ޝޭކްސްޕިއާގެ ޚިޔާލީ ތަމްސީލަކުން މަޝްހޫރުވި ގަނޑުވަރު

ޑެންމާކުގައި ހުންނަ ކްރޮންބޯގް ގަނޑުވަރާއި ކޯއްޓޭ: މިތަނަކީ ޝޭކްސްޕިއާގެ ޚިޔާލީ ތަމްސީލެއް ބިނާކޮށްފައިވާ ތަނެއް -- ސަން ފޮޓޯ: މާހިލް މުޙައްމަދު

(ހެލްސިންގއޮރ، ޑެންމާކް): އިނގިރޭސި އަދަބިއްޔާތުގައި އެންމެ މަޝްހޫރު ނަން، ވިލިއަމް ޝޭކްސްޕިއާގެ އަދަބީ މަސައްކަތުގެ ތެރެއިން އެންމެ މަޝްހޫރު އެކައްޗަކީ އޭނާ ލިޔުނު ތަމްސީލު "ހެމްލެޓް"އެވެ. ތަމްރީނު ދަތުރެއްގައި ޑެންމާކުގައި ހޭދަކުރާ މި ދުވަސްވަރު، އެތަނުގެ އެކިއެކި ތަންތަން ބަލަންކުރި ދަތުރެއްގައި، "ހެމްލެޓް" މި ތަމްސީލް ނިސްބަތްވާ ހަގީގީ ސަރަހައްދަށް ދެވުމުން މިކަމާބެހޭގޮތުން ލިޔެލާހިތްވީއެވެ.

"ހެމްލެޓް"އަކީ ޝާހީ އާއިލާއެއްގެ ތެރޭގައި ހިނގާ ހަމަނުޖެހުންތަކާއި އަރައިރުންތަކެއްގެ ވާހަކައިގެ މައްޗަށް ބިނާކޮށް، ލިޔުނު ޚިޔާލީ ތަމްސީލެކެވެ. ނަމަވެސް މި ތަމްސީލުގެ ވާހަކައިގެ ލޮކޭޝަނަކީ ހަގީގީ ތަނެކެވެ. އެއީ ޑެންމާކްގެ ހެލްސިންގއޮރ ނުވަތަ "އެލްސިނޯރ" ސިޓީގައި ހުންނަ ކްރޮންބޯގް ކާސްލްއާއި ކޯއްޓޭ (ފޯޓްރެސް)އެވެ.

ޑެންމާކުގައި ހުންނަ ކްރޮންބޯގް ގަނޑުވަރާއި ކޯއްޓޭ: މިތަނަކީ ޝޭކްސްޕިއާގެ ޚިޔާލީ ތަމްސީލެއް ބިނާކޮށްފައިވާ ތަނެއް -- ސަން ފޮޓޯ: ހާވިއޭރ މެދީނާ

މީލާދީން 15 ވަނަ ގަރުނުގައި ހެލްސިންގއޮރގެ އެންމެ އުތުރު ކޮޅުގައި ހަދާފައި ހުރި ކޯއްޓޭއެއްގައި ޑެންމާކްގެ ރަސްގެފާނު ފްރެޑެރިކް (ދެވަނަ) އެޅުއްވި މި ބޮޑު ގަނޑުވަރަކީ ޔުނެސްކޯއިން އެކުލަވާލާފައިވާ ދުނިޔޭގެ ތަރިކައިގެ ލިސްޓުން ޖާގަ ހޯދާފައިވާ ތަނެކެވެ. އަދި ކްރޮންބޯގް ގަނޑުވަރަކީ ފަންނުވެރިކަމުގެ އާ ދިރުން ނުވަތަ "ރެނަސޯންސް"ގެ ޒަމާނުގެ މުހިންމު ލޭންޑްމާކެއްވެސް މެއެވެ.

ޝޭކްސްޕިއާގެ ހެމްލެޓް ތަމްސީލު، ކުރުކޮށް ފޮނިކޮށް

ކްރޮންބޯގް ގަނޑުވަރުގައި އުޅެނީ ކިންގް ހެމްލެޓާއި އާއިލާއެވެ. ރަސްގެފާނުގެ ކޮއްކޮ ކްލައުޑިއަސް ރަސްކަމަށް އޮތް ދަހިވެތިކަމާ އެކު، ރަސްގެފާނު ޒަހަރުދީގެން އޭނާ މަރައިލައެވެ. އަދި އެއަށްފަހު ކްލައުޑިއަސް ރަސްކަމަށް އިސްވެ، އޭނާގެ ބޭބެގެ ހުވަފަތް އަނބިމީހާ، ރާނީ ގާޓްރޫޑްއާ ކައިވެނިކުރެއެވެ.

