ރިޗާއާއި ފަޒަލް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ބުނެދިނީ ފޮޓޯއަކުން!

ބޮލީވުޑް އެކްޓަރުން ކަމުގައި އަލީ ފަޒަލް އާއި ރިޗާ ޗައްޑާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަކޮށްފި އެވެ.

ދެމީހުންގެ ގުޅުމުގެ ވާހަކަ އަކީ މި ފަހުގެ ފިލްމީ ޚަބަރުތަކުން ބޮޑު ސަމާލުކަމެއް ދިން ކަމެކެވެ. އަދި ދެމީހުންގެ ދެމެދުގައި އޮތް އެކުވެރިކަން ލޯތްބަށް ބަދަލުވެފައިވާ ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.

މީޑިއާ އިން ތަފާތު ގޮތްގޮތަށް ވާހަކަ ދައްކަމުން ދަނިކޮށް، ފަޒަލް މިވަނީ އިންސްޓަގްރާމް ކުރި ފޮޓޯ އަކުން ދެމީހުންގެ ދެމެދުގައިވާ ގުޅުން ހާމަކޮށްދީފައެވެ. ފަޒަލް އިންސްޓަގްރާމް ކުރި ފޮޓޯ އަކީ ދެމީހުންގެ ފޮޓޯތަކުގެ ތެރެއިން އޭނާ އަށް "އެންމެ ކަމުދާ" ފޮޓޯ އެވެ.

ދެމީހުންނަކީ ހަމައެކަނި ގާތް އެކުވެރިން ނޫންކަމަށް ރިޕޯޓުތައް ބުނަން ފެށީ ފަޒަލްގެ ކުރިއަށް އޮތް ބްރިޓިޝް-އެމެރިކަން ފިލްމުގެ ޕްރިމިއާ އަށް ރިޗާ ވެނިސް އަށް ދިއުމުންނެވެ.

ރިޕޯޓުތަކާ ގުޅިގެން ރިޗާ ކުރިން ބުނެފައި ވަނީ އެ ދެމީހުންނަކީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އޮބާމާގެ އަނބިކަނބަލުން ނޫން ކަމަށެވެ. އަދި ދެމީހުންނަކީ އާދައިގެ އެކްޓަރުން ކަމަށާއި އެހެންކަމުން ދެމީހުންގެ ގުޅުން މީޑިއާ އަށް އެހާ މުހިންމު ވާން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

"ނަމަވެސް ފަޒަލް އާއެކު ވުމަށް އަހަރެން ވެނިސް އަށް ދިއުމުން އެއިން ކޮންމެސް އެއްޗެއް އެބަ ބުނެދޭ ދޯ؟" ރިޗާ ބުނެފައިވެ އެވެ.

ރިޗާ ދުރުދުރުން ޖަވާބު ދިން ނަމަވެސް ފަޒަލް މިވަނީ ސީދާ ޖަވާބެއްދީ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަކޮށްފައެވެ.

ފަޒަލް އާއި ރިޗާ ވަނީ 2013 ވަނަ އަހަރު ރިލީޒް ކުރި ފިލްމް 'ފުކްރޭ' ގައި އެކުގައި މަސައްކަތް ވެސް ކޮށްފައެވެ. ޚަބަރުތައް ބުނާގޮތުން ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

'ފުކްރޭ' އަށް ފަހު ދެމީހުން ވެސް ތިބީ ގާތް އެކުވެރިންގެ ގޮތުގައެވެ. އަދި ލޯބީގެ ގުޅުމުގެ ވާހަކަ ސިއްރުކޮށްފައި ވަނީ މަސައްކަތަށް އިސްކަން ދިނުމަށް ދެމީހުން ވެސް ބޭނުން ވުމުން ކަމަށްވެ އެވެ.

comment ކޮމެންޓް