އެންމެ ބިރުގަންނަނީ އެނބުރި ޖަލަށް ދާން ޖެހިދާނެތީ: ސަންޖޭ ދަތު

ޖަލުން މިނިވަންވެ އަލުން ފިލްމީ ދާއިރާގައި މަސައްކަތް ކުރަން ފަށައިފައިވާ ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަންޖޭ ދަތު މިހާރު އެންމެ ބިރުގަންނަނީ އަލުން ޖަލަށް ދާންޖެހި، މިނިވަންކަން ގެއްލިދާނެތީ ކަމަށް އޭނާ ބުނެފި އެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ތިން ވަނަ އަހަރު މުމްބާއީގައި ބޮން ގޮއްވި ހާދިސާއާ ގުޅިގެން ކުރި ތަހުގީގެއްގައި ހަތިޔާރު ގެންގުޅުނުކަން ސާބިތުވެ، ސަންޖޭގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ ކޮށްފަ އެވެ.

ހުކުމް ތަންފީޒު ކުރުމަށް ފަހު ސަންޖޭ ޖަލުން މިނިވަން ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީގަ އެވެ.

އޭގެ ފަހުން ސަންޖޭ މިހާރު އަންނަނީ ފިލްމީ ދާއިރާގައި އަލުން މަސައްކަތް ކުރަމުންނެވެ. އޭނާ އެނބުރި އަންނަ ފިލްމު 'ބޫމީ' މިހާރު ރިލީޒް ކުރުމަށް ގާތްވެފައި ވާއިރު، އިތުރު ފިލްމުތަކެއްގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ އެވެ.

ޓައިމްސް އޮފް އިންޑިއާ ނޫހަށް ދިން އިންޓަވިއު އެއްގައި ސަންޖޭ ބުނީ ޖަލުގައި ހުރި ދުވަސްތަކުގައި އޭނާ އަށް ދިރިއުޅުމުގެ ކަންތައްތަކާ މެދު މުޅުން އެހެން ނަޒަރަކުން ވިސްނާނެ ފުރުސަތު ލިބުނު ކަމަށާއި، ޖަލުން ނުކުތީ މާ ހަރުދަނާ މީހެއްގެ ގޮތުގައި ކަމަށެވެ.

އަދި 'ބޫމީ' ރިލީޒް ކުރަން ކައިރިވެފައި ވާއިރު، އޭނާ އަކީ ފިލްމީ ދާއިރާ އަށް އަލަށް ނުކުންނަ މީހެއްގެ އިހުސާސް ކުރެވޭ ކަމަށާއި ފިލްމާ މެދު ވަރަށް ބޮޑު އުންމީދެއް ކުރެވޭ ކަމަށެވެ.

ނަމަވެސް ފިލްމު ފްލޮޕް ވެދާނެތީ ބިރު ނުގަންނަ ކަމަށާއި، ފްލޮޕް ވިޔަސް ފިލްމު ކުޅުން ހުއްޓާނުލާނެ ކަމަށް އޭނާ ބުންޏެވެ.

"މިހާރު އެންމެ ބިރުގަންނަނީ އެނބުރި ޖަލަށް ދާން ޖެހި ދާނެތީ. އަހަރެންގެ މިނިވަންކަން ގެއްލިދާނެތީ،" ސަންޖޭ ބުންޏެވެ.

ސަންޖޭ ބުނީ މިނިވަންކަމަކީ ކޮބައިކަން ވިސްނެނީ މިނިވަންކަން ގެއްލުމުން ކަމަށާއި މިނިވަން ކަމަކީ ފައިސާއިން ގަނެވޭނެ އެއްޗެއް ނޫން ކަމަށެވެ.

އޮމަންގް ކުމާރު ޑައިރެކްޓުކޮށް، ބުޝަން ކުމާރު ޕްރޮޑިއުސް ކުރާ 'ބޫމީ' އަކީ ބައްޕައަކާ އަންހެން ދަރިފުޅުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އަސަރުގަދަ ފިލްމެކެވެ.

ފިލްމުގައި ސަންޖޭގެ ދަރިފުޅުގެ ރޯލުން ފެނިގެން ދާނީ އަދިތީ ރާއޯ ހައިދަރީ އެވެ. އަދި މުހިންމު ރޯލަކުން ސިދާންތު ގުޕްތާ ވެސް ފެނިގެން ދާނެ އެވެ. ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.

އޭގެ އިތުރުން ސަންޖޭ މިހަރު ވަނީ އިތުރު ދެ ފިލްމަކަށް ވެސް ސޮއި ކޮށްފަ އެވެ. އެއީ 'ސާހެބް ބީވީ އޯރް ގޭންގްސްޓާ 3' އާއި 'މަލަންގް' އެވެ.

comment ކޮމެންޓް