"އަދިވެސް އުޅެން ބޭނުންވަނީ މިޔަންމާގައި، އެނބުރިދާން ބޭނުން"

މިޔަންމާގައި މެކޭނިކެއްގެ ގޮތުގައި މަސައްކަތް ކުރި އުމުރުން 34 އަހަރުގެ ހާމިދު: އަމިއްލަ ވަޒަން ދޫކޮށް ބަންގުލަދޭޝްއަށް ހިޖުރަކުރި ހާމިދަކީ މިއަދު ރެފިއުޖީއެއް-- ސަން ފޮޓޯ/ ޙުސައިން ޙަސަން

(ކޮކްސް ބާޒާރު، ބަނގުލަދޭޝް) - "އަދިވެސް އުޅޭން ބޭނުންވަނީ މިޔަންމާގައި، އެއީ އަހަރަމެންގެ ކާބަފައިންގެ ބިން. އަހަންނަކަށް ނޭނގޭ މިޔަންމާ ސިފައިން އެހެން އެ ކަންތައް ކުރަނީ ކީއްވެގެން ކަމެއް. މައްސަލައަކީ ދީން ކަމަށް ވާނަމަ އެހެން ދީނަކަށް އުޅުމަށްވުރެ މަރުވުން ވެސް މާ ހިތްހަމަޖެހޭ،"

ބަންގާޅުގެ ކޮޒް ބާޒާރު، އުހްޔާ ސްޓޭޓްގައި ހުރި ރެފިއުޖީ ކޭމްޕްގައި ޖިފުޓިގަނޑެއް ހަދައިގެން ދިރިއުޅޭ ހާމިދުގެ ވާހަކަ ފެށީ މިގޮތަށެވެ. އޭނާ ބުނީ އެ މީހުން ދެކެ މިޔަންމާ ސަރުކާރުން ރުޅި އައިސް ނަފުރަތު ކުރަންވާ ވަރުގެ ކުށެއް ނުކުރާ ކަމަށެވެ.

"ކޮބާ އަހަރަމެންގެ ކުށަކީ. އުފަން ބިމުގައި އިހާނެތިކޮށް އެހާ ދުވަސް ވަންދެން ކަންތައް ކުރީމަ ވެސް އަހަރަމެން ކެތް ކުރިން. އެތައް ބައިވަރު އަނިޔާތަކެއް ދިން އިރު ހޭ ވެސް އަހާނުލަން. މިއަދު އަހަރެން ގައުމު ދޫކޮށްލާފައި މިއައީ އަނިޔާއަށް ކެތް ނުވެގެންނެއް ނޫން އެހެން ދީނެއް ބޭނުން ނުވާތީ،" މިޔަންމާގައި މެކޭނިކެއްގެ ގޮތުގައި މަސައްކަތް ކުރި އުމުރުން 34 ހަތަރު އަހަރުގެ ހާމިދު ކިޔައިދިނެވެ.

ހާމިދު އޭނާގެ އާއިލާއާއެކު ކޭމްޕުގައި: އޭނާ ބޭނުންވަނީ އެނބުރި އޭނާގެ އުފަން ބިން މިއަންމާއަށް ދާން--- ސަން ފޮޓޯ/ މުހައްމަދު ސަމާހު

