ކުއަލަލަމްޕޫރުގެ ސްކޫލެއްގައި ރޯވި މައްސަލާގައި ހަތް ކުއްޖަކު ހައްޔަރުކޮށްފި

ބުރާސްފަތި ދުވަހު ކުއަލަލަމްޕޫރުގެ ސްކޫލެއްގައި ރޯވުމުގެ ސަބަބުން މަރުވި ކުއްޖެއްގެ ޖަނާޒާ -- ފޮޓޯ: އޭއެފްޕީ

ކުއަލަލަމްޕޫރު (ސެޕްޓެމްބަރު 17): މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގެ ސްކޫލެއްގައި ރޯވި މައްސަލާގައި އުމުރުން 11 އަހަރާއި 18 އަހަރާ ދެމެދުގެ ހަތް ކުދިން ހައްޔަރުކޮށްފި ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކުއަލަލަމްޕޫރުގެ ތަހްފީޒް ދާރުލް ގުރުއާން އިއްތިފާގިއްޔާގައި އަލިފާން ރޯވީ ސްކޫލުގެ ދަރިވަރުން ނިދަން ބޭނުން ކުރާ ފަންގިފިލާގަ އެވެ. އެ ހާދިސާގައި 21 ދަރިވަރުންނާއި ދެ ޓީޗަރުން މަރުވި އެވެ.

ކުއަލަލަމްޕޫރުގެ ފުލުހުންގެ ޗީފް އަމަރް ސިންހު ވިދާޅުވި ގޮތުގައި އަލިފާން ރޯވުމުގެ ކުރިން، ސްކޫލުގެ ތިރީބައިގައި ހުންނަ ބަދިގެއިން ދެ ގޭސް ސިލިންޑަރު މައްޗަށް ގެންގޮސްފައިވެ އެވެ. އަދި އަލިފާން ރޯކޮށްފައި ވަނީ ގަސްތުގައި ކަމަށްވީ ނަަމަވެސް އެއީ ބަޔަކު މަރާލުމުގެ ނިޔަތުގައި ކުރި ކަމެއް ކަމަށް ނުބެލެވޭ ކަމަށް ސިންހު ވިދާޅުވި އެވެ.

މީގެ އިތުރުން ސިންހު ވަނީ އެމައްސަލައިގައި ހައްޔަރު ކުރި ކުދިންނަކީ އެސްކޫލުގައި ކިޔަވާ ކުދިން ނޫން ކަމަށާއި އޭގެ ތެރެއިން ހަ ކުއްޖަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ކުއަލަލަމްޕޫރުގެ ފަޔާ އެންޑް ރެސްކިއު ޑިޕާޓްމެންޓުން ބުނާ ގޮތުގައި އެހާދިސާއަކީ ފާއިތުވި 20 އަހަރު ތެރޭގައި އެ ގައުމުގައި ހިނގި އެންމެ ނުރައްކާތެރި އެއް އަލިފާނުގެ ހާދިސާ އެވެ. (އޭއޭޕީ)

comment ކޮމެންޓް