އެމެރިކާ ގެންދަނީ ފުޅާދާއިރާއެއްގައި ޓެރަރިޒަމަށް އެހީތެރިވެ ވާގިވެރިވަމުން: ޕާކިސްތާން

ޕާކިސްތާނުގެ ޚާރިޖީ ވަޒީރު

އިސްލާމް އާބާދު (ސެޕްޓެމްބަރު 16): އެމެރިކާއިން ފުޅާ ދާއިރާއެއްގައި ޓެރަރިޒަމަށް އެހީތެރިވެ ވާގިވެރިވަމުން ދާކަމަށާ މިއީ ހިތާމަހުރި ކަމެއް ކަމަށް ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޚަވާޖާ މުހައްމަދު އާސިފް ވިދާޅުވެއްޖެއެވެ.

ތުރުކީގެ އަނަތޯލިޔާ ނޫސް އެޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި ޚަވާޖާ އާސިފް ވިދާޅުވީ ފާއިތުވި ފަނަރަ އަހަރު ތެރޭގައި އެމެރިކާއިން އަފްޣާން ތާލިބާނުންނަށް ސިއްރިޔާތުގައި އެހީތެރިކަން ފޯރުކޮށްދީފައިވާކަން ޕާކިސްތާނަށް ލިބިފައިވާ ޖާސޫސީ ރިޕޯޓްތަކުން ކަށަވަރުވާ ކަމުގައެވެ. މިގޮތުން އަފްޣާނިސްތާނުގެ ބިމުގެ ސާޅީސް އިންސައްތަ ތާލިބާނުންނަށް ދީނީ އެމެރިކާ ކަމަށާ އެއީ އަފްޣާނިސްތާނާއި އަވަށްޓެރި އެހެންގައުމުތަށް ހަލާކު ކުރުމުގެ ރޭވުމުގެ ދަށުން އެމެރިކާ ކުރިކަމެއްކަމަށްވެސް ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ތުހުމަތު ކުރެއްވިއެވެ. އަދި އެމެރިކާ ބޭރުފުށުން ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަ ކުރިނަމަވެސް އަޑިއަޑިން އެމެރިކާ ގެންދަނީ ނުސީދާ ގޮތެއްގައި ތާލިބާނުންނަށް އެހީތެރިވަމުން ކަމަށް ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ތުހުމަތު ކުރެއްވިއެވެ.

މިއީ އެމެރިކާއިން ޓެރަރިޒަމަށް އެހީތެރިވާކަމަށް ޕާކިސްތާނުގެ ސަރުކާރުން ރަސްމީ ސިފައެއްގައި މިހާތަނަށް ކުރި އެންމެ ބޮޑު ތުހުމަތެވެ. ނަމަވެސް އަލްގާއިދާއާއި އައިއެސް ޖަމާއަތްފަދަ ޓެރަރިސްޓް ޖަމާއަތްތަކަށް ސިއްރިޔާތުގައި ވާގިވެރިވާކަމުގެ ތުހުމަތު ވަރަށް ކުރީއްސުރެ އެމެރިކާގެ މައްޗަށް ކުރެވެމުން ދެއެވެ. މިތުހުމަތު ތަކަށް އިންކާރުކުރުން ފިޔަވައި އެހެންކަމެއް އެމެރިކާއަކަށް ނުކުރެވެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވިކިލީކްސް އިން ލީކުކޮށްލި އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ހިލަރީ ކްލިންޓަންގެ އީމެއިލްތަކުގައި އައިއެސް ޖަމާއަތަށް ސިއްރިޔާތުގައި ހަތިޔާރުގެ އެހީ ދިނުމަށް އެމެރިކާގެ މަސްއޫލުވެރިންގެ މެދުގައި ދެކެވުނު ވާހަކަތައް ހިމެނެއެވެ. މިއީ ދޮގު އީމެއިލްތަކެއްކަމަށް އެމެރިކާގެ އޭރުގެ ސަރުކާރުން ބުނެފައެއް ނުވެއެވެ.