ހާމިދު އޭނާގެ ދީނާއި އަމިއްލަ ޒަމީރު ގަބޫލު ކުރާ އުސޫލު ތަކަށްޓަކައި އޭނާގެ އުފަން، އަމިއްލަ ބިން ދޫކޮށްލާފައި އައިސް މިހާރު އުޅެމުން ދަނީ ދެ ދަނޑި ހަޖައިގެން ކޮޅަށް ނަގާފައި ހުރި ޖިފުޑިއެއްގައެވެ. ކޮތަޅުން ހިޔާކޮށްފައިވާ ތަނެއްގައެވެ. އެ ޖިފުޑީގައި ހާމިދުގެ އަށް ބެއިންގެ އާއިލާ އުޅެމުންދާއިރު އޭނާގެ އަށް މަހުގެ ކުޑަ ކުއްޖަކު ވެސް އެބައޮތެވެ. ހާމިދު ބުނީ މިޔަންމާ ސިފައިން އަނިޔާ ކުރުމުގައި ހައްދުފަހަނަ އަޅައި ގޮސްފައިވާ ކަމަށާއި ނަމަވެސް ރޮހިންގާ ދަރިކޮޅަކީ ދުވަހަކުވެސް އެމީހުނަށް ގެއްލުން ދިން ބައެއް ނޫން ކަމަށެވެ.

"އަހަރެންގެ ދެ ލޮލުން ދުށިން އެ މީހުން ކުރި އަނިޔާ. އަހަރެންގެ ވަރަށް ގާތް މީހުން ދިރިހުއްޓާ އަންދާލިތަން ދެކުނިން. އެއީ ކިހާ ބޮޑު އަނިޔާއެއް. އެއީ ވަކި ބައެއްގެ ގައުމެއް ނޫން އެއީ އަހަރަމެންގެ ވެސް ބިން،" ހާމިދު ކިޔައިދިނެވެ.

ހާމިދު ބުނި ގޮތުގައި އޭނާ ބަންގާޅަށް އައިސް އެ ކޭމްޕްގައި ދިރިއުޅޭތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އަދި މިހާތަނަށް އައި އިރު މާ ބޮޑު އެހީއެއް ލިބިފައި ނުވާއިރު އޭނާ ތާއަބަދު އެ ގޮތަށް އުޅޭކަށް ބޭނުމެއް ނޫނެވެ.

ހާމިދު އޭނާގެ އާއިލާއާއެކު ކޭމްޕުގައި: އޭނާ ބޭނުންވަނީ އެނބުރި އޭނާގެ އުފަން ބިން މިއަންމާއަށް ދާން--- ސަން ފޮޓޯ/ ހުސައިން ހަސަން

"އުންމީދު ކުރަނީ އަދި އަހަރަމެންގެ ބޮޑެތި މީހުންނަށް ވިސްނޭނެ ކަމަށް. ހިތުގަ އޮވޭ މިހެނެއް ނޫޅެވޭނޭ އަދި ކޮންމެވެސް އެއް ދުވަހަކުން އަނބުރާ ގައުމަށް ދާނަމޭ. މުޅި ދިރިއުޅުން ބިނާ ކުރީ އެތަނުގައި،"

ހާމިދު ބުނީ އޭނާ ފަދައިން ގިނަ ބަޔަކު އަނބުރާ ގައުމަށް ދާން ބޭނުންވަނީ ގައުމު ދެކެ ލޯބިވާތީ ކަމަށެވެ. އަދި ލާއިންސާނީ އެތައް އަމަލުތަކެއް އެ ގައުމުގައި ހިނގަމުން ދިޔައިރުވެސް ގައުމުގައި ތިބީ އެއީ ކާބަފައިން އެމީހުނަށް ފޯރުކޮށްދީފައިވާ ތަރިކައަކަށް ވީތީ ކަމަށެވެ.

އޭނާ ބުނީ މުޅި އިސްލާމީ އުންމަތަށް ވެސް ގޮވާލަން ބޭނުންވަނީ އެމީހުން އަނބުރާ އެމީހުންގެ ވަތަނަށް ދެވޭ ގޮތް ހަދައި ދިނުމަށް މަސައްކަތް ކޮށްދިނުމަށެވެ. ހަގީގަތުގައި އެމީހުން އެގައުމުން ބޭރުވީ އިތުރު ގޮތެއް ނެތީމަކަން މުޅި ދުނިޔެއަށް އަންގަން ބޭނުންވާ ކަމަށް ހާމިދު ބުންޏެވެ.

comment ކޮމެންޓް