ދިގުރަށު ގޮނޑުދޮށުން 54 ޖަމްބޯ ބޭގްގެ ޕްލާސްޓިކް ކުނި ނަގައިފި

ދިގުރަށުގައި ޕްލާސްޓިކް ކުނި ހޮވުމަށް ހިންގި ހަރަކާތުގެ ތެރެއިން -- ފޮޓޯ/ ދިގުރަށު ކައުންސިލް

ްބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މޫދާއި ގޮނޑުދޮށް ސާފު ކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ސަރަހައްދު ސާފުކޮށް 54 ބޮޑު ކޮތަޅުގެ ޕްލާސްޓިކް ކުނި ނަގައިފި އެވެ.

ދިގުރަށު ރައްޔިތުން ނުކުމެ މިއަދު ވަނީ އެރަށު ގޮނޑުދޮށުން ހަތަރު ކިލޯ މީޓަރުން ތިމާވެއްޓައް ގެއްލުންލިބޭ ފަދަ ވައު އަދި ޕްލާސްޓިކް ފުޅިއާއި ކޮތަޅުފަދަ ތަކެތި ހޮވާފަ އެވެ. އަދި ފަޅުތެރެއަށް ފީނައިގެން މޫދު ސަރަހައްދުވެސް ވަނީ ސާފުކޮށްފަ އެވެ.

ދިގުރަށު ކައުންސިލުން ބުނީ އެ އިދާރާއިން އިސް ނަގައިގެން ހިންގި ހަރަކާތުގައި ރަށުން 150 ހަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށެވެ.

އެރަށުގެ ގޮނޑު ދޮށުން ހަތަރު ކިލޯ މީޓަރުގެ ސަރަހައްދަކުން ޕްލާސްޓިކް ކުނި ނަގާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

ދިގުރަށުގައި ޕްލާސްޓިކް ކުނި ހޮވުމަށް ހިންގި ހަރަކާތުގެ ތެރެއިން -- ފޮޓޯ/ ދިގުރަށު ކައުންސިލް

ކައުންސިލުން ބުނީ އެފަދަ ޕްލާސްޓިކް ކުނި ގޮނޑުދޮށާއި މޫދުގައި ހުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެރަށަކީ ކައުންސިލުން ކުނި މެނޭޖް ކުރުމަށް ހާއްސަ އިސްކަމެއް ދީގެން ގޭގެއިން ކުނި ނަގައި ނައްތާލުމުގެ މަސައްކަތް ކުރާ ރަށެއް ކަމަށް ބުންޏެވެ.

އަދި ރަށަަށް ލައްވެފައި ހުންނަ ޕްލާސްޓިކް ފަދަ ތަކެއްޗަކީ ކައިރި ރަށްރަށާއި ރިސޯޓުތަކުން ލައްވެފައި ހުންނަ ތަކެތި ކަމަށް ކައުންސިލުން ބުންޏެވެ.

މީގެ ކުރިންވެސް ދިގުރަށު ކައުންސިލުން ވަނީ އެފަދަ ހަރަކާތްތައް ހިންގާފަ އެވެ. މީގެ ތިން މަސްކުރިން ގޮނޑު ދޮށާއި މޫދުން ތިމާވެއްޓަށް ގެއްލުންވާފަދަ ތަކެތި ހޮވާ ސާފު ކުރި ކަމަށް ކައުންސިލުން ބުންޏެވެ.

comment ކޮމެންޓް