ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމަށް "ހުޅުމާލެ ފޯރ ރޮހިންޔާ"ގެ ނަމުގައި ހަރަކާތެއް ފަށައިފި

"ހުޅުމާލެ ފޯރ ރޮހިންޔާ"ގެ ނަމުގައި އެޗްޑީސީން ހުޅުމާލޭގައި ކުރިއަށް ގެންދާ ފަންޑުރައިޒިން ޕްރޮގްރާމް އިފްތިތާހުކުރުން -- ފޮޓޯ: އެޗްޑީސީ

މިޔަންމާގެ ރޮހިންޔާ މުސްލިމުންނަށް ދިމާވެފައިވާ ހިތްދަތިކަމާއި އުފުލަމުންދާ ވޭނަށް، ދިވެހީންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށް ގެންދާ ކެމްޕޭނަށް އެހީތެރިވުމުގެ ގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރެޝަން (އެޗްޑީސީ)ގެ ފަރާތުން ފައިސާ ޖަމާކުރުމުގެ ހަރަކާތެއް ފަށައިފިއެވެ.

މުޅި ހުޅުމާލެ ރޮހިންޔާ މުސްލިމުންނާއެކު ތިބިކަން ދައްކައިދިނުމުގެ ގޮތުން، "ހުޅުމާލެ ފޯރ ރޮހިންޔާ" މި ނަމުގައި ކުރިއަށް ގެންދާ ހަރަކާތްތައް މިއަދުން ފެށިގެން ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ.

މި ހަރަކާތް މިއަދު ހަވީރު ރަސްމީކޮށް ފައްޓަވައިދެއްވީ، އިސްލާމިކް މިނިސްޓަރ އަހްމަދު ޒިޔާދު ބާގިރުއެވެ. އަދި މި ރަސްމިއްޔާތުގައި ސަރުކާރުގެ ވުޒާރާތަކުގެ ބައެއް ވެރީންނާއި، އެޗްޑީސީގެ އިސްވެރީންގެ އިތުރުން އެ ކުންފުނީގެ މުވައްޒަފުންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވިއެވެ.

"ހުޅުމާލެ ފޯރ ރޮހިންޔާ"ގެ ނަމުގައި އެޗްޑީސީން ހުޅުމާލޭގައި ކުރިއަށް ގެންދާ ފަންޑުރައިޒިން ޕްރޮގްރާމް އިފްތިތާހުކުރުން -- ފޮޓޯ: އެޗްޑީސީ

ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމަށް ހުޅުމާލޭގައި ދެހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ ހަރަކާތާ ގުޅޭގޮތުން ސަންއަށް މައުލޫމާތު ދެއްވަމުން، އެޗްޑިސީގެ ޑިރެކްޓަރ މުނިސިޕަލް އެޑްމިނިސްޓްރޭޝަން އަހްމަދު ފާތިޙް ވިދާޅުވީ، "ހުޅުމާލެ ފޯރ ރޮހިންޔާ" ހަރަކާތް ކުރިއަށްދާ ދުވަސްވަރު، ހުޅުމާލޭގެ މުހިއްމު ބައެއް ސަރަހައްދު ތަކުގައި ފަންޑުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ހުޅުމާލޭގެ ފަސް ސަރަހައްދެއްގައި ފޮށިތައް ބެހެއްޓިގެން ދާނެ. އަދި ބަންދު ދުވަސްތަކުގައި އިތުރު ހަ ފޮށި ހުޅުމާލޭ އެކި ސަރަހައްދުތަކުގައި ބެހެއްޓޭނެ،" ފާތިހް ވިދާޅުވިއެވެ.

"ހަފްތާ ބަންދުގައި އަޅުގަނޑުމެން ފޮށިތައް އިތުރަށް މި ބަހައްޓަނީ ޕާކުތަކުގައި. ޕާކުތަކުގައި އެގޮތަށް ބަހައްޓާ ފޮށިތައް ހުންނާނީ ހަވީރު 4-6އަށް. އެހެން ދުވަސްތަކުގައި، ހުޅުމާލޭ ފެރީޓާމިނަލް، ހުޅުމާލޭ ހޮސްޕިޓަލް، އެޗްޑީސީ އޮފީސް، ސެންޓްރަލް މޯލް އަދި ޝްވެކް ސިނަމާ މިކަހަލަ ތަންތަނުގައި ފޮށިތައް ބެހެއްޓިގެން ދާނެ."

"ހުޅުމާލެ ފޯރ ރޮހިންޔާ"ގެ ނަމުގައި އެޗްޑީސީން ހުޅުމާލޭގައި ކުރިއަށް ގެންދާ ފަންޑުރައިޒިން ޕްރޮގްރާމް އިފްތިތާހުކުރުން -- ފޮޓޯ: އެޗްޑީސީ

"ހުޅުމާލެ ފޯރ ރޮހިންޔާ" މިހަރަކާތުގައި ފައިސާ ހޯދުމަށް ހަމަޖެހިފައި ވަނީ، ހަމައެކަނި ފަންޑުފޮށި ބަހައްޓައިގެނެއް ނޫނެވެ. މީގެ އިތުރުން އަންނައުނު ހަދިޔާ ކުރާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.

"އަންނައުނު މި ބަލައިގަންނަނީ، ހަފްތާ ބަންދުތަކުގައި އެކަނި. އަދި ބަލައިގަތުމަށް ހަމަޖެހިފައި ވަނީވެސް، މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް. އެއީ އަޅުގަނޑުމެން ބޭނުންވަނީ، މިމަހުގެ 22،23 ހިސާބުގައި ސަރުކާރުން ބާއްވަން މަސައްކަތްކުރާ ޖަމްބަލް ސޭލްގައި މިތަކެތި ވިއްކަން،" އޭނާ ވިދާޅުވިއެވެ.

ފާތިޙް ވިދާޅުވީ، އަންނައުނު ވިއްކަން ނިންމީ، އަންނައުނު ހުރިގޮތަށް ފޮނުވުމުގައި ދަތިތަކެއް ހުރުމުން ކަމަށާއި ނަމަވެސް، އެތަކެތި ވިއްކައިގެން ލިބޭ ލާރި، ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމަށް ހިންގާ ފަންޑަށް ޖަމާކުރެވޭނޭ ކަމަށެވެ.

އެޗްޑީސީން އެދެނީ ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމަށް، ހުޅުމާލޭ ރައްޔިތުންގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތުގައި އެ ސަހަރުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންވެސް ވެދެއްވެސް އޮތް އެހީތެރިކަމެއް ވުމަށެވެ.

comment ކޮމެންޓް