ކަސްޓަމަރުންނަށް ފަސޭހަވާނޭގޮތަށް އެލައިޑްގެ ބިލިން ސިސްޓަމް ބަދަލުކޮށްފި

އެލައިޑް ކަސްޓަމާ ސާވިސް އޮފީހުގައި އެ ކުންފުނީގެ މުވައްޒަފުންތަކެއް ---- ސަން ފައިލް ފޮޓޯ/ އަލީ ނަސީރު

އެލައިޑް އިންޝުއަރަންސް ކޮމްޕެނީން ދެމުންދާ ހެލްތު އިންޝުއަރަންސްގެ ޚިދުމަތް ހޯދަމުންދާ ފަރާތްތަކަށް، ޚިދުމަތް ހޯދުމުގައި ލުއިގޮތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން، އެ ކުންފުނީގެ ބިލިން ސިސްޓަމަށް ބަދަލުތަކެއް ގެނެސްފިއެވެ.

އެލައިޑުން ބުނީ ކުރިން އެ ކުންފުނީގެ ހެލްތު އިންޝުއަރަންސް ސްކީމްގެ ޚިދުމަތް ގަބޫލުކުރާ ސިއްހީ ޚިދުމަތްދޭ ފަރާތްތަކުން ބިލް ތައްޔާރުކުރާ އިރު، އެލައިޑްގެ ޕޯޓަލްއަކަށް ވަދެގެން ކުރަމުން އައި މަސައްކަތް މިހާރު، ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ސިސްޓަމްތަކާ ގުޅާލެވައިފަވާ ކަމަށެވެ.

ބިލިންގ ސިސްޓަމަށް އަލަށް ގެނެވުނު ބަދަލާ ގުޅޭގޮތުން، އެލައިޑުގެ ސީނިއަރ މާކެޓިން އޮފިސަރު އާއިޝަތު ރިޝްފާ ވިދާޅުވީ، މި ބަދަލާއެކު، ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުން ކުރަން ޖެހޭ މަސައްކަތް ވަރަށް ބޮޑަށް ލުއިވެގެން ދާނޭ ކަމަށެވެ.

"ކުރީގަ ވެއްޖިއްޔާ އެލައިޑްގެ ވަކި ވެބް ޕޯޓަލްއަކަށް ލޮގިން ވެގެން ޚިދުމަތް ދޭ ފަރާރްތަކުގެ ސްޓާފުން، އެ ޕޭޝަންޓެއްގެ ލިމިޓުން ލޮކް ކުރަނީ ބިލަށް އަރާވަރު. އެހެންނަމަވެސް މިހާރު ހަމަ، އެބޭފުޅުންގެ ސިސްޓަމުން މެމޯ ރީޑްކުރީމަ އޮޓޯއިން އެ ޕޭޝަންޓެއްގެ ލިމިޓުން ކެނޑޭގޮތަށް ހަދާފައި މިވަނީ،" ރިސްފާ ވިދާޅުވިއެވެ.

"މިއީ އަސްލު ކުރަންޖެހޭ މަސައްކަތް މަދުވެފައި، ޕޭޝަންޓުންނަށް ޚިދުމަތް ދިނުމުގައި ހޭދަކުރާ ޓައިމް ޝޯޓްވެގެންދާނެ. އެހެންކަމުން ކިއުގައި މަޑުކުރާން ޖެހޭ ވަގުތުވެސް ކުރުވާނެ."

އެލައިޑުން ބުނީ، 15 ސެޕްޓެމްބަރު 2017އިން ފެށިގެން އެލައިޑް އިންޝުއަރަންސްގެ ހެލްތު އިންޝުއަރަންސް ކާޑުން، އެނދުމަތިނުކޮށް ހޯދާ ފަރުވާތަކަށް ހިދުމަތް ލިބޭނީ، އަލަށް ގެނެވުނު ބަދަލުތަކާ އެއްގޮތަށް ބިލްކުރާ އަމިއްލަ ހޮސްޕިޓަލް އަދި ކްލިނިކް ތަކަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ސައިޑުން އޭޕީއައިއެއް ތައްޔާރުކޮށްގެން މި ޚިދުމަތް ދޭ ހުރިހާ ފަރާތްތަކަކަށް ޝެއާކޮށްގެން މިދަނީ. ދެން އެތަންތަނުގެ އައިޓީ ބޭފުޅުންވެސް ކޮންމެވެސް ވަރެއްގެ މަސައްކަތެއް ކުރަން އެބަޖެހޭ. އެހެންކަމުން ޚިދުމަތް ހޯދުމުގައި ދަތިތަކެއް މެދުވެރިވެފައި މިވަނީ، އިންޓަގްރޭޓްކުރުމުގެ މަސައްކަތް ނުކުރެވޭ ތަންތަނުން،" އެލައިޑުގެ ސީނިއަރ މާކެޓިން އޮފިސަރު ވިދާޅުވިއެވެ.

ނަމަވެސް ބިދޭސީންނަށް ދެމުންދާ "މެންޑެޓަރީ" ހެލްތު އިންޝުއަރަންސްގެ ޚިދުމަތަށް ބަދަލެއް ނާންނާނޭ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. އަދި ކުރިއެކޭވެސް އެއްގޮތަށް ފަރުވާ ހޯދުމަށް ފަހު، އެލައިޑަށް ބިލް ހުށަހަޅައިގެން ފައިސާ ހޯދުމުގެ އުސޫލަށާއި އެލައިޑްގެ ހެލްތު އިންޝުއަރަންސްގެ ހެލްތު ކާޑު ބޭނުން ކޮށްގެން، އެނދުމަތިކޮށްގެން ހޯދާ ހިދުމަތަށް ބަދަލެއް ނާންނަ ކަމަށެވެ.

comment ކޮމެންޓް