ޓީޗަރަކަށްވުމުގެ އުންމީދުގައި ކިޔަވަމުންދިޔަ ރޮހިންގާ ދަރިއެއްގެ ދިރިއުޅުން ބަދަލުވި ހާދިސާ!

މިޔަންމާ ސިފައިންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ބަނގުލަދޭޝްއަށް ހިޖުރަކުރި ރަހިމޯލް މުސްތަފާ --- ފޮޓޯ: އަލްޖަޒީރާ

އުމުރުން 22 އަހަރުގެ ރަހިމޯލް މުސްތަފާ އަކީ މިޔަންމާގެ ރާކިން ސްޓޭޓްގެ ފޮއިރާ ވިލެޖުގައި ދިރިއުޅެމުންދިޔަ ކިޔަވާ ކުއްޖެކެވެ. ދީނީ މަދަރުސާއެއްގައި ކިޔަވަމުންދިޔަ ރަހިމޯލް ކިޔެވުމުގެ އިތުރުން ދިޔައީ އޭނާ އުޅޭ ސަރަހައްދުގައި އުޅޭ އޭނާއަށް ވުރެ ހަނގުކުދިންނަށް ވެސް ކިޔަވައިދީ ހަދަމުންނެވެ.

ކުޑަކުޑަ ފޮއިރާގައި އުފާވެރި ދިރިއުޅުމެއް އުޅެމުން ދިޔަ ރަހިމޯލް ބޭނުންވީ ޓީޗަރަކަށް ވާށެވެ.

ނަމަވެސް ދާދި ފަހުން މިޔަންމާ ސިފައިން ރޮހިންޔާ މުސްލިމުންނަށް ދޭން ފެށި ހަމަލާތަކާއެކު ރަހިމޯލްގެ ދިރިއުޅުންވެސް މުޅިން ބަދަލުވެގެން ދިޔައީ އުއްމީދުވެސް ނުކުރާފަދަ ގޮތަކަށެވެ.

ރަހިމޯލްގެ ހިމޭން ރޭގަނޑު ގުގުމައިގެން ދިޔައީ މިޔަންމާ ސިފައިން ހަމައެއް ލަމައެއްނެތި ދޭން ފެށި ބަޑީގެ އަޑާއެކުއެވެ. އަނެއް ބައި ސިފައިން އޭރު ގޭގޭގައި ރޯކުރަމުންދަނީއެވެ. އޭރު މެންދަމު ތިނެއް ޖަހައިފިއެެވެ. ސިފައިން ބަޑި ޖަހާފާނެތީވެ ގަންނާކުރެއްވި ބިރުން ގެއިން ނިކުންނާކަށް ވެސް ރަހިމޯލްއަކަށް ނުކެރުނެވެ. އެހެންކަމުން އާއިލާގެ އެހެން މީހުންނާއެކު ގޭގައި ތިބުން ނޫން ގޮތެއް އޭނާއަކަށް ނެތެވެ.

ގޭގައި ފިލާ އޮތް ރަހިމޯލް އާއި އޭނާގެ އާއިލާއަށް ކުއްލި ސިހުމެއް ލިބުނީ ކުޑަދޮރުތެރެއިން ގޭތެރެޔަށް އަމާޒުވަމުން ދިޔަ ވަޒަންތަކުންނެވެ. ހިނދުކޮޅެއްގެ ތެރޭ ރަހިމޯލްގެ ކަކުލަށް ވެސް އޭގެން ވަޒަނެއް އަމާޒުވެއްޖެއެވެ.

މިޔަންމާ ސިފައިން ހަމައެއް ލަމައެއް ނެތި ބަޑި ޖަހަމުންދިޔުމުގެ ސަބަބުން އެކުޑަކުޑަ އަަވަށުގެ އެތައް ބަޔަކު އެރޭ މަރުވިއެެވެ. ރަހިމޯލްގެ އަވަށްޓެރިންގެ ތިން މީހަކު މަރާލީ އޭނަގެ ލޯ ކުރިމަތީގައެވެ.

ރަހިމޯލްއަށް ސިއްހީ ފަރުވާ ހޯދުމަށްޓަކައި ހޮސްޕިޓަލަށް ގެންދިޔުމުން އޭނާއަށް ހިދުމަތް ދޭންވެސް ދެކޮޅު ހެދިއެވެ. ސިއްރު ސިއްރުން ފަރުބަދަތަކުގެ ތެރެއިން ލާފައި ރަހިމޯލް ގޮވައިގެން އޭނާގެ އާއިލާމީހުން ބަނގުލަދޭޝަށް ގެންގޮސްދިންކަން އެއީ އޭނާގެ ނަސީބެވެ.

ބަނގުލަދޭޝަށް އެތެރެވުމަށް ކުރި ދަތުރަކީ ފަސޭހަ ދަތުރެއް ނޫނެވެ. ރަހިމޯލް އުފުލައިގެން ގެންދަން އޭނާގެ އާއިލާމީހުން އެ އުނދަގޫ ދަތުރު ކުރީ ގޭގައި ހުރި ހުރިހާ އެއްޗެއް ދޫކޮށްލައިފައެވެ. އޭރު ވަޒަން އެރުމުގެ ސަބަބުން ކަކުލުގައި އުފެދުނު ފާރުގަނޑު ދިޔައީ ވަރަށް ބޮޑަށް ގޯސްވަމުންނެވެ.

ބަނގުލަދޭޝަށް އެތެރެވުމަށް ފަހު ރަހިމޯލްއަށް އެހީވީ ދުނިޔޭގެ މަޝްހޫރު ޖަމްއިއްޔާއެއް ކަމަށްވާ ޑޮކްޓާސް ވިތުއައުޓް ބޯޑާސްގެ ޑޮކްޓަރުންނެވެ.

ބަނގުލަދޭޝަށް އެތެރެވެވުނަސް ރަހިމޯލްއަށް ވަކި އުފަލެއް ނެތެވެ. އުޅޭނެ ތަނެއް ނެތްއިރު އޭނާއަށް އެތަނުގައި މުސްތަގުބަލެއްވެސް ނެތެެވެ. ދުނިޔޭގެ ކަޅި ރޮހިންގާގެ މައްސަލައަށް އަމާޒުވެ އެމީހުންނަށް އެހީ ލިބެމުންދާތީ ކޮންމެވެސް ވަރަކަށް ހިތްހަމަޖެހުން ލިބުނަސް ރަހިމޯލްވެސް ރޮހިންގާ އެހެންމީހުންނެކޭ އެއްގޮތަށް ބޭނުންވަނީ އުފަން ވަޒަނަށް އަނބުރާ ގޮސް ސުލްހަވެރި އަމާން ދިރިއުޅުމެއް އުޅޭށެވެ.

comment ކޮމެންޓް