ވިކިލީކްސް އިން ލީކުކޮށްލި އެމެރިކާގެ ޚާރިޖީ ވުޒާރާގެ އީމެއިލްތަކުގައި އައިއެސް ޖަމާއަތަށް އެމެރިކާ އެހީތެރިވަނީ އެޖަމާއަތަށް ތާއީދު ކުރާތީ ނޫންކަމާއި އެއީ އިރާގާއި ސޫރިޔާގައި އެޖަމާއަތް ބޭނުންކޮށްގެން އެމެރިކާ ހާސިލް ކުރަން ބޭނުންވާ ސިޔާސީ މަގްސަދުތަކެއް ޙާސިލް ކުރުމަށްކަން ދޭހަވާ ގިނަ ވާހަކަތައް ހިމެނެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ހިލަރީ ކްލިންޓަނަށް ނާކާމިޔަބާ ކުރިމަތި ލައްވަން ޖެހުނު މައިގަނޑު އެއްސަބަބަކީވެސް މި އީމެއިލްތައްކަން އެދުވަސްވަރުގެ ރިޕޯޓްތަކުން ހާމަވެފައިވެއެވެ. ޕާކިސްތާނެކޭ އެއްގޮތަށް ދާދިފަހުން ތުރުކީންވެސްވަނީ ޓެރަރިސްޓުންނަށް ހިޔާވަހިކަމާއި ރައްކާތެރިކަން ދޭކަމުގެ ތުހުމަތާއި ޓެރަރިޒަމްގެ އަމަލުތަކަށް ފުޅާދާއިރާއެއްގައި ވާގިވެރިވާ ކަމުގެ ތުހުމަތުވެސް އެމެރިކާގެ މައްޗަށްކޮށްފައެވެ. މިތުހުމަތުތައް އެމެރިކާގެ މައްޗަށް ކުރެއްވީ ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އެވެ.

ތުރުކީގައި ޓެރަރިސްޓް ޖަމާއަތެއް ކަމަށް ސިފަކުރާ ފަތްހުﷲ ގުލެންގެ ޖަމާއަތަށް ނިސްބަތްވާ ގިނަ ބަޔަކު ހިމާޔަތް ހޯދައިގެން ދިރުއުޅެނީ އެމެރިކާގައެވެ. އަދި ތުރުކީގެ އަދާލަތަށް ބޭނުންވާ ފަތްހުﷲ ގުލެންއަށް ހިމާޔަތާއި ރައްކާތެރިކަން ދެނީވެސް އެމެރިކާއިންނެވެ. މީގެއިތުރުން ސޫރިޔާގެ އުތުރުގައި ހަރަކާތްތެރިވާ ކުރުދީންގެ ހަނގުރާމަވެރި ޖަމާއަތްތަކަށްވެސް ހަތިޔާރާއި ތަމްރީން ފޯރުކޮށްދެނީވެސް އެމެރިކާއިންނެވެ. އަދި އިސްރާއީލުން ހިންގާ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތަކުގެ ފަހަތުގައި އޮންނަ މައިގަނޑު ގައުމަކީވެސް އެމެރިކާއެވެ. މީގެއިތުރުން ސްޓޭޓް ޓެރަރިޒަމްގެ އަމަލުތައް ހިންގައި ކުށެއްނެތް އެތަށް ބަޔަކު މަރާކަމުގެ ތުހުމަތަކީ ޒަމާނުއްސުރެ އެމެރިކާގެ ސަރުކާރުތަކާއި އެމެރިކާގެ ދައުލަތުގެ މައްޗަށް ކުރެވެމުންދާ ތުހުމަތު ތަކެކެވެ. (އަނަތޯލިޔާ ނޫސް އެޖެންސީ)

comment ކޮމެންޓް