އދ. ގެ ޖެނެރަލް އެސަމްބްލީގައި ބައިވެރިވުމަށް ފޮރިން މިނިސްޓަރު ނިއުޔޯކަށް

ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އ.ދ ގެ 72 ވަނަ ޖެނެރަލް އެސެމްބްލީގައި ބައިވެރިވެ ވަޑައިގަތުމަށް ރައްޖޭގެ ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމް އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންފިައެވެ.

އދ. ގެ ޖެެނަރަލް އެސްމްބްލީގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފުދުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މިއަހަރު ބައިވެރިވެވަޑައިގަންނަވާނީ ވެސް ޑރ. އާސިމްއެވެ.

ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ޖަލްސާގެ މައިގަނޑު މަޝްވަރާތަކުގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

އދ. ގެ ޖެެނެރަލް އެސެމްބްލީގެ މިއަހަރުގެ މައުޟޫއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ދެމެހެއްޓެނިވި ދުނިޔެއެއްގައި ސުލްހަ އާއި ފާގަތި ދިރިއުޅުމަކަށް މަސައްކަތްކުރުން" މި މައުޟޫއެވެ.

ހަތްދިހަ ދެވަނަ އދ. ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުން ހިނގަމުންދާއިރު ރާއްޖެއިން އިސްނަގައިގެން އިތުރު ސެޝަންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ ތެރޭގައި މުޖުތަމައުގައި އަށަގެންފައިވާ އެކިއެކި ހަރުކަށި ފިކުރުތަށް ނައްތާލުމަށްޓަކައި މުޖުތަމައުގެ އެކިއެކި ގްރޫޕްތަކުން ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން ޑރ. އާސިމް ބާއްވާ ސެޝަނަކާއި ތަރައްގީވަމުން އަންނަ ޖަޒީރާގައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކާމެދު އަމަލުކުރާނެގޮތާއި ދެމެހެއްޓެނިވި މުސްތަގުބަލެއް ގާއިމުކުރުމާ ބެހޭގޮތުން އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ބާއްވާ ސެޝަނެއްވެސް ހިމެނެއެވެ.

ކުޑަކުދިންނަށް ކުރާ ގޯނާތައް ހުއްޓުވުމަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ޖެންޑާ މިނިސްޓަރު އާމިނަތު ޒެނީޝާ ޝަހީދު ޒަކީ އިސްވެ ހުންނަވައި ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކަނޑުގެ ދިރުންތައް އަންނަން އޮތް ޖީލުތަކަށް ގެންގޮސް ރައްކާތެރިކުރުމަށްޓަކައި މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ގެންގޮސް އޭގެން ލިބޭ ނަފާ އިތުރުކުރުމާ ބެހޭގޮތުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވެސް ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އދ. ގެ ސަލާމަތީ މަޖިލީހަށް 2019 އިން 2020 އަށް ދިވެހިރާއްޖެއިން މަންދޫބެއް ކަަނޑައެޅުމާއި އަދި ރާއްޖޭއަށް މުހިންމު ދާއިރާތަކާ ބެހޭގޮތުންވެސް މަޝްވަރާކުރުމަށްޓަކައި އެ ބައްދަލުވުމުގައި ބައިވެރިވާ އެހެނިހެން ގައުމުތަކުގެ ވަފުދުގެ އިސްވެރިންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

އެ ބައްދަލުވުމިގައި ބައިވެރިވާ ވަފުދުގައި ހިމެނޭ އެހެނިހެން ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރުއާއި ސެކެޓްރީ ބައިލެޓެރަލް އަހުމަދު ޚަލީލު އާއި ރާއްޖެއިން އދ. އަށް ކަނޑއަޅައިފައިވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު އަދި އދ. އަށް ރާއްޖެއިން ކަނޑައަޅާފައިވާ މިޝަންގައި ހިމެނޭ އިތުރު މުވައްޒަފުންވެސް ހިމެނޭކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

comment ކޮމެންޓް