ޓީސީން މާޒިޔާއަށް އުނދަގޫތަކެއް ކުރިމަތި ކުރުވައިފި

ދިވެހި ޕްރިމިއާ ލީގުގައި ނިއުއާ ދެކޮޅަށް ނުކުތް ޓީސީގެ ފުރަތަމަ 11: މިއަދު ކުޅުނު މެޗުގައި ޓީސީން ވަނީ 1-0 ލަނޑުގެ ނަތީޖާއަކުން މާޒިޔާ ބަލިކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބު މާޒިޔާއާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާގެ މައްޗަށް ޓީސީން ކުރި ހޯދާފައި ވަނީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ ނަތީޖާއާ އެކު ގްރޫޕްގެ އެއްވަނާގައި އޮތް މާޒިޔާއާއި ދެވަނައަށް ޖެހިލި ޓީސީއަށް ވެސް ހަ މެޗުން ލިބިފައި ވަނީ 13 ޕޮއިންޓެވެ. މާޒިޔާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ތިންވަނާގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާ އިރު، ހަތަރުވަނާގައި އޮތް ކްލަބު ގްރީން ސްޓްރީޓްސްއަށް ހަތަރު މެޗުން ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ.

މިއަދު ހަވީރު ކުޅުނު މެޗު ފެށިތާ މާގިނައިރުތަކެއް ނުވަނީސް ޓީސީން ވަނީ ލީޑު ހޯދައިފަ އެވެ. މެޗުގެ ދެވަނަ މިނެޓުގައި ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާ އިން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް، ޓީސީގެ ގޯލް ބަލަހައްޓަމުން ދިޔަ ނޭޕާލް ކީޕަރު ލިމްބޫ ކިރަން ކުމާރާއި އެ ޓީމުގެ ޑިފެންސް ލައިން ފޫ އަޅުވާލެވިފައެއް ނުވެ އެވެ.

ދެވަނަ ހާފުގައި މާޒިޔާއަށް ލިބުނު ފުރުސަތުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އުމައިރުއަށް ލިބުނު ފުރުސަތުތަކެވެ. ޓީސީއަށް ވެސް ދެވަނަ ހާފުގައި ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މިރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު ގްރީން ސްޓްރީޓްސްއާއި އއ. މާޅޮހެވެ.

comment ކޮމެންޓް