ރަސްގެފާނު ހެމްލެޓާއި ރާނީ ގާޓްރޫޑުގެ ދަރި ހުރެއެވެ. އެއީ ޕްރިންސް ހެމްލެޓެވެ. ޕްރިންސް ހެމްލެޓްގެ ބައްޕަގެ ރޫހު އޭނާގެ ގާތަށް އައިސް، ބޮޑުބޭބެގެ ކިބައިން ބަދަލު ހިފުމަށް އެދޭ އެދުމާ އެކު، ހެމްލެޓް އެ މަސައްކަތް ފަށައެވެ. ނަމަވެސް އޮޅިގެން މަރައިލެވެނީ ރަސްގެފާނުގެ މުސްތަޝާރެވެ.

ޑެންމާކުގައި ހުންނަ ކްރޮންބޯގް ގަނޑުވަރާއި ކޯއްޓޭ: މިތަނަކީ ޝޭކްސްޕިއާގެ ޚިޔާލީ ތަމްސީލެއް ބިނާކޮށްފައިވާ ތަނެއް -- ސަން ފޮޓޯ: ހާވިއޭރ މެދީނާ

ރަސްގެފާނުގެ މުސްތަޝާރުގެ ދަރި "ލެޔަޓީސް" މިކަމާ ހިތްހަމަނުޖެހިއްޖެއެވެ. އަދި ރަސްގެފާނުގެ ހުއްދައާ އެކު، ކަނޑީގެ ކުރިމަތިލުމަކަށް ހެމްލެޓަށް ގޮންޖަހައެވެ. ކުރިމަތިލުމުގައި ލެޔަޓީސް ބޭނުންކުރި ކަނޑީގައި ހުރީ ޒަހަރު ހާކައިފައެވެ. އޭގެން ހެމްލެޓަށް ހަމަލާދެއެވެ.

ކުރިމަތިލުމުގެ ތެރެއިން ދެމީހުންގެ އަތުގައި އޮތް ކަނޑިތައް ބަދަލުވެ، ޒަހަރުގެ ކަނޑިން ހެމްލެޓް ލެޔަޓީސަށް ހަމަލާދެއެވެ. އެއަށްފަހު ރަސްކަމުގައި ހުރި ބޮޑުބޭބެ ކްލައުޑިއަސްއަށް އެ ކަނޑިން ހެމްލެޓް ހަމަލާދެއެވެ.

ތަމްސީލު ނިމެނީ ހެމްލެޓް މަރުވުމުގެ ކުރިން އޭނާގެ "ބެސްޓްފްރެންޑް" ހޮރޭޝިއޯގެ ގާތު ކުރާ ވަސިއްޔަތަކާ އެކުގައެވެ. އެ ވަސިއްޔަތަކީ، އޭނާގެ ވާހަކަ މުޅި ދުނިޔެއަށް ކިޔައިދިނުމަށް އެދޭ އެދުމެކެވެ.

މުއްސަނދި، ދިގު ތާރީޚެއް!

ޚިޔާލީ ޑްރާމާއެއްގެ ސަބަބުން މަޝްހޫރުވި ކްރޮންބޯގް ގަނޑުވަރާއި ކިއްލާއަކީ ހަގީގީ ތާރީޚުން ފުރިފައިވާ ތަނެއްވެސް މެއެވެ.

ސޯޅަ ވަނަ ގަރުނުގައި، އެގާރަ އަހަރު ތެރޭގައި ޑެންމާކްގެ ފްރެޑެރިކް (ދެވަނަ) ރަސްގެފާނު އެޅުއްވީ މި ގަނޑުވަރުގައި 1629 ވަނަ އަހަރު އަލިފާން ރޯވެ، ބޮޑުބައެއް އަނދައި ހުލިވިއެވެ. އަލުން އާރާސްތުކުރެވުނު ނަމަވެސް، ގަނޑުވަރުގެ "ޝާހީކަން" ގެއްލިއްޖެއެވެ.

ޑެންމާކުގައި ހުންނަ ކްރޮންބޯގް ގަނޑުވަރާއި ކޯއްޓޭ: މިތަނަކީ ޝޭކްސްޕިއާގެ ޚިޔާލީ ތަމްސީލެއް ބިނާކޮށްފައިވާ ތަނެއް -- ސަން ފޮޓޯ: ހާވިއޭރ މެދީނާ

