އެޓެލާންޓާ އަތުން އެވަޓަން ބަލިވިއިރު، މިލާނަށް ފަސޭހަ މޮޅެއް

ޔޫރޮޕާ ލީގުގައި އެވަޓަންއާއި އެޓެލާންޓާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އެވަޓަން ބަލިވީ 3-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ޔޫއެފާ ޔޫރޮޕާ ލީގުގައި އިޓަލީގެ އެޓެލާންޓާ އަތުން އިނގިރޭސި ކްލަބު އެވަޓަން ބަލިވިއިރު، އިޓަލީގެ އޭސީ މިލާން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

އެޓެލާންޓާއާ ދެކޮޅަށް ރަށުން ބޭރުގައި ރޭ ކުޅުނު 'ގްރޫޕް އީ'ގެ މެޗުގައި އެވަޓަން ބަލިވެފައިވަނީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ.

ގިނަ ހަމަލާތަކަކަށްފަހު އެޓެލާންޓާއިން މެޗުގެ ލީޑު ހޯދީ 27 ވަނަ މިނެޓުގައެވެ. ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން އެޓެލާންޓާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަންދްރޭ މިސިއެލޯއެވެ. އެއީ 1991 ވަނަ އަހަރަށްފަހު އެޓެލާންޓާއިން ޔޫރަޕްގެ މުބާރާތެއްގައި ޖެހި ފުރަތަމަ ލަނޑެވެ.

މެޗުގެ 41 ވަނަ މިނެޓުގައި އެޓެލާންޓާއިން ވަނީ ދެވަނަ ލަނޑެއް ޖަހާ އެވަޓަން ޕްރެޝަރަށް ވައްޓާލައިފައެވެ. އަންދްރޭ ޕެޓާނިއާ ދިން ބޯޅައަކުން އެޓެލާންޓާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން އެލެޖެންޑްރޯ ގޮމޭޒްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އެވަޓަންގެ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ހަމަލާއަކުންނެވެ.

ޔޫރޮޕާ ލީގުގައި އެވަޓަންއާއި އެޓެލާންޓާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އެވަޓަން ބަލިވީ 3-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އެޓެލާންޓާއިން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފައެވެ. ޕެޓާނިއާ ދިން ބޯޅައަކުން ބްރަޔަން ކްރިސްޓަންޓޭއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އެވަޓަންގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު، ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް އެޓެލާންޓާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން އެ ޓީމުގެ ގޮމޭޒްއާއި ރެމޯ ފްރޫލާއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ގޮމޭޒް ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައި ނުވާއިރު، ފްރޫލާ ފޮނުވާލި ހަމަލާ އަމާޒުވީ އެވަޓަން ގޯލުގެ ހުރަސް ދަނޑިއަށެވެ.

ޔޫރޮޕާ ލީގުގައި ރޭ އޮސްޓްރިއާ ވިއެންއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު 'ގްރޫޕް ޑީ'ގެ މެޗުން މިލާން މޮޅުވެފައިވަނީ ފަސޭހަކަމާއެކު 5-1 ލަނޑުގެ ނަތީޖާއަކުންނެވެ.

ޔޫރޮޕާ ލީގުގައި އޭސީ މިލާނާއި އޮސްޓްރިއާ ވިއެން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މިލާން މޮޅުވީ 5-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

އެ މެޗުގެ ފުރަތަމަ ދިހަ މިނެޓް ތެރޭގައި މިލާނުން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ނިކޯލާ ކަލިނިޗް ދިން ބޯޅައަކުން ހާކަން ޗަލްހަނޯލޫގެ ރީތި ލަނޑެއް ފެނިގެންދިޔައިރު، މެޗުގެ ދިހަވަނަ މިނެޓުގައި ޗަލްހަނޯލޫ ދިން ބޯޅައަކުން މިލާންގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަންދްރޭ ސިލްވާއެވެ.

މެޗުގެ 20 ވަނަ މިނެޓުގައި މިލާނުން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފައެވެ. ޗަލްހަނޯލޫ ދިން ބޯޅައަކުން މިލާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސިލްވާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ވިއެންގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-1 ލަނޑުގެ ނަތީޖާއަކުން މިލާން ކުރީގައި އޮވެގެންނެވެ.

ޔޫރޮޕާ ލީގުގައި އޭސީ މިލާނާއި އޮސްޓްރިއާ ވިއެން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މިލާން މޮޅުވީ 5-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

މެޗުގެ ދެވަނަ ހާފު ފެށިތާ ދެ މިނެޓް ފަހުން ވިއެން އިން ވަނީ ލަނޑެއް ޖަހައިފައެވެ. ރަފައެލް ހޮލްޒޯސާ ނަގައިދިން ކޯނަރަކުން ވިއެންއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެލެކްސެންޑާ ބޯކޮވިޗްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މިލާންގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ 56 ވަނަ މިނެޓުގައި ފްރޭންކް ކެސީ ދިން ބޯޅައަކުން މިލާންގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށް އަންދްރޭ ސިލްވާ ހެޓްރިކެއް ފުރިހަމަކުރިއިރު، މެޗުގެ 63 ވަނަ މިނެޓުގައި މިލާންގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސޫސޯއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ކުޅެން ނުކުތްތާ މިނެޓެއް ތެރޭގައެވެ.

comment ކޮމެންޓް