ޒިންމާ ބޮޑު ތަން. މިތާގައި ކުދިންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމާ އެކީ މަސައްކަތް ކުރެވެން ޖެހޭނެ." އޭނާ ވިދާޅުވި އެވެ.

އޭނާގެ އެންމެ ބޮޑު އަމާޒަކީ އެންމެ ފެންވަރު ރަނގަޅު މުދައްރިސުން ތަމްރީނު ކުރާ މުއައްސަސާ އަށް ހެދުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ޔުނިވަސިޓީ އިން ފަރުމާ ކުރެވިގެންދާ ކޯސްތަކަކީ އެންމެ ފެންވަރު ރަނގަޅު އިލްމީ ގާބިލް ކޯސްތަކަށް ހެދުމަށް މަސައްކަތްކުރައްވާނެ ކަމަށް ޑީން ވިދާޅުވި އެވެ.

"ބޭރުގެ ޔުނިވާސިޓިތަކާ ގުޅިގެން ސްޓާފް އެކްސް ޗޭންޖު ޕްރޮގްރާމްތަކަށް މުއައްޒަފުން ފޮނުވާނަން. ޕީއެޗްޑީ ހެދުން މުއައްޒަފުންނަށް ފަހިކޮށްދޭނަން." އޭނާ ވިދާޅުވި އެވެ.

އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތާ ދަރިވަރުންތަކެއް ބިނާކުރައްވާނެ ކަމަށާއި އެ ފެކަލްޓީ އަކީ ދިރާސާތަކަށް ފަހި މާހައުލެއް އޮތް ތަނަކަށް ހައްދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަރިޔަމް ފިޒާނާ ރަޝީދަކީ 2007 އިން ފެށިގެން 2017ގެ އޭޕްރިލް އާ ހަމައަށް ޔުނިވަސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގައި ވަޒީފާ އަދާކުރެއްވި ބޭކަނބަލެކެވެ. އެއަށް ފަހު މިއަދާ ހަމައަށް އެސިސްޓަންޓް ރެޖިންސްޓަރާގެ މަގާމުގައި ހުންނެވި ބޭފުޅެއް ވެސްމެ އެވެ.

comment ކޮމެންޓް