ސްވީޑެންގެ އޭރުގެ ރަސްފެގާނު ކާލް ގުސްޓާވްގެ އަސްކަރިއްޔާ ޑެންމާކަށް އަރައި، ގަނޑުވަރު ހިސޯރުކޮށް ލޫޓުވިއެވެ. ކުރިއަށް އޮތް 300 އަހަރު ކްރޮންބޯގް ގަނޑުވަރު ބޭނުންކުރީ ކިއްލާއެއްގެ ގޮތުގައި، ޑެންމާކްގެ އަސްކަރީ ބޭނުންތަކަށް އެކަންޏެވެ. އަސްކަރިއްޔާއިން އެތަން 1923 ގައި ދޫކޮށްލުމާ އެކު، ބޮޑު މަރާމާތުތަކެއް ކުރެވުނެވެ. އަދި 1938 ވަނަ އަހަރު ގަނޑުވަރާއި ކޯއްޓޭ އާންމުކޮށް ހުޅުވާލިއެވެ. ޑެނިޝ އޭޖެންސީ ފޯރ ޕެލެސެސް އެންޑް ކަލްޗަރަލް ޕްރޮޕަޓީޒްއިން ބުނާ ގޮތުގައި، އަހަރަކު 250،000 އަށް ވުރެ ގިނަ މީހުން ކްރޮންބޯގް ގަނޑުވަރު ދެކިލުމަށް ޒިޔާރަތްކުރެއެވެ.

ޑެންމާކުގައި ހުންނަ ކްރޮންބޯގް ގަނޑުވަރާއި ކޯއްޓޭ: މިތަނަކީ ޝޭކްސްޕިއާގެ ޚިޔާލީ ތަމްސީލެއް ބިނާކޮށްފައިވާ ތަނެއް -- ސަން ފޮޓޯ: މާހިލް މުޙައްމަދު

ޝޭކްސްޕިއާގެ ރޫހު މުޅި ގަނޑުވަރުގައި!

ފަންނީ އަދި އަދަބީ ރަންޒަމާނުން އެންމެ މަޝްހޫރުވި ވިލިއަމް ޝޭކްސްޕިއާ ދުވަހަކުވެސް ޑެންމާކަށް ޒިޔާރަތެއް ނުކުރެއެވެ. އަދި ކްރޮންބޯގް ގަނޑުވަރުވެސް އޭނާ ނުދެކެއެވެ. ނަމަވެސް އޭނާއާ އެކު މަސައްކަތްކުރި ބައެއް އެކްޓަރުން ކްރޮންބޯގް ގަނޑުވަރުގައި، ޑޭންމާކްގެ ޝާހީ ބޭފުޅުން މުނިފޫހިފިލުވައިދިނުމަށް ތަމްސީލުތައް ކުޅެދިނެވެ. އެމީހުންގެ ފަރާތުން އެ ގަނޑުވަރުގެ ވާހަކަތައް ޝޭކްސްޕިއާ އަޑުއެހިއެވެ.

ޑެންމާކުގައި ހުންނަ ކްރޮންބޯގް ގަނޑުވަރާއި ކޯއްޓޭ: މިތަނަކީ ޝޭކްސްޕިއާގެ ޚިޔާލީ ތަމްސީލެއް ބިނާކޮށްފައިވާ ތަނެއް -- ސަން ފޮޓޯ: މާހިލް މުޙައްމަދު

ޝޭކްސްޕިއާގެ ތަމްސީލުގެ ރޫހު، މުޅި ގަނޑުވަރުގައި ވެއެވެ. ތަމްސީލު ނިމޭ ހިސާބުގައި ހެމްލެޓް އޭނާގެ އެކުވެރިޔާ ހޮރޭޝިއޯގެ ކިބައިން ކުރާ ވަސިއްޔަތާ އެއްގޮތަށް، ކްރޮންބޯގް ގަނޑުވަރުގެ ޓުއާ ދިނުމަށް އުޅެނީ އޭނާއެވެ.

ހޮރޭޝިއޯ ފަދައިން ހެދުން އަޅައިގެން އުޅޭ ޓުއާ ގައިޑުން، ފަތުރުވެރިންނަށް ގަނޑުވަރު ދައްކައިދެނީ ހެމްލެޓް ތަމްސީލަށް ބިނާކޮށެވެ. ކިޔައިދެނީ ހެމްލެޓްގެ ވާހަކައެވެ. ގަނޑުވަރުގެ މާލަންތަކާއި ކޮޓަރިތަކަށް ފަތުރުވެރިން ގޮވައިގެން ޓުއާ ގައިޑު ހޮރޭޝިއޯ ދާ އިރު، ތަމްސީލުގެ ކެރެކްޓަރުންނަށް ވެގެން ތިބޭ އެކްޓަރުން ދާނީ ހެމްލެޓް ތަމްސީލު ކުޅެމުންނެވެ. ޒިޔާރަތްކުރާ ފަތުރުވެރިންނަށް "ހެމްލެޓް" ފަސްޓްހޭންޑްކޮށް ބަލައި ތަޖުރިބާކޮށްލުމުގެ ފުރުސަތު ދެމުންނެވެ.

comment ކޮމެންޓް