ލޯބި ސާބިތުކޮށް ދިނުމަށް އާމިރު ވެސް ލެއިން ސިޓީއެއް ލިޔުނު!

ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު އާމިރު ޚާން ފުރަތަމަ ކައިވެނި ކުރީ ރީނާ ދައްތާ އާއެވެ. ދެމީހުންގެ ކައިވެނި ރޫޅާލީ 16 އަހަރަށް ފަހު، 2002 ވަނަ އަހަރު އެވެ. ކައިވެނި ރޫޅާލީ ދެމީހުން ވެސް އެގޮތް ބޭނުންވުމުންނެވެ. އެ ދެމެދުގައި އެއްވެސް ރުޅިވެރިކަމެއް ނެތެވެ.

ރީނާ އަކީ އާމިރުގެ ފުރަތަމަ ލޯތްބެވެ. ފުރަތަމަ ލޯބި އަބަދުވެސް ޚާއްސަ އެވެ. އާމިރު ވެސް ވަނީ ރީނާއަށް އޭނާގެ ހިތުގައި ދެވިފައިވާ ޚާއްސަ މަގާމު ބަޔާން ކޮށްދިނުމުގައި މަޖުނޫނު ފަދައިން ގިނަ ކަންތައްތަކެއް ކޮށްފައެވެ.

އެގޮތުން އާމިރު، އޭނާގެ އަމިއްލަ ލެއިން ލިޔެފައިވާ ލޯބީގެ ސިޓީއެއް ރީނާއަށް ފޮނުވިކަން މިވަނީ ހާމަވެފައެވެ.

އާމިރާއި ރީނާގެ ލޯބި ފެށިގެން އައީ ވަރަށް ފިލްމީ ކޮށެވެ. ދެމީހުންނަކީ އަވަށްޓެރިންނެވެ. އަދި ގޭގެ ކުޑަދޮރުން އެކަކު އަނެކަކަށް ބަލައެވެ. ގިނަ ދުވަސްތަކެއް ވަންދެން ކުޑަދޮރުން ރީނާގެ ހަރަކާތްތައް ބެލުމަށްފަހު، އެންމެ ފަހުން އާމިރު ވަނީ ގޭގެ ބޮޑު ދޮރު ގިރާކޮށް ރީނާއަށް ލޯބި ހުށަހަޅައިފައެވެ.

ނަމަވެސް ފުރަތަމަ ފަހަރު ރީނާ ވަނީ އާމިރުގެ ލޯތްބަށް އިންކާރު ކޮށްފައެވެ. އަދި އާމިރު ދެތިން ހަތަރު ފަހަރަށް މަސައްކަތް ކުރުމުން ވެސް ރީނާ އެއްބަސްވާ ގޮތެއް ނުވި އެވެ. އާމިރުގެ ލޯބި ރީނާ ގަބޫލު ކުރީ އެއީ ނުވާނެ ކަމެއް ކަމަށް ނިންމި ހިސާބުންނެވެ.

އެހާ އުނދަގުލުން ލޯބި ކާމިޔާބު ކުރެވުމުން، އުމުރު ދުވަހަށް ވެސް އެ ގުޅުން ދެމިގެން ދިއުމަށް އާމިރު ބޭނުންވި އެވެ. ލެއިން ސިޓީ ވެސް ލިޔުނީ އޭނާ ރީނާ ދެކެ ވަނީ ހަގީގީ ލޯބިކަން ސާބިތުކޮށް ދިނުމަށެވެ.

އެހެން ނަމަވެސް އެއީ ރީނާއަށް މާ ކަމުދާ ކަމަކަށް ނުވި އެވެ. ރީނާ ވަނީ ދެން ދުވަހަކު ވެސް އެފަދަ މޮޔަކަމެއް ނުކުރުމަށް އާމިރަށް އަންގައިފައެވެ. މީހަކު ދެކެ ވާލޯބި ހާމަކޮށްދިނުމަށް އެންމެ ރަނގަޅު ގޮތަކީ އެއީ ނޫންކަން އާމިރަށް ވިސްނުނީ އޭގެ ފަހުންނެވެ.

އާމިރާއި ރީނާ އަކީ އަދިވެސް ގާތް ދެ އެކުވެރިންނެވެ. އަދި އާމިރުގެ އާއިލާގެ މުހިންމު މެމްބަރެކެވެ. ހުރިހާ ޚާއްސަ މުނާސަބަތުތަކުގައި ރީނާ ބައިވެރިވެ އެވެ. އާމިރު ގަބޫލު ކުރަނީ އެގޮތަށެވެ. އާމިރު ބުނީ ދެމީހުން ވަރިވި ނަމަވެސް، އެ ދެމެދުގައި އޮތް ބަދަހި އެކުވެރިކަން ދުވަހަކު ވެސް ނިމުމަކަށް ނާންނާނެ ކަމަށެވެ.

ރީނާ އާއި އާމިރު ކައިވެނި ކުރީ 1986 ވަނަ އަހަރު އެވެ. 2002 ވަނަ އަހަރު އެ ކައިވެނި ރޫޅުނު އިރު ކައިވެންޏަށް ދެ ކުދިން ވަނީ ލިބިފައެވެ. އާމިރު ވަނީ 2005 ވަނަ އަހަރު ކިރަން ރާއޯ އާއި ކައިވެނި ކޮށްފައެވެ. އެ ކައިވެންޏަށް ވެސް މިހާރު ވަނީ ކުއްޖަކު ލިބިފައެވެ.

comment ކޮމެންޓް